މޮޓޮރޯލާގެ އާ ފޯނަކީ އައިފޯން 10ގެ ކޮޕީއެއް ކަމަށް ބުނެ ފާޑުކިޔުންތައް

މޮޓޮރޯލާގެ ޕީ30 އަކީ އައިފޯން 10ގެ ކްލޯންއެއް ކަމަށް ބައެއް ފަރާތްތަކުން ބުނޭ --

ސްމާޓްފޯން ބްރޭންޑު މޮޓޮރޯލާއިން ތައާރަފު ކުރި އާ ފޯނަކީ އެޕަލްގެ އައިފޯން 10ގެ ކޮޕީއެއް ކަމަށް ބުނެ އެކުންފުންޏަށް ގިނަ ބަޔަކު ފާޑު ކިޔައިފި އެވެ.

ޓެކް ނޫހެއް ކަމަށްވާ ދި ވާޖްގައިވާ ގޮތުން ބަލާ ބެލުމަށް މޮޓޮރޯލާ ޕީ30 އާއި އައިފޯން 10އިން މާބޮޑު ތަފާތެއް ނުފެނެ އެވެ. އެގޮތުން ދެ ފޯނުގައި ވެސް ބިއްލޫރި ސްކްރީނެއް ހުންނަ އިރު، ސްކްރީން ވަށައިގެން ހުންނަ ބެޒެލް ވަރަށް ކުޑަ އެވެ.

އަދި މޮޓޮރޯލާއިން ޕީ30 އިޝްތިހާރު ކުރަމުން ދަނީ އައިފޯން 10ގެ އިޝްތިހާރުތަކުގައި ވެސް ބޭނުން ކުރި ފަދަ ވޯލްޕޭޕާއަކާ އެކު ކަމުން، ޕީ30 ހީވަނީ އައިފޯންގެ ކްލޯންއެއް ހެން ކަމަށް ވެސް ނޫސްތަކުގައިވެ އެވެ.

ދި ވާޖުގައިވަ ގޮތުން އެދެ ފޯނުގެ ތަފާތު ކަމަކީ އައިފޯނުގެ ފަހަތުގައި ހުންނަ އެޕަލް ލޯގޯގެ ބަދަލުގައި މޮޓޮރޯލާ ލޯގޯ ހުރުމެވެ. އަދި އެލޯގޯ ފިންގާޕްރިންޓް ސެންސަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކަމެވެ.

މޮޓޯރޯލާގެ ޕީ30 އިޝްތިހާރު ވެސް ކުރަނީ ވަރަށް އެއްގޮތް ވޯލްޕޭޕާއަކާ އެކު --

މޮޓޯ ޕީ30 އަކީ 6.2 އިންޗީގެ ޑިސްޕްލޭއެއް ހުންނަ އަދި 12 މެގަޕިކްސެލްގެ ސެލްފީ ކެމެރާއަކާއި 16 މެގަޕިކްސެލް އާއި 5 މެގަޕިކްސެލްގެ ދެ ކެމެރާ ފަހަތުގައި ހުންނަ ފޯނެކެވެ.

ދެހާސްސާދަ ވަނަ އަހަރު މޮޓޮރޯލާ ބްރޭންޑު ގަތް ލެނޯވޯއިން ޕީ30ގެ ފާޑު ކިޔުންތަކަށް އަދި ރައްދު ދީފައި ނުވެ އެވެ.

މޮޓޯ ޕީ30 ފުރަތަމަ ވިއްކަން ހަމަޖެހިފައި ވަނީ ޗައިނާގައި އެވެ. އަންނަ މަހުގެ 15އިން ފެށިގެން އެފޯނުގެ 64 ޖީބީ މޮޑެލް ވިއްކާނީ 303 ޑޮލަރަށެވެ. އަދި 128 ޖީބީގެ ސްޓޯރޭޖް ހުންނަ މޮޑެލް ވިއްކާނީ 360 ޑޮލަރަށެވެ.

އެފޯނު ލިބެން ހުންނާނެ ކުލަތަކުގެ ތެރޭގައި ކަޅާއި ހުދާއި އަރޯރާ ހިމެނެ އެވެ.

comment ކޮމެންޓް