އެމްޓީސީގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް!

އެމްޓީސީގެ މަހާޖައްރާފް ޑްރެޖަރު، މިވަގުތު އޮތީ މާފިނޮޅު ބިން ހިއްކުމަށް ގެންގޮސްފައި.

ރާއްޖޭގެ އުމްރާނީ ތަރައްގީގެ ދުވެލި އިންތިހާ އަށް ބާރުވެފައި ވާއިރު، ސަރުކާރުގެ ފަރާތުން އެ މަސައްކަތްތަކުގައި ބައިވެރިވާ އެންމެ މުހިންމު އެއް ކުންފުންޏަކީ އެމްޓީސީސީ އެވެ.

އެމްޓީސީސީން ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތްތައް މިވަގުތު ވެސް ކުރަމުން އެބަގެންދެ އެވެ. އެ ކުންފުނިން ބުނާގޮތުގައި އެ ހުރިހާ ޕްރޮޖެކްޓެއް ވެސް، ޝެޑިއުލް ކުރެވިފައިވާ ގޮތަށް ނިންމާލެވޭނެ އެވެ.

އެގޮތުން އެ ކުންފުނިން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހއ. މާފިނޮޅު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް މަސައްކަތަށް މަހާޖައްރާފު މިހާރު އޮތީ އެ ރަށަށް ގޮސްފަ އެވެ. ނަމަވެސް، އެ ސަރަހައްދުގެ މޫސުން ގޯސްވުމުން މަހާޖައްރާފަށް އެ ސަރަހައްދުގައި މަސައްކަތް ކުރަން އެހާ ފަސޭހަ ނޫން ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވި އެވެ.

މާފިނޮޅު އެއާޕޯޓް ބިން ހިއްކުމުގެ ޕްރޮޖެކްޓް:

  • ޕްރޮޖެކްޓް އަގު 68.21 މިލިޔަން ރުފިޔާ.
  • ހިއްކަން ހަމަޖެހިފައިވަނީ 16.78 ހެކްޓަރުގެ ބިން.

"މޫސުމުގެ އިތުރުން އެކޮޅުގެ އެންވަޔަރަމަންޓް ހުންނަ ގޮތުން ވެސް މަހާޖައްރާފަށް މަސައްކަތް ކުރަން ދަތިތަކެއް އެބަހުރި،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްޓީސީސީގެ ކަޓާ ސަކްޝަން ޑްރެޖަރުތަކެއް އެތަނަށް ފޮނުވައިގެން ބިން ހިއްކުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ސަރަހައްދު އޮންނަ ގޮތުން ކަޓާ ސަކްޝަން ޑްރެޖަރުތަކަށް އެ ތަނުގައި މަސައްކަތް ކުރަން ފަސޭހަ ވާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެމްޓީސީސީން އަންނަނީ ތ. ގުރައިދޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއްގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. އެގޮތުން އެ ކުންފުނީގެ ކަޓާ ސަކްޝަން ޑްރެޖަރުތަކުން، އެ ރަށުގައި ހިއްކަން ހަމަޖެހިފައި އޮތް 47 ހެކްޓަރުގެ ތެރެއިން ބޮޑު ބައެއް މިހާރު އޮތީ ހިއްކާފަ އެވެ.

ގުރައިދޫ ބިން ހިއްކުމުގެ ޕްރޮޖެކްޓް:

  • ޕްރޮޖެކްޓް އަގު 126.06 މިލިޔަން ރުފިޔާ.
  • ހިއްކަން ހަމަޖެހިފައިވަނީ 47 ހެކްޓަރުގެ ބިން.

ޒިޔަތު ވިދާޅުވީ، ގުރައިދޫގެ ބިން ހިއްކުމަށް މަހާޖައްރާފު ގެނައުމުން، މަސައްކަތް ފަށާތާ ދެތިން ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު އެއްކޮށް ހިއްކައި ނިންމާލެވޭނެ ކަމަށެވެ.

ގދ. ފަރެސްމާތޮޑާގެ އެއަޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް ފެށުމަށް އެމްޓީސީސީން މިހާރު ވަނީ މޮބަލައިޒް ކޮށްފަ އެވެ. ޒިޔަތު ވިދާޅުވީ، އެތަނުގެ މަސައްކަތްތައް ފަށައި، ވީހާވެސް އަވަހަށް ނިންމުމަށް މިވަގުތު ގުރައިދޫގައި އޮތް ކަޓާ ސަކްޝަން ޑްރެޖަރު ފަރެސްމާތޮޑާ އަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ބިން ހިއްކުމުގެ ޕްރޮޖެކްޓް:

  • ޕްރޮޖެކްޓް އަގު 40.66 މިލިޔަން ރުފިޔާ.
  • ހިއްކަން ހަމަޖެހިފައިވަނީ 19.8 ހެކްޓަރުގެ ބިން.

އޭގެ އިތުރުން ކ. ހުރާގެ ބިން ހިއްކަން ފެށުމަށް އަންނަ ހަފްތާގައި މޮބަލައިޒް ކުރަން ފަށާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"ހުރާއިން ހިއްކަން ހަމަޖެހިފައި އޮތީ 10 ހެކްޓަރު. [މަތީގައި ބުނެފައިވާ ޕްރޮޖެކްޓުތަކުގެ ތެރެއިން] އެންމެ އަވަހަށް ނިމޭ އެއްޗެއް ހުރާ އަށް ގެންދަން ވަނީ ހަމަޖެހިފައި،" ޒިޔަތު ވިދާޅުވި އެވެ.

ހުރާ ބިން ހިއްކުމުގެ ޕްރޮޖެކްޓް:

  • ޕްރޮޖެކްޓް އަގު 33.73 މިލިޔަން ރުފިޔާ.
  • ހިއްކަން ހަމަޖެހިފައިވަނީ 10 ހެކްޓަރުގެ ބިން.

އޭނާ ވިދާޅުވީ މަސައްކަތަށް ބަލައިފި ނަމަ، މާފިނޮޅާއި ފަރެސްމާތޮޑާ ޕްރޮޖެކްޓަކީ ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. އަދި ފަރެސްމާތޮޑާ ބިން ހިއްކުމުގެ ޕްރޮޖެކްޓާ އެކު ހައުސިން ޕްރޮޖެކްޓަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުތަކުގެ އިތުރުން ވެސް، އެމްޓީސީސީން އަންނަނީ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތްތައް ކުރަމުންނެވެ. ޒިޔަތު ވިދާޅުވީ، އެ ކުންފުނިން ހިންގަމުން އަންނަ ހުރިހާ ޕްރޮޖެކްޓެއް ވެސް، މުއްދަތުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

comment ކޮމެންޓް