ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު އަލުން ފަށައިފި

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު އަލުން ވަނީ ފަށައިފައި -- ފޮޓޯ/ އެޗްޑީސީ

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަލުން ފަށައިފިއެވެ.

އެޗްޑީސީއިން ބުނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފައެވެ.

އެހެންނަމަވެސް އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެންނެވެ.

މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާއެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އެޗްޑީސީއިން ހަވީރު ފަށައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާއިރު، އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށް ވެސް ނަގާފައި ނުވާތީ، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ދަތިވާނެ ވާހަކަ އެ ކުންފުނިން ފާހަގަކުރިއެވެ.

އެހެންވެ، އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަކަށް ނަގައި ފަޅުތެރެ ހުސްކޮށްދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މީގެކުރިންވެސް އެޗްޑީސީއިން ވަނީ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ މަޝްރޫއު އަލުން ފެށުމަށް ތައްޔާރުވާތީ އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

comment ކޮމެންޓް