ޕާކިސްތާނުގެ އައު ލީޑާޝިޕް އޮތީ އިންޑިއާއަށް ދޫދޭގޮތަކަށް ނޫން

އިސްލާމް އާބާދު (އޮގަސްޓް 21) : އިންޑިއާއާ އެކު ގުޅުންތައް ރަނގަނޅުކުރަން ބޭނުން ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ އިންޑިއާ އިން ވާހަކަތަކަށް ފުރުސަތު ދީގެންކަމަށް ޕާކިސްތާނުން ބުނެފި އެވެ.

އިސްލާމް އާބާދުގައި އިއްޔެ ދެއްވި ބަޔާނެއްގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ގުރައިޝީ ވިދާޅުވީ ޕާކިސްތާނުން އިންޑިއާއަށް ދޭންޖެހޭ ހުރިހާ ދޫތަކެއް ވާނީ ދީފައި ކަމަށާއި ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން ފަސްޖެހެނީ އިންޑިއާ ކަމުގަ އެވެ.

ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުންތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް އިމްރާމްޚާން ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވިތާ ދެ ދުވަސްފަހުން ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވުމުން އިންޑިއާ ގެންގުޅޭ ގޮތްދޫނުކުރުމުގެ ސިޔާސަތުތަކުގެ ކުރިމަތީގައި ޕާކިސްތާނުގެ އައު ލީޑަރޝިޕް އޮތީ އިތުރު ދޫތައްދީގެން އިންޑިއާ ރުއްސުމުގެ ވިސްނުމުގައި ނޫންކަން މިވަނީ ހާމަވެފަ އެވެ.

އިމްރާން ޚާންގެ ބޮޑުވަޒީރުކަމުގައި އޭނާގެ ސަރުކާރުން ބޭއްވި ކެބިނެޓްގެ ފުރަތަމަ ޖަލްސާގެ ކުރިން ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަޙްމޫދު ގުރައިޝީ ވިދާޅުވީ ހުއްޓިފައިވާ ސުލްޙައިގެ ވާހަކަތައް އަލުންފަށަން ޕާކިސްތާން އޮތީ ތައްޔާރަށް ކަމަށާއި އިންޑިއާ އެކަމަށް ބޭނުން ނަމަ މިހާރު ވެސް ވާހަކަތައް ފަށަންވީ ކަމުގަ އެވެ.

އިމްރާން ޚާންޕާކިސްތާނުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އިމްރާން ޚާންއާ ގުޅުއްވައި އޭނާއަށް މަރްހަބާ ދަންނަވައިފަ އެވެ. އެއަށް ފަހު އިމްރާންޚާން ވަނީ ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން މޯދީ އާ ފޯނުން ގުޅުއްވައި ކަޝްމީރުގެ މައްސަލަ ހައްލުކުރުމާ ބެހޭ ވާހަކަތައް ފެށުމަށް އެދިވަޑައިގެންފަ އެވެ. މޯދީ ވެސް ވަނީ އުސޫލެއްގެ ގޮތުން އެކަމަށް އެއްބަސްކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ސުލްހައިގެ ވާހަކަތައް ފެށުނު ނަމަވެސް ކަޝްމީރުގައި ކޮންމެ ވެސް ހަމަލާތަކެއް ދޭއިރަށް ނޫނީ އިންޑިއާ ހިތްހަމަނުޖެހޭ ކަމެއް ދިމާވާއިރަށް އިންޑިއާ ގެންދަނީ ސުލްޙައިގެ ވާހަކަތައް ހުއްޓާލަމުންނެވެ. މިގޮތުން އެންމެފަހުން ފެށި ސުލްހައިގެ ވާހަކަތައް ހުއްޓުނީ ވެސް ހަނގުރާމަވެރިންގެ ހަމަލާއަކާ ގުޅިގެންނެވެ. މިފަދަ ޙަމަލާތަކުގެ ޒިންމާ އިންޑިއާ އަޅުވަނީ ޕާކިސްތާން ސަރުކާރުގެ ބޮލުގަ އެވެ. މިނިވަން ކަމަށް މަސައްކަތްކުރާ ޖަންމޫ ކަޝްމީރުގެ ހަނގުރާމަވެރިންގެ ފަހަތުގައިވަނީ ޕާކިސްތާން ސިފައިން ކަމަށް އިންޑިޔާ ތުހުމަތު ކުރެ އެވެ. ނަމަވެސް ޕާކިސްތާނުން މިކަން ދޮގުކުރެ އެވެ.

އިންޑިއާގެ ޚާރިޖިއްޔާ އިން ބުނީ އިމްރާން ޚާން ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމާ އެކު އެ ވުޒާރާ އިން މޯދީގެ ސިޓީ ފުޅެއް އިމްރާންޚާން އަށް ފޮނުވާފައިވާނެ ކަމަށާއި އެ ސިޓީ ފޮނުވީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް ކަމުގަ އެވެ. އެސިޓީގައި ޕާކިސްތާނާ އެކު ގުޅުންތައް ރަނގަނޅުކުރަން ބޭނުންކަމާ އަދި ސުލްޙައިގެ ވާހަކަތައް ވެސް އަލުން ފަށަން ބޭނުންވާކަން މޯދީ ބަޔާން ކުރައްވާފައިވާ ކަމުގަ އެވެ.

ޕާކިސްތާން ބޭނުންވަނީ ސުލްޙައިގެ ވާހަކަތައް ނަމަކަށް ފެށުމުގެ ބަދަލުގައި ކޮޅެއްގައި ޖެހެންދެން އެވާހަކަތައް ކުރިޔަށްގެންދާނެކަމުގެ ޔަގީންކަން އިންޑިއާގެ ފަރާތުން ލިބުންކަމަށާއި މި ޔަގީންކަން އިންޑިއާގެ ފަރާތުން ނުލިބޭ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ބުނެ އެވެ.

އިންޑިއާ އަފްޣާނިސްތާނަށް ވަންނަމުންދާ މައްސަލާގައި ވެސް ޕާކިސްތާން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕާކިސްތާނުގެ ސަލާމަތީ ކަންކަމާ ގުޅިފައިވާ އަފްޣާނިސްތާނަށް އިންޑިއާ އަސްކަރީ ގޮތުންނާއި މަދަނީ ގޮތުން ވަންނަނީ ޕާކިސްތާނުގެ ގައުމީ މަސްލަހަތަށް ނުރައްކާ ކުރުމުގެ ނިޔަތުގައި ކަމަށް ޕާކިސްތާނުން ދެކެ އެވެ.

އަނެއްކޮޅުން ޕާކިސްތާނުން ޗައިނާއާ އެކު އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް ބަދަހި ކުރަމުން ގެންދާ މައްސަލާގައި އިންޑިއާ ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އިންޑިއާ ވެސް ވިޔަފާރީގެ ގޮތުންނާއި ތަރައްގީގެ ކަންކަމުގައި ޗައިނާއާ ގުޅުންތައް ބަދަހި ކުރަން މަސައްކަތް ކުރަމުން ގެންދެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް