ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ވާދަކުރައްވާ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލ. އަތޮޅަށް ވަޑައިގެންފިއެވެ.
ޑރ. ޝަހީމް ލ. އަތޮޅަށްް ވަޑައިގަތުމުން އެ އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކައްދޫ އެއާޕޯޓަށް ޖަމާވެފައެވެ.
ޑރ. ޝަހީމްއާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުވެސް ވަނީ ލ. އަތޮޅަށް ވަޑައިގަތެވެ. ލ. އަތޮޅުގައި ޑރ. ޝަހީމް މާދަމާ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާނެއެވެ.
ޑރ. ޝަހީމްގެ އެ ދަތުރުފުޅުގައި ލ. އަތޮޅުގެ އެކި ރަށްތަކަކަށް ވަޑައިގެން ދޮރުން ދޮރަށް ކެމްޕޭންކުރުމަށް ވަނީ ހަމަޖެހިފައެވެ. މިވަގުތު ޝަހީމް ހުންނެވީ ލ. ގަމުގައެވެ. އޭނާ ގަމަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ކެމްޕޭން ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ޑރ. ޝަހީމް ވަޑައިގެންނެވީ އޭނާގެ އުފަން އަތޮޅު ކަމަށްވާ ގއ. އަތޮޅަށެވެ. އަދި އޭގެ ފަހުން ވަނީ ގދ. ތިނަދޫއަށާއި ފުވައްމުލަކު ސިޓީއަށްވެސް ވަޑައިގެންފައެވެ.
ފުވައްމުލަކާއި ގދ. ތިނަދޫއަށް ކުރެއްވި ދަތުުރުފުޅަށް ފަހު ޑރ. ޝަހީމް ވިދާޅުވީ އެ ދެރަށުންވެސް ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތާއީދެއް އޮތް ކަމަށެވެ.
މީގެއިތުރުން އޭނާ ވަނީ މެލޭޝިއާ އަށް ވެސް ވަޑައިގެން ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.