މެސީ އަނެއްކާ ވެސް ގައުމީ ޓީމުން ރިޓަޔާ ކުރީ؟

ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ-- ފޮޓޯ: އޭޕީ

ބާސެލޯނާގެ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ، ލިއޮނަލް މެސީ އަނެއްކާ ވެސް އާޖެންޓީނާގެ ގައުމީ ޓީމުން ރިޓަޔާ ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

މި އަހަރުގެ ވޯލްޑް ކަޕުގައި މެސީގެ ފަރާތުން ގިނަ ބަޔަކު ހީކުރި ވަރުގެ ރަނގަޅު ކުޅުމެއް ނުފެނުނު އިރު މުބާރާތަށް ފަހު މެސީ އަނެއްކާ ވެސް ރިޓަޔާ ކުރަން އުޅޭ ކަމަށް އަޑު ފެތުރުނެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި މި އަހަރުގެ ބާކީ އޮތް ބައިގައި އާޖެންޓީނާގެ ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ނުކުޅެން މެސީ ވަނީ މިހާރު ނިންމައިފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން މެސީ ވަނީ، އޭނާގެ ނިންމުން، މިހާރު އާޖެންޓީނާގެ ކޯޗު ކަމާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި ލިއޮނަލް ސްކަލޯނީއާ ހިއްސާ ކޮށްފަ އެވެ. އެހެން ނަމަވެސް އަދި އޭނާ ގައުމީ ޓީމުން ރިޓަޔާ ކުރިކަމެއް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

މި އަހަރު ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ނުކުޅެން މެސީ ނިންމާފައިވާ އިރު އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ މުބާރާތުގައި އޭނާ ކުޅޭނެ ކަމުގެ އިޝާރާތެއް ވެސް ކޯޗަށް ނުދޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެން ކަމުން އޭނާ މުޅިން ރިޓަޔާ ކުރީތޯ ނުވަތަ ނޫންތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

މެސީގެ ނިންމުމާ އެކު ކުރިއަށް އޮތް ސެޕްޓޭމްބަރު ހަތް ވަނަ ދުވަހު އާޖެންޓީނާ ގުއަޓަމާލާއާ ދެކޮޅަށް ކުޅޭ މެޗާއި، ސެޕްޓޭމްބަރު 11ގައި ކޮލަމްބިއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ފެނިގެނެއް ނުދާނެ އެވެ. އަދި އޮކްޓޯބަރު މަހު ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އޭނާ ނުކުޅޭނެ އެވެ.

މީގެ ކުރިން ވެސް މެސީ ވަނީ ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ. އޭނާ މީގެ ކުރިން ރިޓަޔާ ކުރީ 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައި ޗިލީއާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން ހިތި ގޮތަކަށް ބަލިވި މެޗަށް ފަހު އެވެ.

comment ކޮމެންޓް