އިނގިރޭސިވިލާތުގެ ލަންޑަނުގެ ހީތްރޯ އެއާޕޯޓުގައި ދިވެހިންނަށް މިހާރު އީގޭޓް ބޭނުންކުރެވޭނެކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ހިދުމަތް ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީގައި ގާއިމްކޮށްފައިވާ ވިސާ އެޕްލިކޭޝަން ސެންޓަރާ ގުޅޭގޮތުން ޕީއެސްއެމް ނިއުސް އާ ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އާސިމް ވިދާޅުވީ މިހާރުވެސް އާންމުކޮށް އިނގިރޭސި ވިލާތަށް ދަތުރުކުރާ ދިވެހިން ކުރިއާލާ ރެޖިސްޓްރީ ކޮށްފިނަމަ ހީތްރޯ އެއާޕޯޓުގައި އީ ގޭޓް ބޭނުން ކުރެވޭނެ ކަމަށެވެ.
"އާންމުކޮށް ދަތުރުކުރާ ފަރާތްތައް އެތާންގައި ރަޖިސްޓްރީކޮށްފަ އީ ގޭޓް މިހާރުވެސް ބޭނުންކުރެއްވޭނެ. މިކަމުގެ ސަބަބުން އިނގެރޭސި ވިލާތަށް ދަތުރުކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. މިމަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ އިނގެރޭސި ސަރުކާރާ ގުޅިގެން،" މިނިސްޓަރު ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ފަސޭހައިން ވިސާ ލިބޭނެގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.
އާންމުކޮށް އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން ވިސާ ހޯދަން ޖެހެނީ ސްރީލަންކާއިންނެވެ. ނަމަވެސް ފޮރިން މިނިސްޓްރީގައި ގާއިމްކޮށްފައިވާ ވިސާ ސެންޓަރު މެދުވެރިކޮށް މާދަމާގެ ނިޔަލަށް ރާއްޖެއިން ވިސާ ހެއްދޭނެއެވެ.
މީގެ ކުރިންވެސް ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރާ ގުޅިގެން ރާއްޖެއިން އިނގިރޭސި ވިސާ ދޫކުރަން ހަރަކާތްތައް ހިންގައިފައެވެ. އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު ލިބުނު ތަރުހީބު ބޮޑުކަމަށް މިނިސްޓަރު އާސިމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޚާއްސަ ލުއިފަސޭހަތަކެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.