ދޮށީ އުމުރުގެ މީހުންގެ ސިޔާސަތު ތަންފީޒުކުރުމަށް ވޯކްޝޮޕެއް ފަށައިފި

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒެނީޝާ ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޮށީ އުމުރުގެ މީހުންގެ ސިޔާސަތު ތަންފީޒުކުރުމަށް ވޯކްޝޮޕެއް (ނޭޝަނަލް އެލްޑާލީ އެކްޝަން ޕްލޭން) މިއަދު ފަށައިފި އެވެ.

ވޯކްޝޮޕް ފެއްޓުމުގެ ގޮތުން މިއަދު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ވޯކްޝޮޕް ފައްޓަވައިދެއްވީ ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ރައްކާތެރިކޮށް މުޖުތަމައުގައި އެމީހުން ބައިވެރިކުރުން އިތުރުވެރިކުރުމަށާއި އެ މީހުންގެ ހާލަތު ރަނގަޅުކުރުމަކީ ރައީސް ޔާމީން އަބްދުލްގައްޔޫމް ހާއްސަ އިސްކަމެއްދީގެން ކުރައްވާ ކަމެއްކަމަށެވެ.

ދޮށީ އުމުރުގެ މީހުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ މީހުންނަށް ފާގަތި މުސްތަގްބަލެއް ހޯދުމަށް މަސައްކަތް ކުރާއިރު އެ މީހުންނަށް ކުރާ އަނިޔާ އާއި ނާޖާއިޒު ފައިދާ ނަގާ މައްސަލަތައް ދިވެހި މުޖުތަމައުގައި ވެސް ކުރިމަތިވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އެކަނި ވެސް 47 މައްސަލައެއް މިނިސްޓްރީ އަށް ވަނީ ލިބިފައި. އޭގެ ތެރޭގައި އާއިލާ އިން އަޅާނުލުމާއި މުޖުތަމައު އިން އެމީހުން އެކަހެރިކޮށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާގެ މައްސަލަތައް ހުށައަޅާފައިވޭ."

ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނިޔާ ލިބޭ އެފަދަ މީހުންނަށް ވަގުތުން ޚިދުމަތް ދިނުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޒެނީޝާ ވިދާޅުވީ އެކްޝަން ޕްލޭންތައް ކަނޑައަޅައި ލަނޑުދަނޑިތައް ހާސިލްކުރެވޭނެ މިންވަރު ދެނެގަނެވި ޔުނިސެފް ޕްލޭނެއް އެކުލަވައިލުމުގެ ވިސްނުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވަނީ 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ "ރަންވޭލާ ކެމްޕޭން"ގެ ރިޕޯޓް އިފްތިތާހްކޮށްފަ އެވެ.

މި ކެމްޕޭނަކީ މުޖުތަމައު އާއި އާއިލާ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް އެމީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބާއްވާ ކެމްޕޭނެކެވެ.

ރަންވޭލާ ރިޕޯޓް އިފްތިތާހްކޮށްދެއްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒެނީޝާ ވިދާޅުވީ ދޮށީގެ އުމުރުގެ މީހުން ހޭލުންތެރިކުރުމަށް މިހާތަނަށް ވަނީ ނުވަ އަތޮޅެއްގެ 49 ރަށެއްގައި ޖުމްލަ 1200 އަށް ވުރެ ގިނަ މީހުން ބައިވެރިވެ ސެޝަން ނަގާފައިވާ ކަމަށެވެ. އަދި އަށް އަތޮޅެއްގެ 45 ރަށެއްގައި 1100 އަށް ވުރެ ގިނަ މީހުން ވަނީ ހެލްތު ސްކްރީން ކުރެވިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ވޯކްޝޮޕަކީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

comment ކޮމެންޓް