އެމެރިކާގެ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކުރާނެ ކަމަށް ޗައިނާއިން ބުނެފި

އެމެރިކާ އިން ޓެކްސް ބޮޑު ކޮށްފިނަމަ ޗައިނާ އިން ވެސް އެކަން ކުރާނެ ކަމަށް ވަނީ ބުނެފައި.

އެމެރިކާއަށް އެތެރެކޮށް ވިއްކާ ޗައިނާގެ ބައެއް ސާމާނުން ނަގަން ފެށި ޓެކްސް ބޮޑު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުން ބުނުމާ އެކު ޗައިނާއިން ވެސް ޓެކްސް ބޮޑު ކުރާނެ ކަމަށް ބުނެ، އިންޒާރު ދީފިއެވެ.

ޗައިނާއިން ބުނީ އެ ގައުމުން އެމެރިކާއަށް އެތެރެކުރާ ސަމާނުން ނަގާ ޓެކްސް 25 ޕަސެންޓަށް ބޮޑު ކޮށްފި ނަމަ، ޗައިނާއަށް އެތެރެކުރާ އެމެރިކާގެ ސާމާނުން ވެސް އެވަރުގެ ބޮޑު ޓެކުހެއް ނަގާނެ ކަމަށެވެ.

އެމެރިކާއިން ގެންދަނީ ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކާ ދެކޮޅަށް، އެ ގައުމުން ޗައިނާއަށް އެތެރެކުރާ 34 ބިލިޔަން ޑޮލަރުގެ މުދަލުން 10 ޕަސެންޓުގެ ޓެކުހެއް ނަގަމުންނެވެ. އަދި އެ އަދަދު 25 ޕަސެންޓަށް އިތުރުކޮށް، ޓެކްސް ނަގަ މުދަލުގެ އަގު 200 ބިލިޔަނަށް މަތިކުރާނެ ކަމުގެ އިންޒާރު ހުކުރު ދުވަހު އެމެރިކާ އިން ވަނީ ދީފައެވެ.

އެ އިންޒާރާ ގުޅިގެން އިއްޔެ ޗައިނާއިން ބުނީ، އެމެރިކާއިން ގަސްތުގައި އެ ދެ ގައުމުގެ ގުޅުންތައް ހީނަރުކޮށް، ބޮޑެތި މައްސަލަތައް އުފައްދަމުން އަންނަ ކަމަށެވެ.

ޗައިނާއިން ބުނީ އެމެރިކާއިން ޓެކްސް ބޮޑު ކޮށްފި ނަމަ، އެ ގައުމަށް އެތެރެކުރާ އެމެރިކާގެ 60 ބިލިޔަން ޑޮލަރުގެ މުދަލުން 5-25 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޓެކްސް ނަގާނެ ކަމަށެވެ.

އެ ދެ ގައުމުގެ ގުޅުން ގޯސްވީ އެމެރިކާއިން އިސްވެ، ޗައިނާގެ އުފެއްދުންތަކުން 10 ޕަސެންޓުގެ ޓެކުސް ނަގަން ފެށުމުންނެވެ. އެއާ އެކު ޖެހިގެން އައި ދުވަހު ޗައިނާއިން ވެސް ވަނީ ހަމަ އެ ވަރުގެ ޓެކުހެއް އެމެރިކާއިން އެ ގައުމަށް އެތެރެކުރާ މުދަލުން ނަގަން ފަށިއެވެ.

https://sun.mv/108798

އޭގެ އިތުރުން، އެމެރިކާއިން ޓެކުހާ ގުޅިގެން ނިންމާ ކޮންމެ ނިންމުމަކަށް، އެއާ އެއްވަރުގެ ނިންމުމެއް ޗައިނާ އިން ވެސ،ް ޖެހިގެން އަންނަ ދުވަހު ނިންމައެވެ.

ބޮޑު ދެ ބާރުން ފަށާފައިވާ "އިގްތިސާދީ ހަނގުރާމައިގެ" ސަބަބުން ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހުމުގެ ބިރު ހީވެފައިވާ ކަމަށް މާދީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. އަދި ދެ ގައުމުން ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރުމަށް ގިނަ ގައުމުތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް