ގަތަރުން ތުރުކީގައި 15 ބިލިއަން ޑޮލަރު އިންވެސްޓު ކުރަނީ

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އާއި ގަތަރުގެ އަމީރު ޝޭހު ތަމީމް ބިން ހަމަދު އަލް ޘާނީ ބައްދަލު ކުރައްވަނީ -- ފޮޓޯ: އޭޕީ

ދޯހާ (އޮގަސްޓު 16): ތުރުކީއަށް އެހީވުމުގެ ގޮތުން އެގައުމުގެ ބޭންކުތަކާއި އެހެނިހެން ފައިސާގެ މާކެޓުތަކުގައި ގަތަރުން 15 ބިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ އަމީރު ޝޭހު ތަމީމް ބިން ހަމަދު އަލް ޘާނީ ވިދާޅުވެއްޖެ އެވެ.

ޝޭހް ތަމީމް އެފަދައިން ވިދާޅުވީ ތުރުކީގެ ވެރިރަށް އަންކާރާގައި ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ.

ޝޭހް ތަމީމް އެފަދައިން ވިދާޅުވުމާ ގުޅިގެން ތުރުކީގެ ލީރާގެ އަގު ފަސް ޕަސެންޓަށް އިތުރުވި އެވެ. އެއީ ފާއިތުވި އަހަރު ތެރޭގައި ލީރާގެ އަގު 45 ޕަސެންޓަށް ވެއްޓުނު ފަހުންނެވެ.

"އަޅުގަނޑުމެން ދެމިތިބީ، މީގެ ކުރިން ގަތަރާއި މުސްލިމް ދުނިޔެއާ އެކު ދެމިތިބި ތުރުކީއާ އެކު. އަންކާރާގައި ރައީސް އުރުދުޣާންއާ އެކު ބޭއްވި މަޝްވަރާތަކުގެ ތެރޭގައި، އަޅުގަނޑުމެން ވަނީ ތުރުކީގައި 15 ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ޕްރޮޖެކްޓުތައް ކުރިއަށްގެންދާނެކަން އިއުލާންކޮށްފައި،" ޝޭހް ތަމީމް ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ގަތަރުން ތުރުކީގައި އިންވެސްޓުކޮށްފައި ވަނީ އެމެރިކާ އާއި ތުރުކީއާ ދެމެދު ދެބަސްވުންތަކެއް އުފެދި، މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ މައްސަލަ ފެށިފައި ވަނީ ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި، އެގައުމުން އެމެރިކާގެ ފާދިރީއަކު ހައްޔަރު ކުރުމުންނެވެ.

އަދި އެފާދިރީ ދޫކޮށްލުމަށް އެމެރިކާ އިން ގޮވާލި ނަމަވެސް ތުރުކީން އެކަމަށް ދެކޮޅު ހެދުމުންނެވެ.

އޭގެ ސަބަބުން އެމެރިކާ އިން ވަނީ ތުރުކީގެ ދެ މިނިސްޓަރަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އަދި ތުރުކީން އެމެރިކާއަށް އެތެރެ ކުރާ ސްޓީލާއި އެލުމިނިއަމުން ނަގާ ޑިއުޓީ ބޮޑުކޮށްފަ އެވެ.

އެފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ތުރުކީން ވަނީ އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް މުދާ ބޯއިކޮޓްކޮށްފައި އެވެ. އަދި އެމެރިކާއިން ތުރުކީއަށް އެތެރެ ކުރާ ކާރާއި ރަލާއި ދުންފަތް ފަދަ ބައެއް ތަކެތިން ނަގާ ޑިއުޓީ ބޮޑުކޮށްފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް