"ގޮމަ" ގްރޫޕް އީދަށް ރެޑީ، ޝޯތައް މިހާރު ވެސް ފުލް!

"ގޮމަ" ގްރޫޕުގެ ނެށުންތެރިންތަކެއް....

ބޮޑު އީދަށް ތައްޔާރު އެބަ ވެވޭތޯ އެވެ؟ އީދު މިއޮއް ބޯމަތި ވަނީ އެވެ. ރަށް ރަށުގައި ހޭބޯ ނާރާ އެރަށުގެ މީހުން އީދަށް ތައްޔާރުވަނީ އެވެ. މާލި ޕެރޭޑްތަކާއި އެކި ކަހަލަ ކުޅިވަރުތަކެވެ.

އީދުގެ ރޭތައް ފަޅުފިލުވައިދެނީ ސްޓޭޖް ޝޯތަކުންނެވެ. އެންމެ ބާރު ބޮޑުވަނީ ޑާންސް ގްރޫޕް ތަކަށެވެ. ހަނދު ބެލުމާ އެކު ގިނަ ގްރޫޕްތަކުގެ ޢީދު ޝެޑިއުލް ފުލްވެ އެވެ.

ބޮޑު އީދާ އެކު ކޮންމެ އަހަރަކު ވެސް އެންމެ އަވަހަށް އީދު ޝެޑިއުލް ފުލްވާ އެއް ގްރޫޕަކީ "ގޮމަ" ގްރޫޕެވެ. މިއަހަރު ވެސް "ގޮމަ" ގްރޫޕް އޮތީ އީދުގެ ޝޯތަކަށް ހަމަ ތައްޔާރަށެވެ.

މުޅި އީދަށް އެއްކޮށް ފުލްވެއްޖެކަމަށް، 2000 ވަނަ އަހަރު ވުޖޫދަށް އައި "ގޮމަ" ގްރޫޕުގެ މޭސްތިރިޔާ އާސިޔަތު ޝިމްލާ "ސަން"އަށް ބުންޏެވެ.

"ގޮމަ" ގްރޫޕަށް ރަށަކުން މަރުހަބާ ކިޔާފަ....

އޭނާ ބުނި ގޮތުން "ގޮމަ" ގްރޫޕަށް އީދުގެ ފުރަތަމަ މަންޒިލަކީ ށ. ފޯކައިދޫ އެވެ. ދެން އެ އަތޮޅު ކޮމަންޑޫގައި ހުށަހެޅުމަށް ފަހު "ގޮމަ" ގްރޫޕު ދެން މިސްރާބު ޖަހާނީ ރ. މަޑުއްވަރި އާއި ތ. ކަނޑޫދޫއަށެވެ. ތ. ވަންދޫއަށް ވެސް ދިއުމާ މެދު ދަނީ މަޝްވަރާ ކުރަމުންނެވެ.

އީދު ބަންދުގެ ފުރަތަމަ ފަސް ދުވަހު މި ރަށްރަށުގައި ޝޯ ދިނުމަށް ފަހު ދެން ގޮމަ ގްރޫޕުގެ މިސްރާބު އޮތީ ރާއްޖޭގެ ބައެއް ރިސޯޓުތަކަށެވެ. އޯގަސްޓް 26 ވަނަ ދުވަހު ދ. އަތޮޅު ނިޔާމަ ޕްރައިވެޓް އައިލެންޑްސް ރިސޯޓުގައި ހުށަހެޅުމަށް ފަހު ދެން އެ ގްރޫޕް ފެންނާނީ ކ. އަތޮޅުގައި އޮންނަ އަނަންތާރާ ދިގު މޯލްޑިވްސް ރިސޯޓުގަ އެވެ. "ގޮމަ" ގްރޫޕުގެ އީދު ޓުއާގެ އެންމެ ފަހު މަންޒިލަކީ ސަން އަކުއާ ވިލު ރީފް އެވެ.

"ގޮމަ" ގްރޫޕުގެ ނެށުންތެރިންތަކެއް...

"މިހާރު މިއޮތީ ހަމަ އެއްކޮށް ފުލް ވެފައި، ފުރަތަމަ ޝޯއަށް ގްރޫޕު ފުރާނެ ހައްޖު ދުވަހު، ގްރޫޕްގެ ކުދިން ދެ ގްރޫޕަކަށް ބަހަލައިގެން ދިހަވަރަކަށް ކުދިންނާ އެކު މިފަހަރު ވެސް ހަމަ ރެޑީ،" ޝިމްލާ އަމިއްލައަށް ހިންގާ ޑާންސް ގްރޫޕުގެ ޝެޑިއުލް ކިޔައިދެމުން އޭނާ ބުންޏެވެ.

ޝިމްލާ ބުނީ އީދުގެ އިތުރުން ކޮންމެ އަހަރަކު ވެސް ރިސޯޓުތަކުގައި "ގޮމަ" ގްރޫޕުން ޝޯ ދޭމުން ދާތީ، ގްރޫޕުގެ ނެށުންތެރިންނަށް މާ ބޮޑު ފަރިތަކުރުމެއް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މި އަހަރުގެ އީދަށް ތަފާތު އާ ލަވަތަކެއް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"ގޮމަ" ގްރޫޕުގެ އޯނަރު އާސިޔަތު ޝިމްލާ....

"ރާއްޖޭގެ ގިނަ ރަށް ތަކަށް ދެވިއްޖެ، ނުދާ ރިސޯޓެއްވެސް މަދު ވާނެ، އެ ތަންތަނުން ލިބޭ ތަރުހީބުން މި ގްރޫޕް މިހާ ހިސާބަށް އައިސް މިއޮތީ،" ގްރޫޕްގެ ހުރިހާ ކޮސްޓިއުމެއް ވެސް ޑިޒައިން ކުރާ ޝިމްލާ ބުންޏެވެ.

"ގޮމަ"އިގެ އަސްލަކީ 1997 ވަނަ އަހަރު އުފެދުނު "ރަނި" ގްރޫޕެވެ. ރާއްޖެ އިން ބޭރުން އަންނަ ބަކަު މުނިފޫހިފިލުވައިދިނުމަށް ޓަކައި، ނަށަން ޝައުގުވެރިވާ ކުދިންތަކަކާ އެކު ފެށި ގްރޫޕު ރަހުމަތްތެރިއަކަށް ދީފައި، ޝިމްލާ 2000 ވަނަ އަހަރު "ގޮމަ"އާ އެކު އަލުން ގްރޫޕެއް ފެށީ އެވެ.

ކޮންމެ އަހަރަކު ވެސް ރިސޯޓްތަކުގައާއި ރަށް ރަށުގެ ޢީދު ޝޯތައް ދެމުން އަންނަ "ގޮމަ" ގްރޫޕަކީ ރާއްޖޭން ބޭރުގައި ބާއްވާ ފެއާތަކުގައި ވެސް އެމީހުންގެ ހުނަރު ދައްކަމުން އަންނަ ގްރޫޕެކެވެ. އެންމެ ފަހުން އެ ގްރޫޕް ހުށަހަޅާފައި ވަނި މި އަހަރުގެ މާޗް މަހު ޖަރުމަނުގައި ބޭއްވި އައިޓީބީ ފެއާގަ އެވެ.

comment ކޮމެންޓް