އަރި އަތޮޅުގެ ތަރައްގީއަށް ކަންތައްތަކެއް ކޮށްދެއްވީ ގާސީމް އިބްރާހިމް ނޫން ކަމަށާއި އެ އަތޮޅުގެ ތަރައްގީއަށް މަޝްރޫއުތަކެއް ފައްޓަވައި ހިންގަވާފައި ވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތ. ބުރުނީގެ ނަރުދަމާގެ ނިޒާމް އިފްތިތާހު ކުރުއްވުމަށް މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ތޯރިގް ވިދާޅުވީ އަރިއަތޮޅަށް ކަންތައްތަކެއް ކޮށްދެއްވީ ގާސިމް އިބްރާހިމް ކަމަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އަދި ރައީސް މައުމޫންގެ 30 އަހަރުގެ ސަރުކާރުން ވެސް އަރިއަތޮޅަށް ގެންނަން ޖެހޭ ވަރުގެ ތަރައްގީއެއް ގެނެސްދީފައި ނުވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ތިން އަހަރާއި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެ އަހަރު ދުވަހުގައި 16 މަޝްރޫއެއް އަރިއަތޮޅުގައި ހިންގި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ މި ވޭތުވެ ދިޔަ ހަތަރު އަހަރާއި ބައި ދުވަހުގެ ތެރޭގައި އދ. އަތޮޅުގައި 96 މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައި އެ ނިމުމުގެ ހިސާބުގައި މި އުޅެނީ. އެކަމަށް ގާތް ގަޑަކަށް 598 މިލިއަން ދިވެހި ރުފިޔާ ހަރުދުކޮށްފައި ވާނީ،" ތޯރިގް ވިދާޅުވި އެވެ.
ތަފާސް ހިސާބުތަކަށް ބަލާ އިރު އަރިއަތޮޅަށް ކަންތައްތަކެއް ކޮށްދެއްވާފައި ވަނީ އެހެން އެއްވެސް މީހެއް ނޫން ކަމަށާއި އެކަމުގެ ތައުރީފް ހައްގު ފަރާތަކީ ރައީސް ޔާމީން ކަން ތޯރިގް ފާހަގަކުރެއްވި އެވެ.
"އެ އަތޮޅަށް ކަމެއް ކޮށްދެއްވިއްޔާ ކޮށްދެއްވީ ގާސިމް އިބްރާހީމޭ ނުސީދާކޮށް ވިދާޅުވާތީވެ އަޅުގަނޑު މި ދަންނަވަނީ ގާސިމް އިބްރާހިމެއް ނޫނޭ އެ އަތޮޅަށް ކަންތައްތަކެއް ކޮށްދެއްވީ. ތަފާސް ހިސާބްތަކަށް ބާލާލި ނަމަވެސް ރައީސް ޔާމީން އެ އަތޮޅަށް ކަންތައްތަކެއް ކޮށްދެއްވީ،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.