ދެހާސް ސަތާރަވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ ގއ. ދާންދޫ ގޯލްޑްލީފް ހާރިސް އަބްދުލްޣަފޫރު މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ޏ. ފުވައްމުލައް، ހިލްޓަން ޔާމިން ރަޝީދު ގޭބަންދަށް ދޫކޮށްލަން މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ޔާމިންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ދައުވާ ލިބޭ ފަރާތާއި ދައުލަތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ އަޑުއުހުމުގައި ދެ ފަރާތުން ހުށަހެޅުންތައް ހުށަހަޅައި ނިމުމުން ދިފާއީ ވަކީލު ވަނީ ޔާމިންގެ ބަންދާ ބެހޭގޮތުން ވާހަކަދެއްކުމަށް ފުރުސަތަކަށް އެދިވަޑައިގެންފައެވެ. ވަކީލު ވަނީ، 2015 ވަނަ އަހަރު ގްރޫޕް މާރާމާރީއެއްގައި ޔާމިންއަށް ލިބުނު އަނިޔާތަކުގެ ވޭން އޭނާ އަދިވެސް ތަހައްމަލު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ޔާމިންގެެ މެޑިކަލް ލިޔުންތަކާ ހަވާލާދެއްވައި ދިފާއީ ވަކީލު ވިދާޅުވީ، 2015 ވަނަ އަހަރުގެ ލިބުނު ހަމަލާގައި ޔާމިންގެ "ގޮހޮރު ތޮރުފާލި" ކަމަށެވެ. އަދި އޭނާގެ ވާތް ފަރާތު ކީޑްނީއަށާއި ޕެންކްރިއަސްއަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން ފާހަގަކުރެއްވިއެވެ.
ވަކީލު ވިދާޅުވީ އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ޔާމިންއަށް ފަރުވާ ދޭން ޖެހުނު ކަމަށެވެ. އަދި އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދިނުމުން އޭނާގެ ހާލު ރަނގަޅުވި ނަމަވެސް އަދިއަދަށް ދާންދެން އެކަމުގެ ވޭން އޭނާ ތަހައްމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން އޭނާ ލޯ-ފައިބާ ޑައިޓެއްގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވީ ނަމަވެސް ޖަލުގައި އެފަދަ ހާއްސަ ކާއެއްޗެހި ނުލިބޭ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ހައިކޯޓުގެ ގަޒިއްޔާތަކަކާއި ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަކާއި ހަވާލާދީ ވަކީލު އެދިވަޑައިގަތީ ޔާމީންގެ ބަންދުން ދޫކޮށްލުމަށެވެ. އަދި އޭނާ ދޫކޮށްލި ނަމަވެސް އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރާނެ އަމަލެއް ނުފެންނާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.
އެހެން ނަމަވެސް، ދައުލަތުގެ ވަކީލުން ވަނީ އެކަމަށް އިއުތިރާޒުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ޔާމިން ކިމްސް ހޮސްޕިޓަލުން ދޫކުރި އިރު އޭނާގެ ހާލު ސްޓޭބަލް ކަމަށް ޑިސްޗާޖް ލިޔުމުގައި އޮތް ކަމަށެވެ. އެހެން ކަމުން މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވިއެވެ. ރައްދުގައި ދިފާއީ ވަކީލު ވިދާޅުވީ ސްޓޭބަލްވުމުގެ މާނައަކީ މީހާ މުޅިން "ޕާފެކްޓް"ވުން ކަމަށް މާނަ ނުކުރެވޭނެ ކަމަށެވެ.
ދައުލަތުގެ ވަކީލުން އިތުރަށް ފާހަގަކުރެއްވީ ޔާމިން ވަކި ކަހަލަ މާހައުލެއްގައި ދިރިއުޅެން ޑޮކްޓަރުން ލަފާދީފައި ނުވާ ކަމެވެ. އަދި އޭނާ ލޯ ފައިބާ ޑައިޓެއްގައި ހުންނަން ލަފާ ދިން އިރު ޑޮކްޓަރެއްގެ ލިޔުމާއެކު އެކަމަށް އެދުމުން ޖަލުން އެކަމަށް މަގުފަހިކޮށްދޭނެ ކަމަށް ވަކީލުން ވިދާޅުވިއެވެ. އަދި މައްސަލައަކީ ގިނަ އަދަދެއްގެ ސިއްރު ހެކިން ހިމެނޭ ބޮޑު މައްސަލައަކަށް ވާއިރު ޔާމިން ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރާފާނެ ކަމަށް ވަކީލުން ވިދާޅުވިއެވެ. މީގެ އިތުުރުން އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖްތަމައުއަށް ނުރައްކާ ވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ދެ ފަރާތުން ދެއްކެވި ވާހަކަތަކަށް ފަހު މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ނިންމެވީ މައްސަލައިގެ ޝަރީއަތް ނިމެންދެން ޔާމިން ގޭބަންދަށް ދޫކޮށްލުމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވަނީ ހުށަހެޅުންތައް ހުށަހަޅައިފަ އެވެ. އެގޮތުން ފުރަތަމަ ދައުލަތުން ވަނީ ތިން ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 119 ވަނަ މާއްދާގެ (ހ)ގެ ފަސް ވަނަ ނަމްބަރުގެ ދަށުން ހެކިބަހަށް ހިމާޔަތް ލިބޭނެ ގޮތް ހަމަޖައްސުމަށާއި، އެ ގާނޫނުގެ 131 ވަނަ މާއްދާގެ (ހ)ގެ ދަށުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށާއި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައވާ ސީން އޮފް ކްރައިމް ރިޕޯޓުގައިވާ ފޮޓޯއެއް ސިއްރު ކުރުމަށެވެ.
ޔާމިންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކުގެ ތެރޭގައި، އޭނާއަށް ކޮށްފައިވާ ދައުވާގެ ދައުވާ ފޯމުގައި، ހާރިސް މަރާލި ހަމަލާގައި ދެމީހުން ބައިވެރިވާ ކަމަށް ބުނެފައިވާ އިރު އޭނާއަށް ހަމަލާ ދިނީ ކާކުކަން ބުނެފައި ނުވާ ކަމަށާއި، ތޫނު ހަތިޔާރުގެ ގާނޫނުގައި ބުނާ ފަދަ ތޫނު ހަތިޔާރެއްކަން އެނގޭނެ ފަދަ ވަޅިއާ ބެހޭ ތަފްސީލެއް ދައުވާގައި ނެތް ކަމަށާއި، ހާރިސް މަރާލުމުގައި ދެ މީހުން ބައިވެރިވި އިރު އެތަނުން އޭނާ މަރުވި ހަމަލާ ދިނީ ކާކުކަން އެނގެން ނެތް ކަމަށާއި، އޭނާއަށް ދައުވާ ކޮށްފައި ވަނީ ދައުވާ ކުރަން ޖެހޭ މުއްދަތުތެރޭގައި ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ހުށަހެޅުންތަކަށް ދައުލަތުން ރައްދު ދިނީ ލިޔުމުންނެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ބެހޭގޮތުން ގޮތެއް ނިންމުން އޮންނާނީ ދެން އެ މައްސަލައިގައި ބާއްވާ އަޑުއެހުމުގައި ކަމަށް ގާޒީ މިއަދު ވަނީ ވިދާޅުވެފައެވެ.
ދައުވާއަށް ޔާމިން މީގެ ކުރިން އިންކާރުކޮށްފައިވާ އިރު ދައުލަތުން ވަނީ ޔާމީންއާ ދެކޮޅަށް ހެކިބަސް ދިނުމަށް ސިއްރު 17 ހެކިވެރިންނާއި 13 ކިތާބީ ހެއްކެއް މީގެ ކުރިން ހުށަހަޅައިފައެވެ.