މޫޝަންގެ "އިހުސާސް" އެންމެންގެ ހިތާ ކުޅެލީ ލޯތްބާއެކު!

"އިހުސާސް" ލަވައިގެ ޕޯސްޓަރެއްގައި އައްޒަ އާއި މޫޝަން...

ރާއްޖޭގައި ކުޅަދާނަ ލަވަކިޔުންތެރިން އެބަ ތިއްބެވެ. ތަފާތު ލަވަތައް ކިޔުމަށް ލޯބި ކުރާ ފަންނުވެރިންނެވެ. މިއުޒިކް ޝޯވ ތަކާއި އަލްބަމް ތަކުގެ އިތުރުން ފިލްމުތަކަށް ލަވަކިޔައިދީގެން އެ ފަންނާނުން ދަނީ ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދަމުންނެވެ. ގިނަ ލަވަކިޔުންތެރިން ވަނީ އެމީހުންގެ އަޑުގެ ޖާދޫގައި ބެލުންތެރިން ހަމަ ރަނގަޅަށް ވެސް ޖައްސާފައެވެ.

ރާއްޖޭގެ މިއުޒިކީ އުދަރެހުގައި ހަލުވި ކަމާއެކު ފިޔަޖަހަމުން އަންނަ ސޯލޯ ލަވަ ކިޔުންތެރިޔާ މޫޝަން މުބާރިކަކީ ބެލުންތެރިންގެ މެދުގައި މިހާރު އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާ އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ އަޑެއްގެ ޖާދޫގައި ޒުވާން އެތަކެއް ހިތެއް ޖެހި މިއަދު މިވަނީ ރަނގަޅަށް ވެސް ގެނބިފައެވެ. މޫޝަންގެ އަޑުގެ ފުރިހަމަކަމާއި މޮޅު ކަމުންނެވެ.

މޫޝަން ޝޯވް އެއްގައި ލަވަ ކިޔަނީ....

ވޭތުވެދިޔަ އަހަރު މޫޝަން ވަނީ އޭނާ އެތައް ދުވަހަކު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި އޭނާގެ ފުރަތަމަ ސޯލޯ އަލްބަމް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައެވެ. އަމިއްލަ ރާގުގެ ޖުމްލަ އަށް ލަވަ ހިމެނޭ އެ އަލްބަމަށް ކިޔަނީ "މޫޝަން މުބާރިކް" އެވެ.

ރިސޯޓް ތަކުގައި މިއުޒިކް ކުޅެމުން އަންނަ މޫޝަންގެ ލަވައެއް ބެލުންތެރިންނާ ހަމަޔަށް ނައިސް ލަސްވެފައިވަނިކޮށް މިއަހަރުގެ މިނިވަން ދުވަހު އޭނާ މިވަނީ އަނެއްކާވެސް ބެލުންތެރިންނަށް ހަދިޔާއެއް ދޫކޮށްލާފައެވެ. ބުރަ މަަސައްކަތަކާއެކު "އިހުސާސް" އެވެ.

ބިޒީ ޝެޑިއުލްގެ ތެރެއިން އެ ލަވައިގެ ވާހަކަ ކޮޅެއް ދައްކާލުމަށް މޫޝަން ވަގުތުކޮޅެއް ހުސްކޮށްލީވެސް ރިސޯޓެއްގެ މިއުޒިކް ޝޯވް އެއް ނިިންމާލާފައެވެ. ފުރަތަމަ ވެސް ބުނީ " އިހުސާސް" އެއީ ކުރެވުނު ބުރަ މަސައްކަތެއް ކަމަށެވެ.

"އިހުސާސް" ލަވައިގެ ފެނިގެންދާ އައްޒަ...

"އެ ލަވަ އެއީ މޫޝަން މެން ކުރި ވަރަށް ބުރަ މަސައްކަތެއް، މަސައްކަތް ފެށިތާ އެއް އަހަރުފަހުން ބެލުންތެރިންނާ ހަމަޔަށް އެ ލަަވަ މިގެނެވުނީ، ވަރަށް ހަމަޖެހިގެން މަސައްކަތް ނިންމައި ބެލުންތެރިންނާ ހަމަޔަށް ގެންނަށް ބޭނުންވީ،" މޫޝަން ކިޔައިދިނެވެ.

"އހުސާސް" އަކީ މިދިޔަ އަހަރު ނެރެވުނު މޫޝަންގެ ސޯލޯ އަލްބަމްގައި ހިމެނޭ އޯޑިއޯ ލަވަ އެކެވެ. ނަމަވެސް މިފަހަރު ގެނެސްދިނީ އެ ލަވައިގެ ވީޑިއޯ ރިމިކްސް އެކެވެ. ވަރަށް ފުރިހަމައެވެ. ލަވައިގެ ވީޑިއޯގެ މަަސައްކަތުގެ އިތުރުން ޑައިރެކްޝަންގެ މަސައްކަތް ކޮށްދީފައިވަނީ ޗޮޕްއާޓުގެ ފަރާތުންނެވެ. އެމީހުންގެ މަސައްކަތަށް ތައުރީފް ހައްގެވެ.

މޫޝަން ބުނީ، "އިހުސާސް"ގެ މަސައްކަތް ފެށުމުގެ ކުރިން އެލަވައިގައި އެކްޓް ކުރާނެ ތަރިއެއް ހޯދުމަށް ޓަކައި މޫޝަން އާއި ޗޮޕްއާޓްގެ ފަރާތުން ވާނީ ރާއްޖޭގެ މަޝްހޫރު މޮޑެލްތަކެއްގެ މެދުގައި އޮޑިޝަން އެއްވެސް ބާއްވާފައި ކަމަށެވެ. އެންމެ ފަހުން ލަވައިން ފެނިގެންދާނީ މިހާރު ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަމުން އަންނަ ތަރި މަރިޔަމް އައްޒައެވެ. އައްޒަ އާއެކު މޫޝަން އެވެ. ޖަސްޓިންގެ ފަރި މޭކަޕާއެކު ބެލުންތެރިން ހިތް މި ލަވައަށް އަތުލީއެވެ.

މޫޝަންގެ "އިހުސާސް"....

"އައްޒަ ސެލެކްޓް ކުރީ މިހާރު ފިލްމީ ދާއިރާގައި ހުރި ފުންނާބު އުސް ތަރި އަކަށް ވެފައި އޭނާ އަކީ ފޭނުން ގިނަ، ސަޕޯޓް އެހާ ލިބޭ އެކްސްޕީރިއެންސްޑް ކުއްޖަކަށް ވީމަ. އޭގެ އިތުރުން މި ލަވަ އަކީ ވަރަށް ބޮޑު ވާހަކައެއް ދައްކުވައިދޭނެ އެއްޗަކަށް ވާތީ އައްޒަ ކަހަލަ ތަރިއަކަށް ފުރިހަމައަށް އެބައި ދައްކުވައިދެވޭނެތީ، އޮޑިޝަންގައި ބައިވެރިވި އެހެން ކުދިން ވެސް ލަވައިގައި އުޅޭނެ،" މޫޝަން ބުންޏެވެ.

އެ ލަވައިން ދައްކުވައިދެނީ ފިރިމީހާއަށް ބޭވަފާތެރިވެ ވަރަށް ގޯސްކޮށް އުޅެމުން އައި އަންހެން ކުއްޖެއް، ފަހުން އޭނާ އުޅެވުން ގޮތާމެދު ދެރަވެ އަމިއްލައަށް ދުނިޔެ ދޫކޮށްލަން އުޅުނު މަންޒަރެވެ. އެ ރޯލު ދައްކުވައިދިފައިވާ އައްޒައަށް ދެވެން އޮތީ ހަމަ ސަތޭކައެވެ.

"އިހުސާސް" ލަވައިގެ މަންޒަރެއް ނެގުމަށް އައްޒަ ތައްޔާރު ވެފައި....

"ރީތިކަން" އާއި "ރަންނަމާރި" ފަދަ ލަވަތަކުން ބެލުންތެރިންގެ ހިތް ކަތިލާފައިވާ މޫޝަން ބުނީ، މި ލަވަ ޕްރޮޑިއުސްކޮސް ރިމިކްސް ހެދުމުގެ މަސައްކަތުގައި އެމެރިކާގެ ޕްރޮޑިއުސަރެއްގެ މަސައްކަތް ވެސް ހިމެނޭނެ ކަމަށެވެ.

މޫޝަންގެ "އިހުސާސް" މިވަނީ ނުހަނު ގިނަ މީހުން ބަލާފައެވެ. ގިނަ ބަޔަކު ދަނީ ލަވަ ބަލާފައި ތައުރީފް ކުރަމުންނެވެ. ލޯތްބާއި ތައުރީފް އެ ލަވައިގެ މުޅި ޓީމަށެވެ. މޫޝަން ހުރީ ބެލުންތެރިންނަށް ޓަކައި މިކަހަލަ އެތައް ލަވަތަކެއް ގެނެސްދޭން އަތުކުރި އޮޅާލައިގެންނެވެ.

comment ކޮމެންޓް