ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ގދ. މަޑަވެލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަނީ ނިޔާވެފައި ކަމަށާއި އެކަމުގައި ޝައްކެއްވެސް ނެތް ކަމަށް ވިދާޅުވީ ރިލުވާނުގެ މަރު ސާބިތުކޮށްދެއްވަން ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
ތަރުޖަމާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް، ރިލްވާނުގެ މަރުސާބިތު ކުރެއްވީ ނޫން ކަމަށާއި ރައީސްގެ ވާހަކަފުޅު އަމާޒު ކުރެއްވީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓާ ގުޅިގެން ހެދި ބޮޑު ދޮގެއްގެ މައްޗަށް ކަމަށެވެ.
"ޝައްކެއް ނެތްކަމަށް ވިދާޅުވީ ރިލްވާނަށް ވީގޮތާމެދު އަޅުގަނޑުމެން އެންމެން ހިތާމަކުރާ ވާހަކަ،" ވިދާޅުވުމަށް ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
މަޑަވެލީގައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ "މި މައްސަލައިގެ ތަހުގީގަކީ ފެށުނީއްސުރެ ފުލުހުން ކުރާ ތަހުގީގެއް. މިހާރު ވެސް ފުލުހުން އެ ތަހުގީގުކުރަމުން އެބަދޭ. އަފްރާޝީމްގެ މަރުގެ މައްސަލަ އަޅުގަނޑުމެންނަށް ބެލެންޖެހޭ. ރިލުވާނުގެ މަރުގެ މައްސަލަ ބެހެލެން ޖެހޭ. ދެންވެސް ތިބި މީހުންގެ މަރުގެ މައްސަލަ ބެލެންޖެހޭ،" ކަމަށެވެ.
ރިލްވާނުވީ ނިޔާވެފައި ކަމަށާއި އެކަމުގައި ޝައްކެއްވެސް ނެތް ކަމަށް ރައީސް ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އެއްޗެއް ދެންނެވެން މިވަގުތު ނެތް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ ވިދާޅުވެފައެވެ.