ދަރަވަންދޫ ވާދެމުމުގެ މުބާރާތް ފެލްކަން ހިތްވަރުން ކާމިޔާބުކޮށްފި

ބ. ދަރަވަންދޫ "1444 މަގޭ ޢީދު" ގެ ވާދެމުމުގެ މުބާރާތް-- ސަން ފޮޓޯ

ބ. ދަރަވަންދޫ "1444 މަގޭ ޢީދު" ގެ ވާދެމުމުގެ މުބާރާތް، ޓީމް 'ފެލްކަން ހިތްވަރު'ން މިރޭ ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ އެއްވަނަ، ޓީމް 'ފެލްކަން ހިތްވަރު'ން ކާމިޔާބު ކުރީ ފާއިތުވެ ދިޔަ ދެ އަހަރު ވާދެމުމުގެ މުބާރާތުން އެއްވަނަ ހާސިލް ކުރި ޓީމް 'ނުވާނެ' ބަލިކޮށްފައެވެ.

ހަތް ޓީމަކުން ބައިވެރިވި މި މުބާތުގައި ކޮންމެ ޓީމެއްގައި 12 މެމްބަރުން ތިއްބެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ބައިވެރިވެފައިވާ ޓީމްތަކަކީ:

ގްރޫޕް އޭ

  • އެއްލަކިން
  • ފެލްކަން ހިތްވަރު
  • ނުވާނެ ޖޫނިއާ
  • ޓީމް ރަނިން

ގްރޫޕް ބީ

  • ފެލްކަން ވާވަރު
  • ބަންގްލާ ޓައިގާސް
  • ނުވާނެ

ބ. ދަރަވަންދޫ "1444 މަގޭ ޢީދު" ގެ ވާދެމުމުގެ މުބާރާތް-- ސަން ފޮޓޯ

އެއްވަނައަށް އައި ފެލްކަން ހިތްވަރު ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެސްއެސްޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރު މުހައްމަދު ޒަހީންއެވެ. އެއްވަނައަށް އައި ޓީމަށް ވަނީ އެއް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ދަރަވަންދޫގައި ވާދެމުން ކުރިއަށް ގެންގޮސްފައި ވަނީ މުޅި ކޮމިއުނިޓީއަށް ހުޅުވާލައިގެންނެވެ. އެގޮތުން އަންހެނުންގެ ޓީމްތަކާއި، ފިރިހެނުންގެ ޓީމްތަކުގެ އިތުރުން އަންހެން ފިރިހެން މަސްހުނި ޓީމްތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން މި މުބާރާތުގައި ބައިވެރިވި ބަންގްލާ ޓައިގާސް އަކީ ދަރަވަންދޫގައި ދިރިއުޅޭ ބަންގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީން ހިމެނޭ ޓީމެކެވެ.

ވަކި ގަވާއިދަކަށް ކުޅުނު މި މުބާރާތް ވެފައިވަނީ ދަރަވަންދޫގެ ޢީދު ފޯރި ނުހަނު ބޮޑަށް ދައްކާލި ކުޅިވަރަކަށެވެ. ރަށުގެ ކުދި ބޮޑު އެންމެން ވަނީ މި މުބާރާތް ބަލާލުމަށް ރަސްގެއޮޑި އަތިރިމައްޗަށް އައިސް ވާދެމުމުގެ ފޯރީގައި ބައިވެރިވެފައެވެ.

ބ. ދަރަވަންދޫ "1444 މަގޭ ޢީދު" ގެ ވާދެމުމުގެ މުބާރާތް-- ސަން ފޮޓޯ

ވާދެމުން ކުރިއަށް ދިޔަ ވަގުތު ފެނުނީ ހަމައެކަނި ޓީމްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އެކަންޏެއް ނޫނެވެ. ވަށައިގެން އެއްވެ ތިބި ސަޕޯޓަރުންގެ އަޑުން މުޅި ސަރަޙައްދުގައި ވަނީ އަޑު ހިއްޕާލާފައެވެ.

ދަރަވަންދޫގައި ޢީދާ ގުޅިގެން މިފަދަ ވާދައިގެ މުބާރާތްތައް މާދަމާއާއި އޭގެ އަނެއް ދުވަހު ވެސް އޮންނާނެއެވެ. އެގޮތުން މާދަމާ މަސްރޭސް ކުރިއަށްދާއިރު އޭގެ އަނެއް ދުވަހު 'ތުވާލި ބޯޅަ' ނަމުގައި ދަރަވަންދުއަށް ޚާއްސަ ކުޅިވަރު މުބާރާތެއް ބާއްވާނެއެވެ.

comment ކޮމެންޓް