ނޭކުރެންދޫ އަކީ ގެސްޓްހައުސް ވިޔަފާރީގެ މުސްތަގުބަލު އޮތް ރަށެއް: އިބޫ

ހދ. ނޭކުރެންދޫ އެމްޑީޕީ އޮފީހުގައި ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ// ޓްވިޓާ

ހދ. އަތޮޅު ނޭކުރެންދުއަކީ ގެސްޓްހައުސް ވިޔަފާރީގެ މުސްތަގުބަލް އޮތް ރަށެއް ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު އެ ރަށަށް ވަޑައިގެން، އެ ރަށުގައި ހުންނަ އެމްޑީޕީ އޮފީހުގައި، އިދިކޮޅު ކޯލިޝަނަށް ސަަޕޯޓުކުރާ، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އެ ރަށުގައި ވަޒީފާ ނެތުމުގެ ސަބަބުން ރަށުގެ ގިނަ ބަޔަކަށް މާލެ އާއި އެހެން ރަށްރަށުގައި މަސައްކަތްކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.

އިބޫ ވިދާޅުވީ ހދ. ނޭކުރެނަދޫ އަކީ އެމްޑީޕީ ސަރުކާރުގައި ގެސްޓް ހައުސް އެޅުމަށް ކަނޑައެޅި 20 ރަށުގެ ތެރެއިން އެއްރަށް ކަމަށާއި އޭރު އެމްޑީޕީގެ ސަރުކާރުން ގެސްޓް ހައުސް ވިޔަފާރި ފެއްޓުމަށް އެ ރަށުގައި ސާވޭ ކޮށްފައިވީ ނަމަވެސް ދައުރު ހަމަވުމުގެ ކުރިން އެމްޑީޕީ ސަރުކާރު ވެއްޓުމުން އެ މަސައްކަތްތައް ވަނީ އެއްކޮށް ހުއްޓިފައި ކަމަށް އިބޫ ވިދާޅުވި އެވެ.

އެ ރަށުގައި އޮތް ބޮޑު ކަނޑޫފަލަކީ ދުނިޔޭގެ ނިސްބަތުން 10 ވަނައަށް އެންމެ ބޮޑު ކަނޑޫފާލެވެ. އެ ކަނޑޫފާގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފޭ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫގެ ސަރުކާރެއްގައި ގެސްޓް ހައުސް ވިޔަފާރި ފައްޓައި ކަނޑޫފާ ހިމާޔަތްކޮށް އެތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

comment ކޮމެންޓް