ދެ މިލިއަނަށް ވުރެ ގިނަ ހައްޖުވެރީންގެ ޚިދުމަތަށް ސައުދީ ފުރިހަމައަށް ތައްޔާރު

މިއަހަރުގެ ހައްޖު މޫސުމަށް ސައުދީން ވެފައިވާ ތައްޔާރީ ތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު ހަވީރު މިނާގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުން-- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

މިނާ، މައްކާ (18 އޯގަސްޓް) - ގާތްގަނޑަކަށް ދެ މިލިއަނަށް ވުރެ ގިނަ ހައްޖުވެރީން މާދަމާ މިނާއަށް ޖަމާވާނޭ ކަމަށް ބެލެވޭއިރު، އެ ހުރިހާ އެންމެނަށް ޚިދުމަތްކުރުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ހައްޖާގުޅުންހުރި އެކި މުއައްސަސާތައް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ސައުދީ އޮފިޝަލުން ބުނެފިއެވެ.

މިއަހަރުގެ ހައްޖު މޫސުމަށް ސައުދީން ވެފައިވާ ތައްޔާރީ ތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު ހަވީރު މިނާގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި، ސައުދީ އިންޓީރިޔަރ މިނިސްޓްރީގެ ސެކިއުރިޓީ ސްޕޯކްސްޕާސަން، މޭޖަރ ޖެނެރަލް މަންސޫރު އަލް ތުރުކީ ވިދާޅުވީ، ސައުދީ އެކި ގައުމުތަކުންނާއި، ސައޫދީ ރައްޔިތުންނާއެކު މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ޖުމުލަ ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާނޭ ކަމަށެވެ.

މިއަހަރުގެ ހައްޖު މޫސުމަށް ސައުދީން ވެފައިވާ ތައްޔާރީ ތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާކުރުމަށް މިއަދު ހަވީރު މިނާގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުން-- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

ތުރުކީ ވިދާޅުވީ، ހައްޖުމަހުގެ އަށް ވަނަ ދުވަހުގެ ރޭ މިނާގައި މަޑުކުރުމަށް ފަހު ޖެހިގެން އަންނަ ދުވަހު އަރަފާތަށް ދިއުމަށް އަންނަ މީހުންނަށް ޚިދުމަތް ދިނުމަށް ކަމާ ގުޅުންހުރި އެކިއެކި އިދާރާތަކުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސީދާ އަދަދު ހާމަކުރާނީ، އަރަފާތު ދުވަހަށް ފަހު، ގުރުބާންކުރާ ދުވަހު (އުލްޙިޔާ ކަތިލާ ދުވަހު) ކަމަށް އޭނާ ވިދާޅުވިއެވެ.

މޭޖަރ ޖެނެރަލް އަލް ތުރުކީ ވިދާޅުވީ، ސައޫދީގެ ރައްޔިތުންނާއި، ތަފާތު ބޭނުންތަކުގައި ސައޫދީގައި ދިރިއުޅޭ ބޭރު މީހުން ހިމެނޭގޮތަށް، ސައޫދީގެ އެތެރޭން، މިއަހަރުގެ ހައްޖުގައި 240،000 މީހުން ބައިވެރިވާނޭ ކަމަށެވެ.

މިނާގެ ޕަބްލިކް ސެކިއުރިޓީ ހެޑްކުއާޓާރޒްގައި މިއަދު ހަވީރު، ހައްޖާގުޅޭ ކަންކަން ރާވައި ހިންގާ އެކިއެކި މުއައްސަސާތައް ގުޅިގެން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އަލް ތުރުކީ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ކަނޑުގެ މަގުންނާއި ވައިގެން މަގުން، އަދި އެއްގަމު މަގުން، ހައްޖުގެ އަޅުކަން އަދާކުރުމަށް ސައޫދީއަށް އަންނަ މީހުންގެ ބޮޑުބައެއް މިހާރު ސައުދީއަށް އެތެރެވެ ނިމިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ސައުދީއަށް އެތެރެވެފައިވާ ހައްޖުވެރީންގެ 50 އިންސައްތަ މީހުން ފުރަތަމަ ދާނީ، ކީރި ރަސޫލާ صلى الله عليه وسلم އަށް ޒިޔާރަތްކުރުމަށް މަދީނާއަށް ކަމަށެވެ. ރަސޫލާ صلى الله عليه وسلمގެ ހަދީސްފުޅުން އެނގެން އޮން ގޮތުގައި، މަދީނާއަށް ޒިޔާރާތްކުރާ މީހުން އެތަނުގައި ފަސްވަރަކަށް ދުވަހު މަޑުކުރަން ޖެހޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މާތްވެގެންވާ މަސްޖިދުއް ނަބަވީގައި 40 ނަމާދުކުރުމަށެވެ.

ހައްޖުގެ އަޅުކަމަށް މައްކާއަށް އައިސް ތިބި މީހުން، ހޮޓަލުން ޙަރަމްފުޅަށް ދިއުމަށް ލުއިފަސޭހަކުރުމަށް ތަފާތު ނިޒާމުތައް ވަނީ ގާއިމުކޮށްފައެވެ.

ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ތަރުޖަމާނު ވިދާޅުވީ، މިއަހަރުގެ ހައްޖާއި ޢުމްރާއަށް އައި މީހުންގެ ތެރޭން މިހާތަނަށް މަދީނާއަށް ދަތުރުކުރި މީހުންގެ އަދަދު 750,000އަށް އަރާ ކަމަށާއި އެ އެންމެންގެ ދަތުރުފަތުރަށް، 21،000 ބަސް ބޭނުންކޮށްފައިވާ ކަމަށެވެ.

ހައްޖުގެ އަޅުކަމަށް މައްކާއަށް އައިސް ތިބި މީހުން، ހޮޓަލުން ޙަރަމްފުޅަށް ދިއުމަށް ލުއިފަސޭހަކުރުމަށް ތަފާތު ނިޒާމުތައް ވަނީ ގާއިމުކޮށްފައެވެ.

އޭނާ ވިދާޅުވީ، އަރަފާތާއި މިނާގައި ތިބޭއިރު ވެސް ހައްޖުވެރީންނަށް އެންމެ ރައްކާތެރި އަދި ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދީފައި ވާނޭ ކަމަށެވެ. އޭގެ ތެރޭން 35 އިންސައްތަ މީހުން ޝަޓްލިން ޓްރާންސްޕޯޓް ސިސްޓަމް ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 25 އިންސައްތަ މީހުން އިހު ޒަމާނުގެ ދަތުރުފަތުރުގެ ނިޒާމު ބޭނުން ކުރާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާތް ﷲގެ ގެފުޅަށް ޒިޔާރާތްކުރާ ފަރާތްތަކަށް، ވީހާވެސް ރަނގަޅަށް ކަންކަން ހަމަޖެއްސުމަށް ސައުދީ ރަސްކަމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަޝްރޫއަކީ، ކިންގްޑަމް ވިޝަން 2030ގައި ވަރަށް ބޮޑު އިސްކަމެއް ދީފައިވާ މަޝްރޫއެކެވެ.

ސައުދީ ސަރުކާރުން ދަނީ، ހައްޖުގެ އަޅުކަން އަދާކުރަން އަންނަ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަކޮށް، އަމާންކަމާއި އެކު ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ކަންކަން ފަހިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ. އަދި ހުރިހާ ހައްޖުވެރީންވެސް ސަލާމަތީ ކަންތައްތަކާއި އަދި ސިއްހީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް