ހައްޖަށް ގޮސް އުޅޭއިރު ކޮންމެހެން ސަމާލުވާންވީ ބައެއް ކަންކަން

ހައްޖަށް ގޮސް ތިބި މީހުން އަޅުކަން ކުރުމުގައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ހައްޖުގެ އަޅުކަމުގައި އުޅޭ ދުވަސްވަރަކީ ވަރަށް ތަފާތު މާހައުލެއްގައި އުޅެން ޖެހޭ ދުވަސްވަރެކެވެ. އާންމުކޮށް އުޅޭ އުޅުމާއި، ހައްޖުގެ ދުވަސްވަރު އުޅެންޖެހޭ މާހައުލު އެންމެ ބޮޑަށް ތަފާތުކުރުވަނީ، މިއީ އެތަކެއް ހާސް މީހުން، ގިނަ ވަގުތުތަކެއްގައި އެއްތަނަކަށް ޖަމާވެ އުޅޭ ދުވަސްވަރަކަށް ވުމެވެ.

ސައުދީ ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިއަހަރުވެސް ދެ މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާނެއެވެ. ހަމަ އެކަނި ސައުދީން ބޭރުންވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމަށް އެ ގައުމަށް އެތެރެވާނޭ ކަމަށް ބެލެވެއެވެ. މި އެންމެންގެ އިތުރުން ސައުދީ ތެރޭންވެސް މިލިއަނަކަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާނޭ ކަމަށް ބެލެވޭއިރު، މި އެންމެންވެސް ހަރަކާތްތެރިވާނީ އެއް ސަރަހައްދެއްގައެވެ.

ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސައުދީ އަށް ގޮސްފައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

މައްކާގައި ހުންނަ މަސްޖިދުލް ޙަރަމާއި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ މިހާރުވެސް ގިނަ ވަގުތުތަކުގައި އޮންނަނީ ފުރި ބާރުވެފައެވެ. އެހެން ކަމުން އަރިދަފުސް ރޯގާއެއް ނުވަތަ އެ ނޫންވެސް ވައިގެ ޒަރީއާއިން ފެތުރޭ ތަފާތު ބަލިމަޑުކަން ފެތުރުމަށް މިއީ ވަރަށް ފަސޭހަ މާހައުލަކަށް ވާނެއެވެ. އެކަންކަމުން ރައްކާތެރިވެ ތިބުމަކީ ހަމަ ކޮންމެ ފަރުދެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި ގަބޫލުކުރާން ޖެހެއެވެ. އަދި އެ ޒިންމާ އަމިއްލައަށް އަދާކުރާންވެސް ޖެހެއެވެ.

މި އޯގަސްޓް މަހުގެ 19 އިން 24އަށް، މާއްކާ، މިނާ، އަރަފާތު އަދި މުޒްދަލިފާ ހަމަ ރަނގަޅަށް ވެސް ތޮއްޖެހޭނެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ސަލާމަތާ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. އަދި ދެންތިބި މީހުންގެ ރައްކާތެރިކަމަށްވެސް ސަމާލުވާން ޖެހޭނެއެވެ.

ހައްޖުގެ އަޅުކަމަށް ގިނަ ބަޔަކު ޖަމަވުމާ އެކު ސައުދީގެ މަގުތައް ވަނީ ހަލަބޮލިވެފައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

މިދުވަސްވަރު މައްކާއާއި މަދީނާގައި ސަލާމަތީ ކަންތައްތަކުގެ އިތުރުން، ސިއްހީ ކަންކަމުގައި މީހުން ހޭލުންތެރިކުރުވުމަށް ސައުދީ ސަރުކާރުން ދަނީ، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ގައުމުތަކުން ހައްޖަށް އަންނަ ފަރާތްތަކަށް، އެގައުމުތަކުގައި ހުންނަ ސައުދީ އެމްބަސީ ތަކާއި އެގަމުތަކުގެ ސަރުކާރުތަކާ ގުޅިގެން، ހޭލުންތެރި ކުރުވުމާއި އަދި މިނޫންވެސް ތަފާތު ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ތިރީގައި މިވަނީ ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް މިދުވަސްވަރު ސައުދީއަށް އައިސް އުޅޭ ފަރާތްތަކަށް އެގައުމުގެ ސަރުކާރުން މެދު ނުކެނޑި ދެމުން އަންނަ ބައެއް އިރުޝާދުތަކެވެ.

ހައްޖުގެ އަޅުކަމަށްސައުދީ އަށް ގޮސްފައި ތިބި ބައެއް މީހުން --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

މިކަންކަމަށް ސަމާލުވޭ!

  • މުހިއްމު އަދި އިމަޖެންސީ ނަންބަރުތައް ފޯނުގައި ސޭވްކޮށްފައި ބަހައްޓާށެވެ.
  • ޕާސްޕޯޓުގެ ކޮޕީއެއް އަދި މެޑިކަލް ރެކޯޑްގެ ކޮޕީއެއް އަބަދުވެސް އަތުގައި ބޭއްވުން ވަރަށް މުހިއްމެވެ.
  • ހައްޖަށް އަންނައިރު ޖަހަން ޖެހޭ ވެކްސިން ޖަހާފައިވާ ކަށަވަރު ކުރާށެވެ.
  • ބޮޑު ބައްޔަކަށް ބޭސްކުރަމުން ދާނަމަ، ބޭނުންކުރަމުންދާ ބޭސްތައް، ފުދޭވަރަށް އަތުގައި ބަހައްޓަން ހަނދާން ކުރާށެވެ.
  • އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް އުޅޭނަމަ، ޑޮކްޓަރެއް ނުވަތަ ސިއްހީ ލަފާދޭ މީހަކަށް ދައްކަން ލަސް ނުކުރާށެވެ.
  • އުނަގަނޑުގައި އައްސައިގެން ގެންގުޅޭ، ބެލްޓް ދަބަހުގައި އަބަދުވެސް މުހިއްމު ބޭހާއި އެފަދަ ތަކެތި ބަހައްޓަން ހަނދާންކުރާށެވެ.
  • މާބޮޑަށް މީހުން ތޮއްޖެހިފައިވާ ތަންތަނާ ކައިރި ވާނަމަ، މޫނުގައި މާސްކުއަޅަން ހަނދާންކުރާށެވެ. އަދި މާސްކު ބޭނުން ކުރުމަށް ފަހު އަވަހަށް ބަދަލުކުރާންވެސް ހަނދާން ބަހައްޓަން ވާނެއެވެ.
  • ހީޓް ސްޓްރޯކުން ސަލާމަތްވެ ތިބުމަށް ވީހާވެސް ގިނައިން ފެންބުއިމަށް އާދަކުރާށެވެ. އަދި ފިނިފެން ބުއި ނަމަވެސް އައިސްކިއުބް ބޭނުން ނުކުރާށެވެ.
  • ބޭރުން ކާނަމަ އެތަންތަނުގެ ސާފުތާހިރުކަން ޔަގީންކުރާށެވެ. އަދި އަބަދުވެސް އެންމެ ސާފުތާހިރު ތަން އިހްތިޔާރުކުރާށެވެ.
  • ސައުދީގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަދި ސަގާފަތަށް ހުރުމަތްތެރިކޮށް ހިތާށެވެ.
  • އަޅުކަމަށް ބޭރަށް ނުކުންނައިރުވެސް އެންމެ ރަނގަޅު ވަގުތާއި މީހުން އެންމެ ތޮއްނުޖެހޭނޭ ގަޑިތައް ބަލާށެވެ. އަދި މިކަމުގައި ގްރޫޕްތަކުން އަންގާ ގޮތަށް އެންމެންވެސް އަމަލުކުރުން ވަރަށް މުހިއްމެވެ.

ހައްޖުގެ އަޅުކަމަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސައުދީ އަށް ގޮސްފައި --- ސަން ފޮޓޯ: އަހުމަދު މުޖުތަބާ

ސަލާމަތީ ގޮތުންނާއި އަދި ސިއްހީގޮތުން ސަމާލުވުމަށް އަންގައި، ސައުދީގެ ހައްޖު އެންޑް އުމްރާ މިިނިސްޓްރީން ފޮނުވާ މެސެޖުތަކަށް ފަރުވާތެރިވެ އޭގައި ވާގޮތަށް ހުރިހާ ހައްޖުވެރީންވެސް އަމަލުކުރާށެވެ. އަދި ވީހާވެސް ބޮޑަށް ހައްޖާ ގުޅޭ އެންމެ ފަހުގެ ޚަބަރުތައް ހޯދުން ވަރަށް މުޙިއްމެވެ.

ދަތުރުފަތުރު ކުރުމުގައި ވީހާވެސް މީހުން ތޮއްޖެހޭ ފަދަ ސަރަހައްދުތައް ބޭނުން ނުކޮށް ވާނޭ ގޮތަކަށް ކަންކަން ރޭވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެމީހަކާ ހަވާލުވެ ތިބޭ ގްރޫޕްތަކުން މިކަމުގައި ހަރަކާތްތެރި ވާނެއެވެ. ހައްޖުވެރީންނަށް އޮތީ އެއްބާރުލުން ދިނުމެވެ.

ރައްކާތެރި ގޮތުގައި ހައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށް އެންމެނަށް ވެސް މަގުފަހި ކޮށްދިނުމަށް ސައުދީ ރަސްގެފާނުގެ ފުރިހަމަ ބެއްލެވުމުގެ ދަށުން ސައުދީ ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމުގައި ސައުދީ ސަރުކާރާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައްވެސް ހިމެނޭ ގޮތަށް އެތަކެއް ހާސްމީހުން ހަރަކާތްތެރިވަމުން ދެއެވެ.

comment ކޮމެންޓް