މިއަހަރުގެ އީދުގައި އެންމެ ހިޓްވީ "ދިލްބަރް"!

"ދިލްބަރް" ލަވައިގައި ފެނިގެންދާ ނޯރާ އާއި މިއަހަހަރުގެ އީދުގައި ނެށި ސުނީ އަދި ރިޝްމީ...

މިއަހަރުގެ ބޮޑު އީދު ފޯރިވެސް ނިމުނީއެވެ. އީދު ބަންދަށް ރަށް ރަށަށް ދިޔަ މީހުން ވެސް މާލެ އަތުވެއްޖެއެވެ. މިއަހަރުވެސް ރަށްރަށުގައި އީދު ފޯރި ވަރަށް ގަދަކޮށްލިއެވެ. ނެށުންތެރިންނާ، ބޮޑުބެރު ގްރޫޕްތަކުގެ ފަރި ހަރަކާތް ތަކުންނެވެ.

ރާއްޖެ ތެރޭ ގިނަ ރަށްރަށުގައި އީދުގެ ފަސް ރޭ ވަނީ ސްޓޭޖް ޝޯތައް ދީފައެވެ. ފިލްމީ ދާއިރާގެ ފަންނާނުންނާއި ނެށުންތެރިން އަދި ބޮޑުބެރު ގްރޫތްތަކުގެ ހުށަހެޅުންތަކުން ސްޓޭޖް ޝޯތަކުގައި ފޯރި ހިއްޕާލީއެވެ. އަދި އެރަށެއްގެ ޒުވާން ކުދިންގެ ނެށުންތެރިކަންވެސް ވަކި އެހެން ފަންނާނުންނަކާ ދުލެއް ނުކުރެއެވެ.

ރަށްރަށުގެ ޑާންސް ގްރޫޕްތައްވެސް ކޮންމެވެސް އެއް ރެޔަކު ރަށުގައި ފޯރިގަދަ ކޮށްލައެވެ. ހިތްގައިމު ދިވެހި ލަވަތަކާއި ހިންދީ ލަވަތަކަށް ފަރި ހަރަކާތް ދައްކަމުން ދިޔައީ ސްޓޭޖް ފަޅުފިލުވަމުންނެވެ.

ސުނީ އަށް ރަށަކުން މަރުހަބާ ކިޔާފައި...

މިއަހަރުގެ އީދުގެ ރޭތަކުގައި އެންމެ ހިޓްވީ ނޯރާ ފަތެހީ ފެނިގެންދާ ލަވަ "ދިލްބަރް" އެވެ. ދާދި ފަހުން ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ސަތުޔަމޭވަ ޖަޔަތޭ"ގައި ހިމެނޭ އެ ލަވައަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ތަރުހީބާއެކު މިއަހަރު ރާއްޖޭގެ ރަށްތަކުގައިވެސް އެ ލަވަ އުޅުނީ އީދު ޝޯތަކުގެ ލަވަ ލިސްޓުގެ އެންމެ ކުރީގައެވެ.

މަޝްހޫރު ފަންނާނުންގެ ލަވަ ލިސްޓުގެ އެންމެ ކުރީގައި ވެސް އުޅުނީ "ދިލްބަރް"އެވެ. ކޮންމެ ރަށަކުންވެސް އެތައް ބަޔަކު ފުރަތަމަ ވެސް ގޮވާލަނީ "ދިލްބަރް" އަށެވެ. އީދުގައި ރަށްރަށުގައި ޝޯ ދޭން ދިޔަ ފިލްމީ ތަރިންނާއި ނެށުންތެރިންވެސް ބުނީ އެ ލަވައަށް އެތައް "ރިކުއެސްޓެއް" އަންނަ ކަމަށެވެ.

ގޮމަ ގްރޫޕުގެ ނެށުންތެރިންތަކެއް ޝޯ އަކަށް ގޮސް ށ ކޮަމަންޑޫ ގައި...

"ކޮންމެ ރަށަކުން ވެސް އެތައް ބަޔަކު ގޮވާލަނީ 'ދިލްބަރް'އަށް ނަށާލަން، މިއަހަރު ހަމަ ކޮންމެ ރަށެއްގައިވެސް އެ ލަވަ އަށް ނެށިން" މިއަހަރުވެސް އީދުގައި ހަތް ރަށެއްގައި ޝޯ ދިން މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ބުނީ މިހެންނެވެ.

ރިސޯޓުތަކުގެ އިތުރުން ކޮންމެ އަހަރަކުވެސް ރަށް ރަށުގައި އީދު ޝޯތައް ދެމުން އަންނަ "ގޮމަ" ގްރޫޕްގެ މޭސްތިރިޔާ އާސިޔަތު ޝިމްލާ ބުނީ، މިއަހަރު ދިޔަ ހުރިހާ ރަށެއްގައި އެ ލަވައަށް ގްރޫޕް ޕާފޯމް ކުރި ކަމަށެވެ. ކޮންމެ ރަށަކުން ވެސް އެންމެ ތަރުހީބު ބޮޑީ "ދިލްބަރް" އަށް ކަމަށްވެސް އޭނާ ބުންޏެވެ.

އަރަމުން އަންނަ ފިލްމީ ތަރި ނުޒުހަތު ޝުއައިބު ވެސް އީދުގައި ޝޯތައް ދިނެވެ. ނުޒޫ ވެސް ވަނީ "ދިލްބަރް" ލަވައިން ސްޓޭޖް މަތީ އޭނާގެ ކުޅަދާނަ ކަން ދައްކާލާފައެވެ. ހއ. ދިއްދޫގައި ބޭއްވި ސްޓޭޖް ޝޯއެއްގައިވެސް ނުޒޫ ވަނީ އެ ލަވައަށް ނަށާފައެވެ.

ނުޒޫ ސްޓޭޖް ޝޯއެއް ގައި ނަށަނީ...

"ދެރަށެއްގަ ދިލްބަރްއަށް ނެށިން، ހަމަ ފުރަތަމަ ވެސް ރިކުއެސްޓް ކުރާނީ އެލަވައަށް" މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީ ބުނީ މިހެންނެވެ. ރިޝްމީއާއި އަހުމަދު އަޒްމީލްއާއެކު ބައެއް ފިލްމީ ފަންނާނުން މިފަހަރުގެ އީދުގައި ތިން ރަށެއްގައި ޝޯ ދިނެވެ.

ބޮޑުބެރު ގްރޫޕްތަކުގެ ޝޯ ތަކުގައިވެސް އޯޑިއަންސްއިން ގޮވާލާ އަޑު އިވެނީ "ދިލްބަަރް" ޖަހާލަ ދޭށޭ ބުނާ އަޑެވެ. ކ. މާފުށީ އަދި ބ ތުޅާދޫގައި ބޭއްވި ސްޓޭޖް ތަކުގައިވެސް ވަނީ އެ ރަށްރަށުގެ ހިތްވަރުގަދަ ނެށުންތެރިންގެ ފަރި ހަރަކާތްތައް ދައްކާލައި "ދިލްބަރް"އަށް ނަށާފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭއްވި ސްޓޭޖް ޝޯ ތަކެއް ގައިހެން "ދިލްބަރް" ލަވަ އަށް ވަނީ ނަށާފައެވެ. އެހެން ކަމުން ދިވެހިންނަށް ވެސް މިފަހަރުގެ އީދު ޝޯތަކުގައި އެންމެ ހިޓްވީ "ދިލްބަރް"އެވެ. ހިތްގައިމު ރީތި ލަވައެކެވެ.

comment ކޮމެންޓް