ޅޮހިން ފުރި ދޯންޏެއްގެ ހަބަރު ނުވެގެން ހޯދަނީ

ހަބަރު ނުވެގެން ހޯދާ ދޯނި --

ނ. ޅޮހިން ފުރި ދޯންޏެއްގެ ހަބަރު ނުވެގެން އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދޯނީގައި ހުރީ ނ. ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެއް ކަމަށެވެ.

ދޯނި ޅޮހިން ފުރީ ރޭ 10:30 ހާއިރު ކަމަށާއި އެންމެ ފަހުން ދޯންޏާ ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ. ދޯނީގެ ހަބަރު ވީއިރު އެ ދޯނި އޮތީ ނ. މަނަދޫއާއި ޅޮއްސާއި ދެމެދުގައި ކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

ނ. ޅޮހީ ކައުންސިލުގެ މެންބަރަކު ސަންއަށް ވިދާޅުވީ ގެއްލިގެން ހޯދާ ދޯނީގައި ހުރި މީހަކީ އާންމުކޮށް އެކަނި ކަނޑުމައްޗަށް ނިކުންނަ މީހެއް ނޫން ކަމަށެވެ.

ހަބަރު ނުވެގެން ހޯދާ ދޯންޏަކީ 15 ފޫޓު ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، ހަ ހޯސްޕަވަރުގެ އައުޓްބޯޑު ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލިގެން ހޯދާ މީހާއާއި ދޯނި ހޯދުމަށް ސީޕްލޭން ބޭނުންކޮށްގެން ވައިގެ މަގުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.

މިދޯންޏާއި މިދޯނިން ދަތުރުކުރަމުންދާ މީހާއާއި ބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން އެދެއެވެ.

comment ކޮމެންޓް