މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗުން ލެސްޓާ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޔުނައިޓެޑް ޓީމުން އެންމެ ފާހަގަކޮށްލެވުނު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ކެޕްޓަން ބޭންޑާއެކު މެޗަށް ނުކުތް ފްރާންސްގެ ޕައުލް ޕޮގްބާއެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު، ޗުއްޓީ ހޭދަކޮށް، ޕޮގްބާ ޓީމާ ގުޅިފައި ވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ.
ރޭގެ މެޗުގައި އޭނާ ނުކުޅޭނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ ފުރަތަމަ 11ގައި އޭނާ ވަނީ ކުޅެފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގިއެވެ. އޭރިއާ ތެރެއިން ލެސްޓާ ސިޓީގެ ޑިފެންޑަރު އަމާޓޭގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށް، ލީޑު ނަގައިދިނީވެސް ޕޮގްބާއެވެ.
ފުރަތަމަ ހާފްގައި ޔުނައިޓެޑުން ޑޮމިނޭޓްކޮށްގެން ކުޅުނު އިރު، ލެސްޓާއިންވެސް މަސައްކަތް ކުރީ އެޓޭކް ކުރުމަށެވެ.
ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން ތަންކޮޅެއް ބޮޑަށް ޑިފެންސަށް ޖެހުނެވެ. ހާއްސަކޮށް މެދު ތެރެއަށް ކުޅެމުން ދިޔަ ބްރެޒިލްގެ ފްރެޑް ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުތަން ފެނިގެން ދިޔައެވެ. ދެ ޓީމުންވެސް އެޓޭކުކުރަން މަސައްކަތް ކުރި އިރު، އެޓޭކުތަކުގައި ނަތީޖާ ނެރުނީ އަނެއްކާވެސް ޔުނައިޓެޑުންނެވެ.
ހުއާން މަޓާގެ ހުރަސް، ކޮންޓްރޯލް ކޮށްލުމަށްފަހު ލޫކް ޝޯ ގޯލަށް ފޮނުވާލައިގެން ޔުނައިޓެޑުން މެޗުގެ ލީޑުވެސް ފުޅާކުރިއެވެ. މެޗުގެ 83 ވަނަ މިނެޓުގައި ޝޯ އެ ގޯލް ޖަހާފައިވާ އިރު، މެޗުގައި ޝޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.
މެޗުގެ ފަހު 20 މިނެޓުގައި ލެސްޓާއިން އެ ޓީމުގެ ތަރި، ޖޭމީ ވާޑީއަށް ފުރުސަތު ދީފައިވާ އިރު، މެޗު ނިމެން ދަނިކޮށް ލެސްޓާގެ ހަމައެކަނި ގޯލްވެސް ޖަހައިދިނީ ވާޑީއެވެ.
މި ސީޒަނަށް ތައްޔާރުވަމުންދިޔަ އިރު، ކުޅުންތެރިން ގެންނަން ބޭނުންވާ ކަމަށް ބުނެ، އެންމެ ބޮޑު ޝަކުވާއެއް ކުރި އެއް ކޯޗަކީ ޔުނައިޓެޑްގެެ ކޯޗު ހޯޒޭ މޮރީނިއޯއެވެ. ހާއްސަކޮށް ޑިފެންޑަރެއް ގެންނަން ބޭނުންވާ ކަމަށް މޮރީނިއޯ ވަނީ ތަކުރާރުކޮށް ބުނެފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ ހަފްތާގެ މެޗުތައް މިރޭވެސް އޮންނާނެއެވެ. މިއަދު ހަވީރު 4:30 ގައި ޓޮޓެންހަމްއިން ނިއުކާސަލްއާ ދެކޮޅަށް ނުކުންނަ އިރު، މިރޭ 7:00 ގައި ޗެލްސީއާއި ހަޑަލްސްފީލްޑް ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ.