ރިޟުވާން ހޯދަން ފުލުހުންނަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް ޔާމީން: ކުރީގެ ސީޕީ

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ސާދަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރެއަށްފަހު ވީނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ހޯދުމަށް ފުލުހުންނަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

މިހާރު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ހުސައިން ވަހީދު މިރޭ "ސަން" އަށް ވިދާޅުވީ ރިޟުވާން ގެއްލުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ހިސާބުން އެ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ތަހުގީގު ޓީމްތަކެއް އެކުލަވައިލި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ތަހުގީގު ޓީމުގައި ހިމަނާފައިވާނީ ފުލުހުންގެ ތެރޭގައި ތިބި ތަހުގީގު ކުރުމުގެ ރޮގުން އެންމެ ގާބިލު ފުލުހުން ކަމަށާއި އެ ޓީމުން ރިޟުވާން ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށެވެ.

"ރިޟުވާން ގެއްލުނު މައްސަލަ ތަހުގީގު ކުރަމުން ދިޔައީ ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން. އެ ތަހުގީގުގައި ހަރަކާތްތެރިވީ ވަރަށް ގާބިލް ޓީމެއް. އެ މައްސަލައިގެ އެންމެ އަޑިއަށް ވާސިލްވުމަށްޓަކައި މަސައްކަތް ކޮށްފައިވާނީ،" ހުސައިން ވަހީދު ވިދާޅުވިއެވެ.

ހުސައިން ވަހީދު އެ މައްސަލައިގެ ތަހުގީގަށް ސަރުކާރުގެ ތެރެއިން ހޯދަން ބޭނުންވާ މައުލޫމާތުތައް ފުލުހުންނަށް ފޯރުކޮށްދިނުމުގައި ރައީސް ޔާމީން ފަސޭހަ ގޮތްތަކެއް ހަމަޖެއްސެވި ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގެ ސްޕީޑު ދަށްކޮށްލުމަށް ނުވަތަ އެ މައްސަލައިގެ ތަހުގީގުގައި ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމަށް ރައީސް ޔާމީން އަންގަވާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަބަދުވެސް ރައީސް ޔާމީން އިރުޝާދު ދެއްވީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމުގެ ސްޕީޑު އަވަސްކޮށް، މައްސަލަތަކުގެ އަސްލު ހޯދުމަށް،" ހުސައިން ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ވަރަށް ރަނގަޅަށް ބައެއް ރޭ ރޭ ރިޟުވާން އުޅޭ ކަމަށް ބުނާ ބައެއް ތަންތަނާ ގުޅޭ މައުލޫމާތު ލިބިގެން އަޅުގަނޑުމެން އޮޕަރޭޝަން ކުރިއަށް ގެންގޮސް ނިމެންދެން ރައީސް ޔާމީން ނިދި ނުކުރައްވާ ހުންނަވާކަން. ބައެއް ރޭ ރޭ މެންދަމުން އަލިވާ ފަހުންވެސް އޮޕަރޭޝަނާ ގުޅޭ ބްރީފިން އަޅުގަނޑު ރައީސަށް އަރުވަން،" ހުސައިން ވަހީދު ވިދާޅުވިއެވެ.

ރިޟުވާން ގެއްލުނު މައްސަލައާ ގުޅޭގޮތުން އެކި ފަރާތްތަކުން މީޑިއާގައި ދައްކަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ މައްސަލަ ސިޔާސީ ނުކުރުމަށް އެދޭ ކަމަށް ހުސައިން ވަހީދު ވިދާޅުވިއެވެ.

ރިޟުވާން ގެއްލުނު މައްސަލައާ ގުޅޭގޮތުން 2016 ވަނަ އަހަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ރިލްވާން "ދިރިހުރިކަން ނުވަތަ ނޫން ކަން ކަށަވަރުކަމާއެކު" ދަންނަވަން ނޭނގޭ ކަމަށެވެ.

ފުލުހުން ހާމަކުރި މުހިންމު ވާހަކަތައް:

  • ރަތް ކުލައިގެ ކާރުން ފެނުނު ޑީއޭންއޭ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވޭ
  • ހުޅުމާލޭގައި ދުއްވި ރަތް ކުލައިގެ ކާރަކީ ކުޑަހެންވޭރު މީހަކަށް ނިސްބަތްވާ މީހެއްގެ ކާރެއް
  • އެ ކާރު ހުޅުމާލެއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް
  • އެންމެ ފަހުން ރިޟުވާން ފެނިފައިވަނީ ހުޅުމާލެ ފެރީން
  • މައްސަލާގައި ހައްޔަރު ކުރި ފަސް މީހުން ދޫކޮށްލީ ކޯޓުން
  • ކޯޓުން ދޫކޮށްލި ފަސް މީހުންގެ ތެރެއިން އެކަކުވީ ރާއްޖެއިން ބޭރުގައި

ސަތީހު ވިދާޅުވީ އޭނާ ގެއްލުނު ރޭ، އޮގަސްޓް 8، 2014 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި އޭނާ އުޅުނުއިރު، އޭނާގެ ފަހަތުން ބަޔަކު ފާރަލަމުންދިޔަ ކަމަށެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން މާލޭގައި އުޅުމަށްފަހު އެނބުރި ހުޅުމާލެއަށް ދިއުމަށް މާލޭގައި ހުންނަ ފެރީޓާމިނަލަށް ވަންނަންދެން ބަޔަކު އޭނާއަށް ފާރަލަމުންދިޔަ ކަމަށް ޝަތީހު ވިދާޅުވި އެވެ.

ފާރަލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފްޓޭޖެއް ވެސް ފުލުހުން ވަނީ މިއަދު ނޫސްވެރިންނަށް ދައްކާލާފައެވެ.

އޭނާ ވިދާޅުވީ ރިޟުވާން ގެއްލުނު މައްސަލައިގެ ތަހުގީގަށް ފަސް މީހަކު ހައްޔަރު ކުރި ކަމަށާއި އެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އެ ފަސް މީހުންގެ ތެރެއިން ރިލްވާން މާލޭގައި އުޅެނިކޮށް އޭނާއަށް ފާރަލި މީހެއް ކަމަށްވާ، ސ. ހުޅުދޫ، އަތިރިއާގެ، މުހައްމަދު ސުވައިދު ރާއްޖެއިން ބޭރަށް ގޮސްފައިވާ ސަތީހު ވިދާޅުވި އެވެ. އޭނާއަކީ ރިލްވާން ގެއްލުވާލުމުގައި އިސްކޮށް ހަރަކާތްތެރިވި މީހާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ސަހީތު ވިދާޅުވީ ރިލްވާން ގަދަކަމުން އެރުވި ކަމަށް ބުނާ ރަތް ކުލައިގެ ކާރަކުން ފެނުނު ފަސް އިސްތައްޓެއްގެ ޑީއެންއޭ ޗެކުކުރުމުން، އޭގެ ތެރެއިން އިސްތައްޓެއް ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.

އެކާރު ރަޖިސްޓްރީކޮށްފައި އޮތީ ހ. ހިލްޓަން އާލިފް ރައޫފްގެ ނަންމަތީގައި ކަމަށާއި މިހާރު އޭނާ ވެސް ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ސަތީހު ވިދާޅުވިއެވެ.

އާލިފް ރައޫފް އެ މައްސަލާގައި އެއްވެސް އިރެއްގައި ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސުވައިދަކީ ކުރިން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށް ސަތީހު ވިދާޅުވިއެވެ.

ރިލްވާން އެންމެ ފަހުން ފެނުނީ ހުޅުމާލެއިން ފޭބުމަށްޓަކާ ފެރީގެ ގޮނޑިން ތެދުވެހުއްޓާ ކަމަށް ސަތީހު ވިދާޅުވި އެވެ.

ރިލްވާން ގެއްލުނުރޭ ހުޅުމާލޭގެ އެކި ސަރަހައްދު ޗެކްކުރި ފުލުހުންނަށް އެ ކާރު ފެނުނު ކަމަށާއި އޭރު އެ ކާރުގައި ހުރީ ތަޅުލާފައި ކަމަށް ސަތީހު ވިދާޅުވިއެވެ. އެއިރު އެކާރަކީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ކާރެއްކަމަށް ބެލެވިފައިނުވާތީ އެކާރު އެއިރު ޗެކްކޮށްފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި އާލިފްގެ އިތުރުންް ގދ. ވާދޫ، ކަރަންކާގެ، މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްް ކޮށްފައެވެ.

އެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގު އަދި ފުރިހަމަ ނުވެއެވެ. އަދި އެ ރަތްކާރަށް ރިޟްވާން އެރުވިކަން އެނގޭނެ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް