ޒުވާން ވިޔަފާރިވެރިންނަށް 600 މިލިޔަން ރުފިޔާ ދޫކޮށްފިން: ސައީދު

"ފަސޭހަ މަދަދު"ގެ ދެ ވަނަ ލޯން ސްކީމް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ސަން

ކުދި ވިޔަފާރިތައް ފުޅާކުރުމައި، ވިޔަފާރި އަށް ނިކުންނަން ބޭނުންވެފައި ތިބި ޒުވާނުން ބާރުވެރި ކުރުމަށް މި ސަރުކާރުން، މިހާތަނަށް 600 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ފަސޭހަ މަދަދު"ގެ ދެ ވަނަ ލޯން ސްކީމް ތައާރަފް ކުރުމަށް ޕީއެސްއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ، އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި އެރުވުމަށް ސަރުކާރުން ތައާރަފް ކުރި ތަފާތު ލޯން ސްކީމްތަކުގެ ތެރެއިން ދޫކުރި ފައިސާ ކަމަށެވެ. އެއީ ރާއްޖޭގެ ތަރީޚުގައި އެފަދަ ކަމަކަށް ދުވަހަކު ވެސް ދޫކޮށްފައި ނުވާހާ ގިނަ ފައިސާ ކަމަށް ސައީދު ވިދާޅުވި އެވެ.

"މިއީ ދިވެހި ތާރީހުގަ ދުވަހަކު ވެސް ވެގެން ދިޔަ ކަންތައްތަކެއް ނޫން. މިއަދު ވެގެން މިއުޅޭ ގޮތަކީ ރައީސް ޔާމީން ގެންގުޅުއްވާ އެމަނިކުފާނުގެ ކުދި ވިޔަފާރުތައް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން އަނެއްކާ ވެސް އަނެއްކާ ވެސް މާކެޓަށް ދެ ޕްރޮޑަކްޓެއް [މިއަދު] މި ނެރެނީ،" ސައީދު ވިދާޅުވި އެވެ.

ތަފްސީލަށް ވަޑައިނުގެން، މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެހާ ބޮޑު ފަންޑެއް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރުމުން އޭގެ ނަތީޖާ އަކީ ކޮބައިކަން ހޯދަން މީޑިއާ ތަކުން މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އަދި އެފަދަ މައުލޫމާތުތަކާ އެކު، މިނިވަން ރިޕޯޓްތައް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ، ސަރުކާރުން ހިންގާ ލޯން ސްކީމްތަކާ އެކު ވިޔަފާރިތަކަށް ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެގޮތުން ވިޔަފާރީގެ ތަފާތު ދާއިރާތަކުން، ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި 17،465 މީހުންނަށް ޓްރެއިނިން ދެވިފައިވާ ކަމަށް ތައުފީގު ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ އެ މީހަކު ދިރިއުޅޭ ތަނެއްގައި ހުރެގެން، އެ މީހަކު ކުރިއަށް ދާން ބޭނުންވާ ދާއިރާ އަކުން ކުރެވޭނެ މަސައްކަތްތައް ފަހިކޮށްދީ، އެފަދަ ފުރުސަތުތައް ހޯދައިދިނުން ކަމަށް ތައުފީގު ވިދާޅުވި އެވެ.

comment ކޮމެންޓް