ގާކޮށީގެ ހުޅަނގު ދެކުނުގައި ހުންނަ މާރުކޭޓް މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުސްކުރަން އެންގީ އެ މާރުކޭޓުގައި ސާފުތާހިރުކަމުގެ މައްސަލަތައް އުޅޭތީ ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިން ބުނެފި އެވެ.
ގާކޮށި މާރުކޭޓު ހުންނަ ބިމަކީ ވިޔަވާރިވެރިންގެ ޖަމްއިއްޔާގެ ބިމެކެވެ. އެ ޖަމްއިއްޔާ އިން ވަނީ އެ ބިމުގައި ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމަށް އާންމު ފަރާތްތަކަށް ގޮޅި ކުއްޔަށް ދީފަ އެވެ. އެގޮތުން އެ ބިމުން ވިއްސަކަށް ގޮޅި ދޫކޮށްފައި ހުރެއެވެ. ނަމަވެސް މިހާރު އެތަނުގައި ވިޔަފާރި ކުރާ ފަރާތްތަކުން މުދާ ހުސް ކުރުމަށް އެ ޖަމިއްޔާއިން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އިސްމާއިލް އާސިފު މިއަދު "ސަން" އަށް ވިދާޅުވީ އެ ތަން ހުސް ކުރަން އެންގީ އެތަނުގައި ސާފުތާހިރުކަމުގެ މައްސަލަތައް އުޅޭތީ އެކަން ބެލުމަށްފަހު ކަމަށެވެ. އަދި އެއީ ކާއެއްޗެހި ވިއްކާ ތަނެއް ކަމުން އެތަން ހިންގަން ބޭނުން ވަނީ ވަކި ފެންވަރެއްގައި ހިފަހައްޓައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރީގައި އެތާ ކައިރީގައި ހުރި ފްލެޓުތަކަށް މީހުން ނާދޭ. މިހާރު ފްލެޓުތަކަށް މީހުން އައިމަ އެ މީހުން އެއެއް މިއެއް ނުބަލައި ކަންތައް ކުރަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެތަނުގައި ބުޅާ ހާއްޔަކާ، މީދާ ހައްޔަކާ އެއްޗެހި އޮންނާކަށެއް. އަޅުގަނޑުމެން ބޭނުން ވަނީ އެތަނަކީ ކާއެއްޗެހި ވިއްކާ ތަނަކަށް ވީމަ ވަކި ސްޓޭންޑަޑެއްގައި އެކަން ކުރަން،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގެ ސާފުތާހިރުކަމުގެ މައްސަލަ ހައްލު ކުރުމަށް ފަހު އަނެއްކާވެސް އެތަނަށް މުދާ އެތެރެ ކުރަން ފުރުސަތު ދޭނެ ކަމަށެވެ. އަދި އެއްވެސް މީހަކު އެތަނުން ބޭރު ކުރީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ ގޮޅި ދޫކޮށްފައިވާ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހަމަ އެންގުމާއެކު އެތަން ހުސް ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކަން އެހެން އޮތް އިރު، 10 ދުވަހުގެ މުއްދަތެއް ދިނީވެސް ފަސޭހަ ކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސާފުތާހިރުކަމުގެ މައްސަލައިގެ އިތުރުުން އެހެން މައްސަލަތަކެއް ވެސް ބައްލަވާނެ ކަމަށް އާސިފް ވިދާޅުވި އެވެ. އެގޮތުން ބައެއް ފަރާތްތަކުން އެތަން ހުސް ކުރަން އެންްގި އެންގުން ސިޔާސީ ކުރަން އުޅުނު މައްސަލަ ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ސިފަ ކުރެއްވީ އެ އަމަލަކީ ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގަ އެވެ. މީގެ އިތުރުން ދޫކޮށްފައިވާ ގޮޅީގައި ވިޔަފާރި ނުކޮށް ބަހައްޓާ މައްސަލައާއި، ގޮޅިތައް ދޫކުރުމުން ގޮޅި ތިންވަނަ ފަރާތަކަށް ދޫކުރާ މައްސަލަ ވެސް ބައްލަވާނެ ކަމަށް އާސިފް ވިދާޅުވި އެވެ.
ގާކޮށީ މާރުކޭޓަކީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ވިޔަފާރި ކުރާ ތަނެކެވެ. އަދި އެ މާރުކޭޓު ހުންނަ ސަރަހައްދުގެ ގޮތުން ގިނަ ބަޔަކަށް ފައިދާ ކުރެ އެވެ.