ޗެލްސީ ބަލިކޮށް، ސިޓީން ފަސްވަނަ ފަހަރަށް ކޮމިއުނިޓީ ޝީލްޑް އުފުލާލައިފި

ޗެލްސީއާއި ސިޓީ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އެފްއޭ ކަޕް ޗެމްޕިއަން ޗެލްސީ ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އެފްއޭ ކޮމިއުނިޓީ ޝީލްޑް އުފުލާލައިފިއެވެ.

މިރޭގެ މެޗު ސިޓީން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ސާޖިއޯ އަގުއޭރޯ ދެ ގޯލް ޖަހާފައިވާ އިރު، ސިޓީން ކޮމިއުނިޓ ީޝީލްޑް އުފުލާލީ ފަސްވަނަ ފަހަރަށެވެ.

ޗެލްސީއާއި ސިޓީ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިނގިރޭސިވިލާތުގެ ވެމްބްލީގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުންވެސް މަސައްކަތް ކުރީ އެޓޭކިން ކުޅުމެއް ކުޅުމަށެވެ.

މިރޭގެ މެޗަކީ ސީޒަން ފުރަތަމަ މެޗަށްވީ އިރު، ދެޓީމުންވެސް މެޗަށް ނުކުތީ ފުރަތަމަ 11އަށް ބަދަލުތަކަކާއެކުގައެވެ. އެގޮތުން ވޯލްޑް ކަޕްގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް މެޗުގައި ރެސްޓް ކޮށްފައިވެއެވެ.

ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާގެ އިތުރުން އިންގްލެންޑް ފޯވަޑް ރަހީމް ސްޓާލިންގް އަދި ބްރެޒިލްގެ ފޯވަޑް ގެބްރިއަލް ހެސޫސްވެސް މެޗުގެ ފުރަތަމަ 11އިން ފެނިފައެއް ނުވެއެވެ. ޗެލްސީގެ ޓީމަށް ބަލާ އިރު، ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑާއި ބްރެޒިލް ފޯވްޑް ވިލިއަންގެ އިތުރުން ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާވެސް މިރޭގެ މެޗުގެ ފުރަތަމަ 11އިން ނުފެނެއެވެ.

ސިޓީގެ ގޯލްވެސް ބެލެހެއްޓީ ދެވަނަ ކީޕަރު ކްލައުޑިއޯ ބުރާވޯއެވެ.

މެޗު ފެށިގެން ކުޑައިރުކޮޅެއް ފަހުން ސިޓީން އެޓޭކް ރަނގަޅު ކުރިއެވެ. ޗެލްސީގެ ޑިފެންސް ތެރެއިން ސިޓީން ޖާގަތައް ހޯދަމުންދިޔުމުގެ ނަތީޖާއަކަށްވީ މެޗުގެ 13 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގުމެވެ. ސާޖިއޯ އަގުއޭރޯގެ ގޯލާއެކު ސިޓީން ލީޑު ނެގި ނަމަވެސް، ޗެލްސީން ވަނީ އޭގެ ފަހުން ފުރުސަތުތައް ފަހިކޮށްފައެވެ.

މެޗަށް ނުކުތް ޗެލްސީގެ ޒުވާން ފޯވަޑް ހަޑްސަލް އޮޑޫއަށް ލިބުނު ފުރުސަތުގެ އިތުރުން އަލްވާރޯ މޮރާޓާގެ ހަމަލާ ފާހަގަކޮށްލެވުނެވެ.

ޗެލްސީއާއި ސިޓީ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ސިޓީންނެވެ. މެޗުގައި މި ސީޒަންގައި ރެކޯޑު އަގަކަށް ސިޓީއާ ގުޅުނު ރިޔާދު މަހަރޭޒް އަދި ޗެލްސީއާ އަލަށް ގުޅުނު ޖޯޖިނޯވެސް ފެނިފައިވެއެވެ.

މެޗުގެ ދެވަނަ ހާފްގައި ސިޓީން ޑޮމިނޭޓްކޮށްގެން ކުޅުނު އިރު، 58 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. ޗެލްސީގެ އޭރިއާ ތެރެއިން ބްރެނާޑޯ ސިލްވާ ދިން ބޯޅަ، ފަސޭހަކަމާއެކު ނިންމާލީ ގޯލްގެ ތިރީ ކަނަށެވެ.

އޭގެފަހުންވެސް މެޗުގައި ގިނަ ހަމަލާތައް އުފެއްދީ ސިޓީންނެވެ. ހާއްސަކޮށް އަގުއޭރޯއަށްވެސް ވަނީ ހެޓްރިކް ފުރިހަމަ ކުރުމަށް ފުރުސަތުތަކެއް ލިބިފައެވެ. މެޗުގެ ފަހު ފަސް މިނެޓްގައިވެސް ސިޓީއަށް ހުސް ފުރުސަތުތަކެއް ލިބުނެވެ. މެޗެގައި ޗެލްސީގެ ގޯލްކީޕަރު ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ސިޓީން އެންމެފަހުން ކޮމިއުނިޓީ ޝީލްޑް އުފުލާލާފައި ވަނީ 2012 ވަނަ އަހަރުގައެވެ. އެއަހަރުވެސް ސިޓީން ކޮމިއުނިޓީ ޝީލްޑް އުފުލާލީ ޗެލްސީ ބަލިކޮށްގެންނެވެ. މިރޭގެ މެޗު ކާމިޔާބުކޮށް ސިޓީން ވަނީ ޖުމްލަ ފަސް ފަހަރު ކޮމިއުނިޓީ ޝީލްޑް އުފުލާލައިފައެވެ. ޗެލްސީން ވަނީ މިހާތަނަށް ހަތަރު ފަހަރު ކޮމިއުނިޓީ ޝީލްޑް އުފުލާލައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ކުރިއަށް އޮތް ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ އިރު، ސިޓީގެ ފުރަތަމަ މެޗުގައި ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. ޗެލްސީން ނުކުންނާނީ ހަޑަލްސްފީލްޑާ ދެކޮޅަށެވެ.

comment ކޮމެންޓް