އެމެރިކާއިން ތުރުކީގެ ސްޓީލާއި އެލުމިނިއަމުން ނަގާ ޓެކްސް ދެގުނަ ބޮޑުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން.

ޗައިނާއާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމަ"އެއް ފަށާފައިވާ އެމެރިކާއިން، ތުރުކީން އެ ގައުމަށް އެތެރެކުރާ ސްޓީލާއި އެލުމިނިއަމުން ނަގަމުން އަންނަ ޓެކްސް ދެގުނަ ބޮޑުކުރަން ނިންމައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތުރުކީން އެމެރިކާއަށް އެތެރެކުރާ ސްޓީލުން 50 ޕަސެންޓް އަދި އެލުމިނިއަމުން 20 ޕަސެންޓުގެ ޓެކުހެއް ނެގުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

ޓްރަމްޕްގެ ޓްވީޓާއެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތުރުކީގެ ފައިސާ، ލިރާގެ އަގު ވަނީ 20 ޕަސެންޓް ވެއްޓިފައެވެ.

މިދިޔަ އަހަރުން ފެށިގެން ލިރާގެ އަގު އަންނަނީ ވެއްޓެމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އޭގެ އަގު 40 ޕަސެންޓް ވެއްޓުނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ވިދަޅުވީ، ފައިސާގެ އަގު ވެއްޓެނީ ބޭރުގެ ބާރުތަކުން ހިންގާ ކެމްޕޭނެއްގެ ސަބަބުން ކަމަށެވެ. އަދި އެމެރިކާއިން އެގައުމުގެ ސްޓީލާއި އެލުމިނިއަމުން ނަގަމުން އަންނަ ޓެކްސް ބޮޑުކުރުމުން ތުރުކީން އޭގެ ބަދަލުގައި، ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އުރްދުޣާން ދެއްވިއެވެ.

comment ކޮމެންޓް