މަރުގެ ހުކުމް ތަންފީޒް ކުރައްވައި ރައީސް ޔާމީން އެކަން ރައްޔިތުންނަށް ދައްކަވާނެ: އަޒްލީން

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު --- ސަން ފޮޓޯ/ މުހައްމަދުު އަފްރާހް

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒްކުރައްވައި އެކަން ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައްކަވާނެކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ޕްރޮގްރާމްއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި މަރަށް މަރު ހިފާނެ ކަމަށެވެ.

"ގާނޫނީ ގޮތުން ކުރަން ޖެހޭ ބައެއް ކަންތައްތައްތަކުގެ މަރުލާގައި އެއޮތީ ގާތްގަނޑަކަށް ނިމޭ ހިސާބުގައި ﷲ އިރާދަކުރެއްވިއްޔާ ރައީސް ޔާމީން އެކަން ކުރައްވާނެ. އެކަން ކުރައްވާފަ ދިވެހި ލޮބުވަތި ރައްޔިތުންނަށް ދައްކަވާނެ،" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ މަރަަށް މަރު ހިފުމަކީ ގުރުއާނާއި ސުންނަތުގައި ކަނޑައެޅިގެން ބަޔާންކޮށްފައި އޮތް ކަމެއް ކަމަށާއި އެކަމާ ދެކޮޅެއް ނެެހެދޭނެ ކަަމަށެވެ. އަދި ރައިސް ޔާމީން ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވާނީ ވަރަށް ބޮޑަށް ވިސްނައިވަޑައިގެން ކަމަށާއި އޮއްޓަރުނެތް އެއްޗެއް އެމަނިކުފާނު ވިދާޅުނުވާނެ ކަމަށެވެ.

އަޒްލީން ވިދާޅުވީ އިދިކޮޅުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންނަކީ މަރަށް މަރު ހިފުމަށް ގޮވާލި ބޭފުޅުން ކަމަށާއި އެެހެންކަމުން އެ ބޭފުޅުންގެ އަމަލާއި ބަސް މިހާރު ދިމާނުވާ ކަމަށެވެ. އަދި އެމީހުންނަށް ހާލަތު ނިޔާކުރާ ގޮތުން އެމީހުންގެ އުސޫލުތައް ބަދަލުކޮށް އުޅޭ ބައެއް ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

"ރައީސް ޔާމީން އެކަން ކުރައްވާނެ ﷲ ގެ ރަހުމަތާއެކީގައި. އެކަން ދިވެހިރާއްޖޭގެ ރައްޔިތުން ޝައްކުނުކުރައްވާ. އެކަންތަކަށް ގާނޫނީ ކުޑަކުޑަ ކަންތައްތަކެއް ހަމަޖެއްސުމަށްފަހު އެކަން ކުރައްވާނެ އެކަމަށް ބޭނުންވާ ހުރިހާ ނިޒާމެއް ހަމަޖެހި ނިމިފަ ހަމަ ރެޑީ. އެކަންކަމަށް ރައީސް އިޝާރާތެއް ކުރައްވާއިރަށް އެކަން ނިންމާލާނަން،" އަޒްލީން ވިދާޅުވިއެވެ.

މީގެއިތުރުންް ހުޅުމާލޭގައި ގާއިމް ކުރަން ފަށާފައިވާ ފުލުހުންނާއި ސިފައިންގެ ފްލެޓް ތައް ނުނިމޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާތީ އެކަމަށް ވެސް އަޒްލީން ވަނީ މިރޭ ރައްދު ދެއްވާފައެވެ.

އަޒްލީން ވިދާޅުވީ އިދިކޮޅުން މަސައްކަތްކުރަނީ ފުލުހުންގެ އަގު ވައްޓާލުމަށް ކަމަށާއި ރައީސް ޔާމީންގެ ޚާއްސަ ބެއްލެވުމުގެ ދަށުން އެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ރައީސް ޔާމީންގެ ހާއްސަ ބެއްލެވުމުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ ފްލެޓްތައް މިހާރު ކުރިއަށް ދަނީ. އެއް އަހަރެއްނޫންތޯ؟ ކުރިއަށް އޮތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމަވާފައި ހުރިހާ ފުލުހުންނަށް އިރާދަކުރެއްވިތާ ﷲގެ ރަހުމަތާއެކީ ހަވާލުކުރާނަން. ރައީސް ޔާމީން ރާއްޖޭގެ އިގްތިސާދަށް އައި ބަދަލުތަުގެ ތެރެއިންވެސް ރަމަނިކުފާނު ރާއްޖޭގެ ހަރަދުތައް ކުޑަކުުރުމުގެ މައްސަލަ ފުލުހުންގެ ފްލެޓްތަކާއި ސިފައިންގެ ފްލެޓްތަކަށް ލޮޅުމެއް އެރިއެއް ނުދެއޭ. ބަރާބަރަށް ކުރިއަށް އެބަދޭ،" އަޒްލީން ވިދާޅުވިއެވެ.

comment ކޮމެންޓް