ލަންދޫ ރައްޔިތުންގެ ލޯބިން ޝީލާއާއި މަނިކު ރޮއްވާލައިފި!

ޝީލާ މެންގެ އާއިލާ ފުރާތީ ރަށު ރައްޔިތުން ހަދިޔާ ދޭން އައިސްފަ...

މިއަހަރުގެ ބޮޑު އީދު ފޯރި ނިމެނީއެވެ. މަޝްހޫރު ނެށުންތެރިންނާއި ލަވަކިޔުންތެރިންގެ އިތުރުން ފިލްމީ ތަރިންވެސް ދަނީ އީދުގެ ރޭތައް ފަޅުފިލުވާލަދެމުންނެވެ. ދިވެހި ފިލްމީ ދާއިރާގައި މަަސައްކަތްކުރާ މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި ފިރިމީހާ މުހައްމަދު މަނިކު އީދު ޗުއްޓީއަށް ދިޔައީ ނ. ލަންދޫއަށެވެ.

ދަރިފުޅު މާހީއާއި މާކިން ގޮވައިގެން ޝީލާމެން ލަންދޫއަށް ދިޔައީ އެ ރަށުގެ ރައްޓެއްސެއް ދިން ދައުވަތަކަށެވެ. މި ކުޑަކުޑަ އާއިލާ އެރަށަށް ދިޔައީ މިހުގެ 16 ވަނަ ދުވަހުއެވެ.

ޝީލާ އާއި މާހީ ލަންދޫގައި....

އީދަށް ހަނދުބެލި އިރު ޝީލާމެން ތިބީ އެ ރަށުގައެވެ. ޝީލާއާއި މަނިކު ދިޔައީ އެމީހުންގެ ދަތުރުގެ ފޮޓޯތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ. ނިކަން ފޯރި ނެގިއެވެ. ޝިލާގެ ދެ ކުދިންވެސް ތިބީ ލަންދޫގައި އުފަލުން ފޮޅިފައެވެ.

ލަންދޫގައިވެސް އީދު ފޯރި ވަރަށް ގަދަކޮށްލިއެވެ. ގިނަ ކުޅިވަރުތައް ބޭއްވިއެވެ. ދަނޑި ޖެހުމާއި އަންހެން އަދި ފިރިހެނުންގެ ވާދެމުމުގެ މުބާރާތްތައް ވަނީ ބާއްވާފައެވެ. ސްޓޭޖް ޝޯތަކާއި މަޖާ ކިތަންމެ ކުޅިވަރެއް އެ ރަށުގައި ކުރިއަށް ގެންދިޔައެވެ.

އީދު ޗުއްޓީ ނިންމާލަމުން ޝީލާގެ ފޭސްބުކް ސްޓޭޓަސްގައި ޖަހާފައިވަނީ ލަންދޫ ރައްޔިތުންގެ ރަހުމަތްތެރިކަމާއި އެކުވެރިކަމުން އެމީހުންގެ އާއިލާ އުފަލުން ރޮއްވާލައިފި ކަމަށެވެ.

ޝީލާމެންގެ އާއިލާ އެ ރަށުން ފުރަން ބަންދަރު މައްޗަށް ނުކުމެ ތިއްބާ ލަންދޫގެ ރައްޔިތުން ދިނީ ދުވަހަކުވެސް ހަނދާނުން ނުފިލާނެ ވަރުގެ ހަދިޔާއެކެވެ. ސަގާފީ ބޮޑުބެރާއެކު އެރަށު ރައްޔިތުން އައީ ޝީލާމެންނަށް ހަދިޔާ ހިފައިގެންނެވެ.

އުފަލުން ހުރެ ޝީލާ ވަނީ އެމީހުންގެ ޗުއްޓީގެ ބައެއް ވާހަކަތައް "ސަން"އަށް ކިޔައިދީފައެވެ. ޝީލާ ބުނީ އެ ދަތުރަކީ ދުވަހަކުވެސް ހަނދާނުން ނުފިލާނެ ދަތުރެއް ކަމަށެވެ. ޝީލާ ބުނީ ދަރިންނާ އެކު މިފަހަރުގެ އީދު ޗުއްޓީ ނިންމާލީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

ޝީލާ އީދު ފެންކުޅީގައި ތެންމާލާފައި...

"ވަރަށް މަޖާ ދަތުރެއް. ކަނޑު މަގުން ރަށަށް އައީވެސް އަދި ދަތުރު ނިންމާފަ މާލެ ދަނީވެސް. ވަރަށް ތަފާތު ތަޖުރިބާއެއް. މާހީއާއި މާކިންވެސް ތިބީ އުފަލުން، ހާދަ ހިތްހެޔޮ މީހުން އުޅޭ ރަށެެކޭ އެއީ. ވަރަށް މިސްވާނެ،" ވީޑިއޯ ލަވަތަކުން ބެލުންތެރިންގެ ހިތް ދަމައިގެންފައިވާ ޝީލާ ބުންޏެވެ.

ޝީލާ ބުނީ ދަތުރުތެރޭގައި ކައިބޮއި ހެދި އެއްޗެހި މަތިންވެސް ވަރަށް ބޮޑަށް ހަނދާންވާނެ ކަމަށެވެ. ކޮންމެ ގެޔަކުންވެސް ކާން ބުނާ ކަމަށާއި ތަފާތު ކާ އެއްޗެހި ރަހަ ބެލުނު ކަމަށް ވެސް އޭނާ ބުންޏެވެ. މިދަތުރުގައި ޝީލާ ވަނީ އަލަށް "ކުއްޅަވައް" ޖޫސް އެރަށުގެ ރެސްޓޯރެންޓަކުން ބޮއެފައެވެ.

ޝީލާ ބުނީ އެރަށަށް ދިޔައީ ހަމަ އީދު ޗުއްޓީގެ ހިތްހަމަޖެހުން ހޯދަން ކަމަށާއި އެއްވެސް ގޮތަކަށް ސްޓޭޖް ޝޯއަކަށް ތައްޔާރުވެގެން ނޫން ކަމަށެވެ. ނަމަވެސް އެރަށުގެ ޔައްޔިތުންގެ އެދުމުގެ މަތިން ވަގުތުން ތައްޔާރުވެލައިގެން މަނިކުއާއެކު ލަވައަކަށް ނެށިކަމަށް އޭނާ ބުންޏެވެ.

"ދަސްނުކޮށް އެ ރަށު މީހުން ބުނެގެން ހަމަ އެރީ އެ ލަވައަށް. ވަރަށް ފޯރި ގަދަވި. ޝީލާމެން ވަރަށް ތަފާތު ތަޖުރިބާއެއް ކުރީ އެރަށުގައި. ޗަކަ ކުޅިއަކަށްވެސް އެރުނިން، ވަރަށް މަޖާ ކަންކަންވެސް ދިމަވި،" ޝީލާ ކިޔައިދިނެވެ.

އީދުގެ އެކި ކުޅިވަރުތަކުގައި މަޖާ ނެގުމަށްފަހު ޝީލާމެންގެ އާއިލާ މާލެ އަންނަނީ ލަންދޫގެ ރައްޔިތުން ދިން ނުހަނު ގިނަ ހަދިޔާވެސް ހިފައިގެންނެވެ. ހަދިޔާތައް "ޕިކަޕަކަށްވެސް ނޭޅޭހާ ގިނަ" ކަމަށް ޝީލާ ބުންޏެވެ. ޝީލާއާއި މަނިކުގެ ފަރާތުން އޭނާގެ ރަހުމަތްތެރިޔާ އަށާއި މުޅި ލަންދޫގެ ރައްޔިތުންނަށް ޝުކުރިއްޔާއެވެ.

comment ކޮމެންޓް