ހަ ފަހަރު މަރު ކޮމިޝަނަށް ވަނީ ހާޒިރުކޮށްފައި: ހުސައިން ވަހީދު

ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހަ ފަހަރެއްގެ މަތިން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހާޒިރުކުރި ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ހުސައިން ވަހީދު ހާޒިރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެނގިފައިވާ ގޮތުގައި ހުސައިން ވަހީދު އެ ކޮމިޝަނަށް ހާޒިރުކުރީ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.

ހުސައިން ވަހީދު މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައްޖު ދުވަހު އަރަފާތު ގަޑީގައި ވެސް އިންނަން ޖެހުނީ މަރު ކަމިޝަނުގައި ކަމަށެވެ.

ހުސައިން ވަހީދު ވިދާޅުވީ ކޮމިޝަނުގެ އެއްބާރުލުން ކުޑަ ކަމާއި އެ ބޭފުޅުންގެ ވެރިންގެ ފަރާތުން އައިސްފައިވާ އޯޑަރު ތަކުގެ ސަބަބުން ދެ ފަރާތުން ރަގަޅަށް ވާހަކަވެސް ދައްކާ ނުލެވުނު ކަމަށެވެ.

"އަޅުގަނޑު މަރު ކަމިޝަނަށް ގެންދިޔަ، 06 ދުވަހު ދިޔައިން. ޖުލައި މަހު ފަސް ފަހަރު ހައްޖު ދުވަހު އަރަފާތު ގަޑީގައި ވެސް އިނީ ކަމިޝަނުގައި. ހަބަރު ހަދާލުމާއި ރިޕޯޓެއް ނެރެލުމަށް ވުރެ ރަނގަޅަށް ކުރެވުނީސް. އެބޭފުޅުން ވަރަށްބޮޑު މަޖުބޫރު ކަމެއްގައި ތާށީވެފައިވާ ކަން ފާހަގަވި. ވަކި ތާރީހަކަށް ވަކި ގޮތަކަށް ރިޕޯޓެއް ނެރެން ޖެހިގެން އުޅުނުކަން ފާހަގަ ކުރެވުނު. ވެރިކަމުގެ ފުރަތަމަ 24 ގަޑިއިރު ތަންކޮޅެއް ލަސްވެއްޖެ،" ހުސައިން ވަހީދު ވިދާޅުވިއެވެ.

އޭނާ ޕޮލިސް ކޮމިޝަނަރު މަގާމުގައި ހުންނެވިއިރު ރިލުވާން ހޯދަން ކުރެއްވި މަސައްކަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ފުލުހުންގެ ފަރާތުން ލިބުނު އެހީތެރި ކަމާއި އެއްބާލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރިލުވާންގެ އާއިލާއިން ވަރަށް ހިތާމަ ކޮށްފި ކަމަށާއި އެދުމަކީ ރިލުވާންގެ މަންމަ އާއި ވީ އެންމެ އަވަހަކަށް ގުޅާލާ އާއިލާއާއި ސަލާންގަލާން ކޮށްލެވޭނެ ގޮތެއް ވުން ކަމަށެވެ.

ރިލްވާން ގެއްލުވައިލި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް ވަނީ މަރު ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

ރައީސް ޔާމީނަށް ވެސް ކުރާ ތުހުމަތަކީ ތަހުގީގަށް ހުރަސް އެޅުމުގެ ތުހުމަތެވެ.

ކޮމިޝަނުން ސުވާލު ކުރުމުން އެމަނިކުފާނު ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގުގެ ބޭނުން އިޚުތިޔާރު ކުރައްވާފައެވެ.

comment ކޮމެންޓް