"ފަރުކޮއެ" އިން އާއިލާއެއް އުފެދިއްޖެ: އެޑިއުކޭޝަން މިނިސްޓަރު

ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ އަހްމަދު އަވްޝަން

އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިއަށް ގެންދާ "ފަރުކޮއެ" ޕްރޮގްރާމަކީ ގިނަ ބަޔަކު އެކުލެވޭ ޕްރޮގްރާމެއް ކަމަށާއި، "ފަރުކޮއެ"ގެ ސަބަބުން އާއިލާއެއް އުފެދިގެން ހިނގައްޖެކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވިއްޖެއެވެ.

އާޓް ގެލެރީގައި "ފަރުކޮއި" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމް ކާމިޔާބުކޮށް ކުރިއަށް ގެންދެވެނީ ހުރިހާ ކޮލެބޮރޭޝަންގެ އިތުރުން ސްކޫލުތަކުންނާއި ބެލެނިވެރިންގެ އިތުރުން ޑައިވް ސެންޓަރުތަކުގެ ވެސް ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ.

"މި ޕްރޮގްރާމްއިން އާއިލާއެއް އުފެދިއްޖެ. ރާއްޖޭގެ އެކި ހިސާބުގެ ކުދިން އާއިލާއެއްގެ ގޮތަށް ވަކި ކަމެއް ހާސިލުކުރުމަށް މަސައްކަތްކޮށްފި. އަދި ވަކި ކަންތައްތަކެއް ގަބޫލުކުރާ ބައެއްގެ ގޮތުގައި ގުޅިގެން އާއިލާއަކަށް ބަދަލުވިތަން މި ޕްރޮގްރާމުން ފެނިގެން ހިނގައްޖެ،"

ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ވަކި ބަޔަކު ހިންގާ ޕްރޮގްރާމަކަށް ނުވެ ހުރިހާ އެންމެންގެ ޕްރޮގްރާމަކަށްވެ، ހުރިހާ އެންމެންގެ މަސައްކަތަކަށްވުން ކަމަށެވެ.

ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހްމަދު އަވްޝަން

ފަރުތައް ބެލުމަށްފަހު ކުދިންގެ ވިސްނުން ތަފާތުވެ ކުދިން ތަފާތު ކުދިންތަކަކަށް ވާތަން ފެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުއެވެ.

މިނިސްޓަރު ވިދާޅުވީ "ފަރުކޮއި" ޕްރޮގްރާމްގެ ދަށުން ނޭނގޭ ގިނަ މައުލޫމާތުތަކެއް ދަރިވަރުންނަށް އެނގުނު ކަމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަންވެސް ދަރިވަރުންނަށް ފެނިގެންދިޔަ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ތަހުޒީބު މުޖުތަމައަކަށް ތަރުބަވީ ތައުލީމު ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފޮތުން ކިޔެވުމުގެ ބަދަލުގައި ކުދިންނަށް ދަސްވާނީ އެކުއްޖެއް އަމިއްލައަށް ކަންތައްތައް ތަޖުރިބާކޮށްގެން. ކުދިން އަމިއްލައަށް އޭގެ މާނަ ދަސްވުމަކީ މުހިންމު ކަމެއް،"

ފަރުކޮއި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރާއްޖޭގެ ސްކޫލުތަކުގެ 35،406 ދަރިވަރުން ވަނީ ފަރުތައް ބަލާފައެވެ. ޕްލާސްޓިކް ނައްތާލުމަށް ދުނިޔޭގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ޕާލޭގެ އެހީތެރިކަން ވެސް ފަރުކޮއި ޕްރޮގްރާމަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް