ބުރިޖު ވެއްޓުނު މައްސަލައިގައި އިޓަލީގެ ފާޑުކިޔުން އީޔޫއަށް

އިޓަލީގެ ޖެނޯއާގައި ބުރިޖެއް ވެއްޓުމުގެ ސަބަބުން 35 މީހަކު ވަނީ މަރުވެފައި -- ފޮޓޯ: އޭއެފްޕީ

ޖެނޯއާ (އޮގަސްޓު 15): އިޓަލީގެ ޖެނޯއާގައި އިއްޔެ ބުރިޖެއް ވެއްޓިފައި ވަނީ، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އިޓަލީގެ ދައުލަތުގެ ބަޖެޓު ތާށިކުރުމުގެ ސަބަބުން ކަމަށް އެގައުމުގެ ބޮޑުވަޒީރުގެ ނައިބު މަޓިއޯ ސަލްވީނީ ވިދާޅުވެއްޖެއެވެ.

ސަލްވީނީ ވިދާޅުވި ގޮތުގައި އީޔޫއިން އިޓަލީގެ ބަޖެޓު ތާށި ކުރުމުގެ ސަބަބުން އެގައުމުން ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި މަގުތައް ބެލެހެއްޓުން ފަދަ މުހިންމު ކަންތައްތަކަށް ހަރަދު ކުރުމަށް ހުރަސް އެޅެއެވެ.

"ބޭރުގެ ފިއްތުންތަކުގެ ސަބަބުން އަމާން މަގުތަކާއި ސްކޫލުތަކަށް ހަރަދުކުރުމަށް ހުރަސް އެޅޭ ނަމަ، އެ ގަވާއިދުތަކަށް ބޯލަނބަން ޖެހޭތޯ ސުވާލު އުފެދޭ،" ސަލްވީނީ ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަންއާ ދެކޮޅު ލީގު ޕާޓީގައި އިސްކޮށް ހުންނަވާ ސަލްވީނީ އެފަދައިން ވިދާޅުވީ، އިޓަލީގައި އޮތް ކޯލިޝަން ސަރުކާރުން އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަލްވީނީ ގެންދަވަނީ އިޓަލީން ހަރަދުކުރާ މިންވަރު އިތުރުކޮށް، ޓެކްސް ނަގާ މިންވަރު ކުޑަކުރެވޭނެ ގޮތަކަށް އީޔޫގެ ގަވައިދުތައް ބަދަލުކުރުމަށް ގޮވާލަމުންނެވެ.

އިޓަލީގެ ޖެނޯއާގައި ގާތްގަނޑަކަށް އެއް ކިލޯމީޓަރު ދިގު ބުރިޖެއްގެ ބޮޑުބައެއް އިއްޔެ ވެއްޓުނު ހާދިސާގައި 35 މީހަކު މަރުވިއެވެ. އަދި އެ ހާދިސާގައި 30 ކާރާއި 10 ޓުރަކަށް ގެއްލުންވެފައިވާ ކަމަށް އެ ގައުމުގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން ބުންޏެވެ.

އެއޭޖެންސީން ބުނާ ގޮތުގައި ބްރިޖު ވެއްޓެން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެއެވެ.

ރިޕޯޓުތަކުގައި ވާގޮތުން 90 މީޓަރު އުސް އެ ބްރިޖު އެޅީ 1960 ގެ އަހަރުތަކުގައެވެ. އަދި 2016 ވަނަ އަހަރު އެ ބްރިޖު ވަނީ މަރާމާތުވެސް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް