ޖުލައި މަހުގެ ނިޔަލަށް ފަތުރުވެރިކަން 10 ޕަސެންޓް ކުރިއަރައިފި

މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ސަން ފައިލް ފޮޓޯ

ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހާ އަޅާ ބަލާއިރު 10.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް، 848،847 ފަތުރުވެރިން އައިސްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 48 ޕަސެންޓް ފިރިހެނުންނާއި، 52 ޕަސެންޓް އަންހެނުންނެވެ.

މަހުން މަހަށް ބަލާއިރު ވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.1 ޕަސެންޓް އިތުރެވެ. އެގޮތުން މި އަހަރު ޖުލައި މަހު 122،332 ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 113،175 ގައެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވި އިރު، އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާގެ މާކެޓް މިދިޔަ އަހަރާ އަޅާ ބަލާއިރު ވަނީ 8.6 ޕަސެންޓް ދަށްވެފައެވެ. ނަމަވެސް އެހެން ހުރިހާ ގައުމުތަކެއްގެ މާކެޓުތައް ވަނީ އިތުރުވެފައެވެ.

ފަތުރުވެރިން އައުން އެންމެ ބޮޑަށް އިތުރުވީ އޮސްޓްރޭލިޔާ، ފްރާންސް އަދި ރަޝިއާއިންނެވެ. އެގޮތުން އޮސްޓްރޭލިޔާއިން 21،196 މީހުން އައިސްފައިވާއިރު އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 40 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި ފްރާންސްގެ މާކެޓް 23.9 ޕަސެންޓް އިތުރުވެ 32،403 އަށް އެރި އިރު، ރަޝިޔާގެ މާކެޓް 23 ޕަސެންޓް އިތުރުވެ، 42،767 އަކަށް ވަނީ އަރާފައެވެ.

ޗައިނާއިން ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު މަދުވި ނަމަވެސް، އަދިވެސް އެންމެ ގިނަ މީހުން އަންނަނީ ޗައިނާއިންނެވެ. އެގޮތުން ޖުލައި މަހުގެ ނިޔަލަށް މި އަހަރު އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 18.9 ޕަސެންޓަކީ ޗައިނާ މީހުންނެވެ.

އޭގެ އިތުރުން އެންމެ ގިނައިން އައިސްފައިވަނީ އިނގިރޭސިވިލާތާއި، ޖަރުމަނު، އިޓަލީ އަދި އިންޑިއާއިންނެވެ.

ފަތުރުވެރިން އާންމުކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ ހަ ދުވަސް ކަމަށާއި، ޖުލައި މަހު އޮކިއުޕަންސީ ހުރީ 54 ޕަސެންޓުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ޖުލައި މަހުގެ ކުރިން، ޖޫން މަހު އޮކިއުޕަންސީ ހުރީ 42 ޕަސެންޓުގައެވެ.

comment ކޮމެންޓް