މާލޭގެ ކާނިވާ ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި މިރޭ ތާރު އަޅުމުގެ މަސައްކަތް ފަށާތީ އެ ސަރަހައްދުގައި އުޅޭ މީހުން ސަމާލުވާން ހައުސިން މިނިސްޓްރީން އެދެފިއެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ހުސައިން 'ސަން' އަށް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ކާނިވާ ސަރަހައްދުން ފެށިގެން ތާރު އެޅުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށާއި އެ ސަރަހައްދުގައި އުޅޭ މީހުންގެ އިތުރުން ކައިރީގައި ހުރި ކެފޭ ރެސްޓޯރެންޓަތަކަށް ދާ މީހުން ސަމާލުވުމަށް އެދޭ ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން ރާޅުގަނޑު، ސިނަމާލެ ބްރިޖާއި ހަމައަށް ތާރު އެޅުމަށް ނިންމާފައިވާއިރު ފަޒާލް ވިދާޅުވީ މިހާރު އެ މަގުގައި ވަނީ އޭބީސީ ލޭޔަރު އަޅާ ނިންމާފައި ކަމަށެވެ. އަދި މިރޭ ކުރިއަށް ދާނީ އޭބީސީ ލޭޔަރަށް ކެމިކަލް ޖެހުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަނެއްހެން ނުރައްކާ ހުރި ކަމެއް ނޫން އެއީ. ނަމަވެސް ތާރު އެޅުމުގެ ކުރިން އެ ޖަހާ ކެމިކަލްގައި ވަރަށް ވަރުގަދަ ވަހެއް ހުންނާނެ. އެ ސަރަހައްދަކީ ބައެއް ކެފޭ ރެސްޓޯރެންޓްތައް ހުންނަ ސަރަހައްދެއްކަމަށް ވުމުން ސަމާލުވާން މި އެދެނީ،" ފަޒާލް ވިދާޅުވިއެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅައިގެން އަލުން އެ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުންދާ އިރު، ބްރިޖް ނިމެންވާއިރަށް މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ބޭރު މަގުގެ ބޮޑުބައެއްގައި ތަޅާލައި ފުޅާކޮށް ވަނީ ނިމިފަ އެވެ. އަދި އާޓިފިޝަލް ބީޗު ސްޓޭޖު ވެސް ރޫޅާލައި ތަޅާލައިފައިވާ އިރު، ބޭރު މަގުގައި ހުރި ބޮޑެތި ގަސްތައް ވެސް ވަނީ ކަނޑާލައިފަ އެވެ.