ގޯލްޑަން ފުޓްސަލް ޗެލެންޖު: އަލިފުށްޓާއި ގަން އަދި ތިމަރަފުށިވެސް ކުއާޓާއަށް

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް، ލ. ގަމާއި ރ. އަލިފުށި އަދި ތ. ތިމަރަފުށިވެސް ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު ގަދަ 16ގެ މެޗުތައް ކާމިޔާބުކޮށް، އެ ތިން ޓީމުންވެސް ކުއާޓާގެ ޖާގަ ޔަގީން ކޮށްފައިވާ އިރު، މިހާތަނަށް ކުއާޓާއަށް ގޮސްފައި ވަނީ ފަސް ޓީމެކެވެ. ގަމާއި އަލިފުށި އަދި ތިމަރަފުށީގެ އިތުރުން ދެން ކުއާޓާއަށް ގޮސްފައި ވަނީ އޮޓޮމެޓިކުން ޒޯން ޗެމްޕިއަންކަން ލިބުނު ސ. ފޭދުއާއި ޒޯން އެކެއްގެ ރަނަރަޕް ކ. މާފުށްޓެވެ.

ރޭ ކުޅުނު ގަދަ 16ގެ މެޗުގައި ގަމުން ވާދަކުރީ ފ. ނިލަންދުއާއެވެ. އެ މެޗު ގަމުން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ގަމު ޓީމުގެ ހުސައިން ނާޝިދު ދެ ގޯލް ޖެހި އިރު، އަނެއް ތިން ގޯލް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ)އާއި އަހުމަދު ޖުނައިދު އަދި އަބްދުﷲ ޖުނައިދެވެ.

އަލިފުށިން ކުއާޓާގެ ޖާގަ ހޯދީ 4-1ގެ ނަތީޖާއަކުން ގއ. ދާންދޫ ބަލިކޮށްގެންނެވެ. މެޗުގައި އަލިފުށީގެ އިބްރާހީމް ފުރުގާން (ފުގޭ)އާއި އަހުމަދު ވިޖުދާން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖަހައިދިން އިރު، ދާންދޫގެ ހަމައެކަނި ގޯލް ޖަހައިދިނީ މުހައްމަދު އަބްދުއްސައްތާރެވެ.

ރޭގެ އަނެއް މެޗުގައި ތިމަރަފުށިން އދ. ދަނގެތި ބަލިކުރީ ތަފާތު ބޮޑު 7-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ތިމަރަފުށީގެ ޒިޔާން ވަނީ ފަސް ގޯލް ޖަހައިފައެވެ. އެޓީމުގެ އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަހުޝަމްއާއި މިސްބާހެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގަދަ 16ގެ މެޗުތައް މިރޭވެސް ކުޅޭނެއެވެ. މ. ދިއްގަރުން ބ. އޭދަފުށްޓާ ދެކޮޅަށް ނުކުންނަ އިރު، ހދ. ނާވައިދޫން ނުކުންނާނީ އއ. ބޮޑުފުޅަދުއާ ދެކޮޅަށެވެ. މާލޭން ބައިވެރިވި ހަމައެކަނި ޓީމު، މާފަންނުން މިރޭ ނުކުންނާނި ހއ. ވަށަފަރާ ދެކޮޅަށެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 55 ޓީމު ވާދަކުރާނެއެވެ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭ އިރު، ފައިނަލް ބުރުގައި ވާދަކުރާނީ ޒޯން ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ފޭދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ހެންވޭރުންނެވެ. އެ މެޗުން ހެންވޭރު މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް