ދަރަވަންދޫ ޢީދު ފޯރި: ވާދަވެރި މަސްރޭސް ނިންމާލައިފި

ދަރަވަންދޫ މަގޭ ޢީދު 1444 ގެ މަސްރޭހުން ބާނައިގެން އައި މަސްތައް-- ސަން ފޮޓޯ

ވާދަވެރިކަމާއެކު ބ. ދަރަވަންދޫ މަސްރޭސް ނިންމާލައިފިއެވެ.

މަސްރޭހުގެ އެއްވަނަ ހޯދާފައި ވަނީ ޓީމް ޕްރޯ އެންޖެލާސްއެވެ. ހަތަރު ޓީމަކުން ބައިވެރިވި މަސްރޭހުގެ ދެވަނަ ހާސިލްކުރީ ބަނީ ފިޝާސްއެވެ. ތިންވަނަ މަސްބެ ޓީމުން ހާސިލްކޮށްފައިވާރު ހަތަރު ވަނައިގައި އޮތީ ޓީމް ފިލޮޅެވެ.

ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަސްރޭހުގައި އެއްވަނަ ހާސިލްކުރި ޓީމް ޕްރޯ އެންޖެލާސް އިން ވަނީ 1222.95 ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައި އޮތް ބަނީ ފިޝާސްއިން 666.5 ޕޮއިންޓު ހޯދާފައިވާއިރު ތިންވަނައަށް ދިޔަ މަސްބެ ޓީމުން ވަނީ 158.2 ޕޮއިންޓު ހޯދާފައެވެ.

ދަރަވަންދޫ މަގޭ ޢީދު 1444 ގެ މަސްރޭހުން ބާނައިގެން އައި މަސްތައް-- ސަން ފޮޓޯ

މި މުބާރާތުގައި އެންމެ ބަރުމަސް ބާނާފައި ވަނީ ޓީމް ބަނީ ފިޝާސްގެ އަހްމަދު މުޖުތަބާއެވެ. އޭނާ ބާނާފައި ވަނީ 17.85 ކިލޯގެ މަހެކެވެ.

މަސްރޭހަށް ފަހު ބާނައިގެން ގެނައި މަސްތައް ވަނީ ދަރަވަންދޫގެ ރައްޔިތުންނަށް ޚާއްސަކޮށް ބޭއްވި ބާބަކިއުގައި ބޭނުންކޮށްފައެވެ. މި ބާބަކިއުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޢީދުގައި ބައިވެރިވުމަށް ދަރަވަންދޫއަށް އަރާފައިވާ މެހެމާނުން ވަނީ ބައިވެރިވެފައެވެ.

ދަރަވަންދޫ މަގޭ ޢީދު 1444 ގެ ބާބަކިއުގެ ތައްޔާރީތަކުގެ ތެރެއިން-- ސަން ފޮޓޯ

ބާބަކިއު ކުރިއަށް ދިޔަ ރަސްގެއޮޑި އަތިރިމަތީ ސަރަޙައްދުގައި ޚާއްސަ ޝޯއެއްވެސް ވަނީ ކުރިއަށް ގޮސްފައެވެ. މި ޝޯ ޚާއްސަވާ ކަމަކީ ޝޯގައި ދަރަވަންދޫގެ އިހުގެ ލަވަކިޔުންތެރިން ބައިވެރިވުމެވެ.

"1444 މަގޭ ޢީދު" ގެ ކުޅިވަރުތައް ފޯރިގަދަކޮށް ކުރިއަށްދާއިރު ދަރަވަންދޫގައި މާދަމާވެސް ކުޑަކުދިންގެ މާއްޔާއި ވާދައިގެ މުބާރާތެއް ކަމަށްވާ ތުވާލި ބޯޅަ އޮންނާނެއެވެ. ތުވާލި ބޯޅައަކީ ވޮލީ ކޮންސެޕްޓަށް ކުރިއަށްދާ ދަރަވަންދޫއަށް ޚާއްސަ ކުޅިވަރެކެވެ.

ދަރަވަންދޫ މަގޭ ޢީދު 1444 ގެ ބާބަކިއުގެ ތެރެއިން ކުރިއަށްދިޔަ ޝޯ-- ސަން ފޮޓޯ

މާދަމާގެ ކުޅިވަރުތަކަށް ފަހު ދަރަވަންދޫގެ ޢީދު ކުޅިވަރުތައް ނިމޭނެއެވެ.

މި ކުޅިވަރުތައް އެސްއެސްޓީވީ އަދި ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެއެވެ.

comment ކޮމެންޓް