އިންޑިއާގެ ފެންބޮޑުވެފައިވާ ސަރަހައްދުން ދާން ބޭނުންވާ ދިވެހިންނަށް ބަސް ހަމަ ޖައްސައިދީފި

ޓްރިވެންޑްރަމްގައި ހާލުގައި ޖެހިފައިވާ ދިވެހިންތަކެއް-- ފޮޓޯ: ޓރިވެންޑްރަމް ކޮންސިއުލޭޓް

އިންޑިއާއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެފައިވާ ކޮޗިންގެ އަމރިތާ ހޮސްޕިޓަލާ ކައިރީ ދިރިއުޅޭ ދިވެހިންނަށް އެތަން ދޫކޮށް ދިއުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބަސް ހަމަަޖައްސައިދީފި އެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ކޮންސިއުލޭޓް ޖާދުﷲ ހުސައިން ތައުފީގު "ސަން"އަށް ވިދާޅުވީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން އަމްރިތާ ހޮސްޕިޓަލް ކައިރީ ދިރިއުޅޭ ދިވެހިންނަށް ޓްރިވެންޑްރަމްއަށް ދާން ބަހުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ޖާދުﷲ ވިދާޅުވީ 120 މީހުން މިހާރުވެސް ޓްރިވެންޑްރަމްއަށް ދާން އެދިފައިވާ ކަމަށެވެ. އެހެންވެ ޖުމް ތިން ބަހެއް އިންތިޒާމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ކޮންމެ ބަހަކީ 50 މީހުންގެ ޖާގައިގެ ބަހެއް ކަމަށް ވިދާޅުވި އެވެ.

"މިހާރު ދެ ބަހައް މީހުން އަރަމުން އެދަނީ ޓްރިވެންޑްރަމްއަށް ދާން. ތިންވަނަ ބަސް ހެނދުނު ނައްޓާލާނެ ކޮޗިންއިން" ޖާދުﷲ ވިދާޅުވި އެވެ.

ޖާދުﷲ ވިދާޅުވީ އެސަރަހައްދުން ދާން ބޭނުންވާ އިތުރު ދިވެހިން ތިބި ނަމަވެސް ކޮނސިއުލޭޓަށް އަންގަމުން ގެންދިއުމަށް އެދޭ ކަމަށެވެ.

ކެރަލާއަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 67 އަށް ވަނީ އަރާފައެވެ.

އެ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ކެރަލާގެ 14 ޑިސްޓުރިކްޓުގައި ވަނީ ރެޑް އެލާޓަށް ގެނެސްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހެމުން ދާނެ ކަމަށް މޫސުމީ އިދާރާތަކުން ވަނީ ބުނެފައެވެ.

ކެރަލާގެ ޗީފް މިނިސްޓަރުގެ އޮފީހުން ވަނީ ވިއްސާރައިގެ ސަބަބުން ހޮނިހިރު ދުވަހާ ޖެހެންދެން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކުރަން ނިންމާފައިވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

ކެރަލާގެ ޗީފް މިނިސްޓަރު ވިދާޅުވި ގޮތުގައި އެއީ 1924 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓަށް މޫސުމީ ވިއްސާރައިގެ ސަބަބުން މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް