ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ބެހޭގޮތުން ރައީސް އަބްދުﷲ ޔާމީނަށް ރައްދުދީ ވާހަކަދެއްކުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ލަދުގަންނަން ޖެހޭނެކަމަށް ޕީޕީއެމްގެ ނައިބު ރައިސް އަބްދުލްރަހީމު އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގައި ތަރައްގީކުރުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 25 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދެވުނެވެ. ނަމަވެސް 2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ޖީއެމްއާރާ އެކު ވީ އެއްބަސްވުން އުވާލައިފައެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވި ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭރު ގައުމެއްގެ ކުންފުންޏަށް ވަކި މުއްދަތަކަށް ވިއްކާލުމަށްފަހު މިހާރު އެއީ ކުރިކަމެއް ނޫން ކަމަށް ވިދާޅުވުމަކީ އިދިކޮޅު ކޯލިޝަނުން ލަދު ގަންނަން ޖޭހޭނެ ކަމެއްކަމަށެވެ.
ޖީއެމްއާރަށް އެއާޕޯޓު ވިއްކާލީ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކުއްލިގޮތަކަށް ކަމަށާއި އެފަދަ ކަމެއް ހިނގަން އުޅޭކަން އެނގުމުން މަޝްވަރާކުރުމަށް އެތައް ފަހަރެއްގެ މަތިން ރައީސް ނަޝީދުގެ ކިބައިން އެދިފައިވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެ އަމަލަކީ ރާއްޖެއާއި ރާއްޖޭގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާލުން ކަހަލަ ކަމެއްކަމަށް އަދުރޭ ސިފަކުރިއެވެ.
އެ އަނދަވަޅުން ރާއްޖެ ސަލާމަތްކޮށްދިން ބާނީއަކީ ރައީސް ޔާމީން ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ރާއްޖެ ވެއްޓިފައިވަނިކޮށް ރާއްޖެ ހަމަ މަގައް އެޅުއްވި ބޭފުޅަކީ ރައީސް ޔާމީންކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ.
އެގޮތުން މިހާރު އެ އެއާޕޯޓުގައި 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގި ކުރަމުންދާ ރަންވޭ ނިންމާ ބޭނުންކުރެވެން ފެށުމުން ފަތުރުވެރިންގެ އަދަދު 1.2 މިލިއަނުން ހަ މިލިއަނަށް އިތުރުވެގެންދާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާއިރު މިހާރުވެސް ރައްޖޭގެ އެކި ހިސާބުތަކުގައި 36 ރިސޯޓް ތަރައްގީކޮށްފައި ވާއިރު ކުރިއަށް އޮތް ހަ މަސް ތެރޭ އިތުރު 21 ރިސޯޓު ނިންމަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެފަދަ ސަބަބުތަކައްޓަކައި ރައީސް ޔާމީންއަށް އަންނަ ދައުރުގައިވެސް ފުރުސަތު ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވާކަމަށް އަދުރޭ ވިދާޅުވިއެވެ.