ވިޒްއަލް އާޓްސްގެ ދާއިރާއިން، "ފިލްމު ޑައިރެކްޓް ކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމް" މިއަހަރު ލިބުނު އަލީ ޝިފާއު (ޗިއްޕެ) ފިލްމީ ދާއިރާއަށް ޝައުގުވެރިވީ އޭނާގެ އުމުރުން ވަރަށް ކުޑައިރުއެވެ.
އެންމެ ކުޑައިރުން ފެށިގެން ވެސް ކުރާ ކޮންމެ ކަމެއް ފަރުވާތެރިކޮށް ކުރަމުން އައި ޗިއްޕެއަކީ މިއަދު ރާއްޖޭގައި ފާހަގަކޮށްލެވޭ ފެންވަރުގެ ކާމިޔާބު ޑައިރެކްޓަރެކެވެ.
"އަބަދުވެސް ގޭތެރޭ ކެމެރާކޮށް އުޅެން. ބޭބެއަކީ ވެސް ކެމެރާމަން އެއް. ރަހުމަތްތެރިންނާ އެއްކޮށް އުޅޭއިރު އޭރުވެސް ދެއްކޭނީ ފިލްމެއް ހަދާ ވާހަކަ،" ޗިއްޕެ ބުންޏެވެ.

ޗިއްޕެ ޝޫޓިން އެއްގެ މަސައްކަތް ކުރަނީ--- ފޮޓޯ/ ފޭސްބުކް
ޗިއްޕެ ވަނީ، އޭނާ ސްކޫލް ދައުރު ނިންމައި ވަޒީފާއަކަށް ނުކުތް އިރުގެ ހަނދާންތަކާއި 1994 ހިސާބުގައި ފިލްމީ ދާއިރާއަށް ވަދެވުނު ގޮތް ސަންއާ ހިއްސާކޮށްފައެވެ.
"އެއްދުވަހު މޫމިން ބުނެފި ހިނގާބަލާށޭ ފިލްމެއް ހަދަން. ދެން އަހަރެމެން ވާހަކަ ދައްކައިގެން ނިންމީ އަމިއްލައަށް ކެމެރާއެއް ގަނެގެން ކެމެރާ ކުރަން. ކެމެރާއެއް ވެސް ގަތިން. އެކަމަކު އެ ގަތްއިރު ނޭނގެ ކެމެރާ ކުރަން ވެސް. އެ ފަހަރު މޫމިން ސްކްރިޕްޓެއް ވެސް ހެދި،" ޗިއްޕެ ބުންޏެވެ.
އޭރު ހެދި ސްކްރިޓް ތަންކޮޅެއް އުނދަގޫކަމުން ޗިއްޕެމެން ޓީމުން އެ ބޭއްވީއެވެ. ނަމަވެސް ދެން ހެދި ސްކްރިޕްޓް ވެސް މޫމިން ފުއާދު ލިޔުމަށްފަހު ފިލްމު ހެދުމުގެ އަމަލީ މަސައްކަތް ފެށުނެވެ.

ޗިއްޕެ އިނާމް އާ ހަވާލުވަނީ---
"ހޭލާ"ގެ ނަމުގައި އެންމެ ފުރަތަމަ ފީޗާ ފިލްމު އުފެއްދި ކަމަށާއި ފިލްމު ޝޫޓްކުރުމަށްފަހު އެޑިޓިން މަރުހަލާއަށް ދިޔައެވެ. ނަމަވެސް އޭރު އެ ޓީމަށް އެޑިޓްކުރާނެ ގޮތެއް ނޭނގުނެވެ. ގިނަ ކަންތައްތަކެއް ދަސްކުރުމަށްފަހު މީހުންގެ ލަފައާއެކު ސޮފްޓްވެއާއެއް އަޅައިގެން "ހޭލާ" އެޑިޓްކުރިއެވެ.
"ހުރިހާ މަސައްކަތެއް ނިންމާފައި ފިލްމު އެޅުވިން. އެކަމަކު ގިނަ މީހުންނަކަށް ނޭނގޭ ފިލްމު އެޅުވި ކަމެއްވެސް. ރަނގަޅަކަށް މާކެޓް ވެސް ނުކުރެވުނު 500 އެއްހާ މީހުން މި ފިލްމު އޮލިމްޕަހުން ބެލީވެސް،" އަލީ ޝިފާއު ސަން އަށް ދިން ޚާއްސަ އިންޓަވިއުގައި ބުންޏެވެ.
ޗިއްޕެ ބުނީ "ހޭލާ"ގެ މަސައްކަތަށް ފަހު އެއްކޮށްހެން ފިލްމީ ދާއިރާގެ މަސައްކަތް މަޑުޖެހުނު ކަމަށާއި އެފަހަރު ގައުމީ ފިލްމު އެވޯޑްގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލުމުން "ހޭލާ" ބައިވެރިކުރި ކަމަށެވެ. އަދި އެ ފިލްމަށް އެވޯޑެއް ވެސް ލިބުނު ކަމަށް އޭނާ ބުންޏެވެ.

ދިން ވޭނުގެ ހިތާމައިގެ ޕޯސްޓަރެއް--
"ދެން މިހިސާބުން މީހުންނަށް އެނގެން ފެށީ ދެ މީހެއް އެބައުޅޭކަން. އެ ހިސާބުން ދިމާވީ މޮގާއާ. ދެން އެ ހިސާބުން ނިންމީ މި މަސައްކަތް ޕްރޮފެޝަނަލްކޮށް ކުރަން. އޭރު އެންމެން އެއްކޮށް މަސައްކަތްކޮށްގެން މޮގާ އުފެއްދި ތަނެއް ޑާކްރެއިން އެންޓަޓެއިންމަންޓް އަކީ،" ޗިއްޕެ ބުންޏެވެ.
ޑާކްރެއިން އެންމެ ފުރަތަމަ އުފެދުނުއިރު ކުރި މަސައްކަތަކީ ދިވެހި ޑްރާމާ ސިލްސިލާ އުފެއްދުމުގެ މަސައްކަތެވެ. އެ ގޮތުން އެ ސްޓޫޑިއޯ އިން ވަނީ ހަތްވަރަކަށް ޑްރާމާގައި މަސައްކަތްކޮށްފައެވެ.
ޑްރާމާތަކުން ކުޑަކޮށް އެކަހެރިވެ ޑާކްރެއިންގެ ފުރަތަމަ ފިލްމުގެ މަސައްކަތް ފެށުނެވެ. އެއީ މޫމިން ފުއާދު ލިޔެ ޑައިރެކްޓްކުރި "ހެޕީ ބާރތް ޑޭ" އެވެ. އެ ފިލްމުގެ ގިނަ ޓެކްނިކަލް މަސައްކަތްކުރީ ޗިއްޕެ އެވެ.
"ފުރަތަމަ ފިލްމުވީ ވަރަށް ބޮޑު ފްލޮޕަކަށް. އޭރު މީހުން ބުނޭ މީހުން ނުދަންނަ މީހުންނާ އެކީ ފިލްމު ހަދާތީ އޭ ފްލޮޕްވަނީ. އެއީ ހޭލާގެ އެކްސްޕީރިއެންސް. އެކަމަކު އެ ހެޕީ ބާރްތް ޑޭ މިހެދީ ނިއުމާ އާއި ޔޫއްޕެ ލައްވައި،"
"އެ ހިސާބުން އެނގުނީ މީހުންނެއް ނޫންކަން މައްސަލައަކީ. އަހަރެމެން ގެންނަން ބޭނުންވާ އެތި އޯޑިއަންސް އެވަގުތު ރެޑީއެއް ނޫން،" ޗިއްޕެ ބުންޏެވެ.

ކުރު ފިލްމުގެ ބައިން ގިނަ އެވޯޑްތަކެއް ހާސިލްކުރި އަލީ ޝިފާއު --- ފޮޓޯ: ޔޫތް މިނިސްޓްރީ
އުފެއްދި ދެ ފިލްމުގެ ނާކާމިޔާބީއަށް ފަހު ޑާކްރެއިންގެ މިސްރާބް މުޅިން ބަދަލުވިއެވެ. ބެލުންތެރިން ބަލައިގަންނަ ޝައުގުވެރިވާ ފިލްމެއްގެ މަސައްކަތުގެ މަޝްވަރާތައް ފެށުނެވެ. އެ މަޝްވަރާތަކުގެ ނިމުން އައީ "ދިން ވޭނުގެ ހިތާމައިގައި"ގެ ވާހަކަ ފެށުނު ހިސާބުންނެވެ. އެ ފިލްމަކީ ބެލުންތެރިން ބޭނުންވާ ހުރިހާ ރަހަތަކެއް އެކުލަވާލައިގެން އުފެއްދި ކާމިޔާބު ފިލްމެކެވެ. އަދި އެ ފިލްމަކީ ޑާކްރެއިންގެ ހަޔާތުގައި ވެސް އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެވެ.
އެ ފިލްމަށްފަހު "ޒަހަރު" އުފެއްދި ނަމަވެސް އެ ފިލްމުވީ ކުރީ ދެ ފިލްމާ އެއްގޮތަށް ފްލޮޕްވި ފިލްމަކަށެވެ. އެ ފިލްމުގެ ނާކާމިޔާބީ އަށްފަހު އިތުރު ހިތްވަރެއް ލައިގެން ރާއްޖޭހެ ފުރަތަމަ 3D ފިލްމު ފަތިސްހަނދުވަރު އުފެއްދި އެވެ. އެ ފިލްމާ މެދު ޗިއްޕެ ފަހުރުވެރިވެއެވެ. ފިލްމުގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހުނެވެ.

ޑާކްރެއިން އިން މީގެ ކުރިން ގެނެސްދީފައިވާ ފިލްމެއްގެ ޝޫޓިންގެ ތެރެއިން---
"ފަތިސް ހަނދުވަރު"ގެ މަސައްކަތަށްފަހު "ހުޅުދާން" އަދި "މިކޮއި ބައްޕަ"ގެ މަސައްކަތް ކުރިއެވެ. ނަމަވެސް އެ ދެ ފިލްމަކީ ޗިއްޕެ ޑައިރެކްޓްކުރި ފިލްމެއް ނޫނެވެ.
އެ ދެ ފިލްމުގެ މަސައްކަތަށްފަހު ޗިއްޕެގެ ފިލްމީ ދާއިރާ މުޅިން އަލިވިއެވެ. އަޑިގަޑަކަށްފަހު އުސްގަނޑެއް އަންނާނޭ ބުނާ އަޑު އަހަމެވެ. ޗިއްޕެއާއި ޗިއްޕެގެ ޓީމަށް ވެސްވީ މިކަހަލަ ގޮތެކެވެ.
"އެންމެ ފަހު ވިންދާ ޖެހެންދެން" އިން ފެށިގެން "ވަކިން ލޯބިން" އާ ދެމެދު ތައްޔާރުކުރި ފިލްމުތަށް ވެގެންދިޔައީ ޗިއްޕެގެ ފިލްމީ ހަޔާތް އިތުރު ހަރުފަތަކަށް ގެންދިޔަ ފިލްމުތަކަކަށެވެ.
މިއަދު އަލީ ޝިފާއު އަކީ ރާއްޖޭގެ އެންމެން ދަންނަ ކާމިޔާބު ޑައިރެކްޓަރެކެވެ. ފުރަތަމަ މަސައްކަތް ނާކާމިޔާބު ވިނަމަވެސް ހިތްވަރާ އެކީ ކުރިއަށް ދިޔުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށް ކާމިޔާބުވާނެ ކަން ޗިއްޕެގެ ވާހަކަތަކުން ހާމަވެގެންދެއެވެ.

"މީ ލޯތްބަކީ" ގެ ލީޑު ރޯލުން ފެނިގެންދާނެ އައްޒަ އަދި ޖުމައްޔިލް ފިލްމުގެ ޕޯސްޓަރެއްގައި---
ގިނަ ކަންތައްތަކެއް މިދާއިރާގައި އަލަށްކޮށް ގިނަ ކަންތައްތަކެއް ތަޖުރިބާ ވެސް ޗިއްޕެ ކުރިއެވެ.
"މީ ލޯތްބަކީ" އަކީ އެ ޓީމުން އުފެއްދި އެންމެ ބޮޑު ފިލްމެވެ. އެ ފިލްމަކީ 54 ތަރިންނާ އެކީ މަސައްކަތް ކުރި ފިލްމެކެވެ. ޑާކްރެއިންގެ އެންމެ ކާމިޔާބު އެއް ފިލްމުވެސްމެއެވެ. ތަފާތު ޖޯންރާ އަކަށް ގެނެސްދިން ފިލްމެއް ވެސްމެއެވެ.
"ޑާކްރެއިންގެ ޓީމާ އެކީ މަސައްކަތްކުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،"
ހުއްޓުމެއްނެތި ފިލްމުތަކުގެ މަސައްކަތް ކުރަމުން އަންނަ ޗިއްޕެ ސަން އަށް ބުނީ ގައުމީ އެވޯޑަށް ނަން ހުށަހެޅީ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ކަމަށެވެ.
އަށްވަނަ ދިވެހި ފިލްމު އެވޯޑްސް: އޮލިމްޕަހުގައި ބޭއްވި މި ރަސްމިއްޔާތުުގައި އެވޯޑް ދީފައިވަނީ 2014 އިން 2016 އާ ދެމެދު ރިލީޒްކޮށްފައިވާ ފިލްމުތަކަށެ، އަދި ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލްކުރެއްވީ މުސްތަފާ ހުސައިން އަދި އަސްލަމް ރަޝީދެވެ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގައުމީ އެވޯޑް ލިބުނު ވަގުތު ކުރެވުނު އިހްސާސްތަކަކީ ކޮބައިތޯ ސަން އިން ސުވާލުކުރުމަށް ޗިއްޕެ ބުނީ ރާއްޖޭގައި ދެވޭ އެންމެ ޝަރަފުވެރި އިނާމް ރައީސް ޔާމީންގެ އަތްޕުޅުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ފިލްމީ ދާއިރާގައި އަޅުގަނޑުގެ ނަމަށް އެބައިން ޖުމްލަ 18 އެވޯޑް ލިބިފައި. ގައުމީ އިނާމު ލިބުނީމަ ވަރަށް ބޮޑު ހިތްވަރެއް ލިބުނު. އެ އެވޯޑު ލިބުމަކީ އުންމީދެއް،"
ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ ސުވާލުކުރުމުން ޗިއްޕެ ބުނީ ހިތްވަރާ އެކީ ކަންތައްތަކާ ކުރިމަތިލައިގެން މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމެއްވެސް ކާމިޔާބު ވާނެ ކަމަށެވެ.
"ޝައުގުވެރިކަން އުފެދިގެން ހިތްވަރާއެކީ މަސައްކަތް ކުރަންޖެހޭ. މި ކަމަކީ ވަރަށް ބުރަ މަސައްކަތެއް. ވަގުތަށް ސަމާލުކަން ދޭންވާނެ،" ޗިއްޕެ ބުންޏެވެ.
ޗިއްޕެ ބުނީ މި ދާއިރާއިން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ސްޓޫޑިއޯއެއް ނުހުރުން ކަމަށެވެ.
"ޝޫޓްކުރަން ދާން މިޖެހެނީ އެކި ގޭތަކަށް. އެ ގޭގައި އުޅޭ މީހުންނަށް ފަސޭހަ ގަޑިއެއްގައި ޝޫޓް ކުރަން ޖެހޭނީ. އަސްލު މިކަމަށް ވަރަށް ޓައިމްދޭ،" އަށް ވަނަ ފިލްމު އެވޯޑް ހަފްލާގައި އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމް ކާމިޔާބު ކުރި ޗިއްޕެ ބުންޏެވެ.

ފިލްމުގެ ޕޯސްޓަރެއް--- ފޮޓޯ/ ފޭސްބުކް
ސަތާރަ އަހަރުވީ ދިގު ކެރިއަރު ޗިއްޕެ ފެށީ މާ ކާމިޔާބުކޮށެއް ނޫނެވެ. ނަމަވެސް މިއަދު އޭނާއަކީ ރާއްޖޭގެ އެންމެން ދަންނަ ފާހަގަކޮށްލެވޭ މޮޅު ޑައިރެކްޓަރެކެވެ. ހިތްވަރާ އަޒުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ގައުމީ އެވޯޑާ އެކު ފަސްޖެހުމެއް ނެތި ކުރިއަށްދާން ޗިއްޕެ ހުރީ އާ އަޒުމަކާ އެކީ އަތުކުރި އޮޅާލައިގެންނެވެ.