ސިޔާސީނުވެ ކުޅުދުއްފުށީ ރައްޔިތުން ހިޔާރުކުރީ ރައީސް ޔާމީންގެ ތަރައްގީ: ނަޝީދު

ރައީސް ޔާމީން 2014 ވަނަ އަހަރު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި މެެމްބަރު ނަޝީދު ރައީސް ޔާމީންއާ ސަލާމް ކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ ވިސްނުން އެއްފަރާތްކޮށް، ކުޅުދުއްފުށީ ރައްޔިތުން ހިޔާރުކުރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެނެސްދެއްވަން މަސައްކަތްކުރެއްވި ތަރައްގީކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ކުޅުދުއްފުށީގެ 16 މަގެއްގައި ތާރު އަޅައިގެން ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ އެހެނިހެން ރައްތަކުގައި މި ސަރުކާރުން ހިންގާ ތަަރައްގީގެ މަޝްރޫއުތައް ކުޅުދުއްފުށިންވެސް ފެންނަމުންދާ ކަމަށެވެ. އަދި ރައީސްއާ ވިސްނުން ތަފާތު ބޭފުޅުންވެސް އެކަމަށް އިއްތިފާގުވާކަމަށް އޭނާ ވިދާޅުވިއެެވެ.

"މިރަަށަށް ބަލާކަމަށްވަންޏާ އެކަނިވެސް މަގުތައް ހެދުމާއި ގޮނޑުދޮށް ހިމާޔަޔްކުރުމުގެ މަޝްރޫއަށް މިހާރުވެސް އެދަނީ ބާރު ސްޕީޑެއްގައި ކުރަަމުން. އެއީވެސް 100 އަށް ވުރެ މަދު ނޫން މިލިއަނެއްގެ މަޝްރޫއެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ ފިކުރަކީ ވަކި ފިކުރެއް ކަމަށާއި އަދި ރަށަށް އަންނަ ތަރައްގީ ދެމެހެއްޓުމަށްޓަކައި އެންމެންވެސް އެކުގައި މަސައްކަތް ކުރާ ރޫހެއް ކުޅުދުއްފުށިން ފެންނަން އޮތް ކަަމަށެވެ. އަދި ރައީސްގެ ބޮޑެތި މަޝްރޫއުތަކަށް ދެކޮޅު ހަދާ މީހަކު ކުޅުދުއްފުށީގައި ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނޭ ސަރުކާރު ފަޅީގެ ބޭފުޅުންނާ ސަރުކާރު ނޫން ފަޅީގެ ބޭފުޅުންވެސް އެެހެންނަމަވެސް އެއިން ކޮންމެ ބަޔަކާއެކީ އިށީނދެ ވާހަކަ ދައްކާލިނަމަވެސް މަގުހެދުމުގެ މަޝްރޫއަށް ވަރަށް ބޮޑަށް ތާއީދު އެއާޕޯޓް މަޝްރޫއަށް ވަރަށް ބޮޑަށް ތާއީދު، ގޮނޑުދޮށް ހެދުމުގެ މަޝްރޫއަށް ވަރަށް ބޮޑަށް ތާއިދު. އަދި މިހާރު އިތުރަށް ހެދެން އުޅޭ ބަނދަރަށް ފުރިހަމައަށް ތާއީދު" ނަޝީދު ވިދާޅުވިއެވެ.

ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ރައީސް ޔާމީން ގެނެސްދެއްވަމުންގެންދަވާ ތަރައްގީ ނުފެނިދާނެ ކަމަށާއި އެހެން ގައުމުތައް ގޮތަށް އެއްފަސްކޮށް އޮތް ގައުމެއް ނަމަ ރައީސް ޔާމީން ގެންނަވާފައިވާ ތަރައްގީއާއި ފަސޭހަ އިހުސާސްކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރައީސްގެ އިގްތިސޯދީ ސިޔާސަތަކީ މިހާތަނަށް ހިނގައިދިޔަ އެންމެ ވަރުގަދަ، އެންމެ ބާރުގަދަ، އެންމެ ދުރަށް ފެތުރިގެންދާ ސިޔާސަތު. ކުރުފިޔަވަޅުތަކެއް ނޫން މިއަޅަނީ. މުޅި ގައުމުގެ ގޮތުން ބަލާއިރު މި އަޅަނީ ވަރަށް ދިގު ފިޔަވަޅުތަކެއް،" ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް