ފަސް އަހަރު ތެރޭ 51 ރިސޯޓު ހުޅުވޭނެ: ރައީސް

ރައީސް ޔާމީން މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން --- ފޮޓޯ: ރައީސް އޮފީސް

މި ފަސް އަހަރު ތެރޭ 51 ރިސޯޓު ހުޅުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ތ. މަޑިފުށި ބިންހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް މިއަދު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ މިހާތަނަށް 30 ރިސޯޓެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި އިތުރު 21 ރިސޯޓެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި ޑިސެމްބަރު މަހު އެ ރިސޯޓުތައް ހުޅުވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ރިސޯޓު ހެދުމަށް އެންމެ ބޮޑު އިންވެސްޓުމެންޓެއް ކޮށްފައި ވަނީ ވެސް މި ސަރުކާރުގައި ކަމަށެވެ. މީގެ އިތުރުން ހަދާފައިވާ ރިސޯޓެއް އެންމެ ބޮޑުއަގުގައި ގަނެފައި ވަނީ ވެސް މި ވެރިކަމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދާ ހަމަ އަށް ރާއްޖޭގެ ތާރީހުގައި އެންމެ އަގު ބޮޑު ރިސޯޓެއް ހަދަނީ މި ފަސް އަހަރު ތެރޭގައި. އެންމެ ކުޑަކޮށް ބަލާ ނަމަ އެއީ އެއް ހާސް މިލިއަން ޑޮލަރުގެ ރިސޯޓު. އެންވީމަ އިންވެސްޓަރުން ރިސޯޓު ނުހަދާ ތޯ؟ ނޫނީއާ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތާމެދު ސުވާލު އުފައްދާ ނަމަ އެކަން ކުރާނެތޯ؟" އެނބޫދޫފިނޮޅުގައި ތައިލޭންޑްގެ ކުންފުންޏަކުން ތައްޔާރުކާ ރިސޯޓަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

އެންމެ އަގުބޮޑުކޮށް ގަތް ރިސޯޓު ކައިރީ ހަދަން އުޅުނު އެއާޕޯޓު އެންމެ ފަހުން ހެދީ ވެސް މި ވެރިކަމުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މާފަރު އެއާޕޯޓަށް އިއްޔެ ޓެސްޓު ފްލައިޓު ޖެއްސި ކަމަށާއި އެ އެއާޕޯޓު ހަދަން އުޅޭތާ 12 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭނުންވާ ކަންކަން މީހަކު ކުރީމާ، އެމީހަކު ރައްޔިތުންނަށް ހިދުމަތް ކުރިކަން ފާހަގަކުރަން ވެސް އިދިކޮޅުން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އައިސް، ފައިސާ ހޯދުމުގެ ނަމުގައި ހުރިހާ އެއްޗެއް ވިއްކާލާނެ ކަމަށްވިދާޅުވެ ރައީސް ވަނީ "ކާޅު ހަދާނީ ހާލި، ކޮވެލި އަޅާނީ ބިސް،" ކަމަށް ވިދާޅުވެ މިސާލު ޖައްސަވައިފަ އެވެ.

comment ކޮމެންޓް