އެމެރިކާ އިން ޗައިނާގެ އުފެއްދުންތަކުން ނަގާ ޓެކްސް ބޮޑުކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) އަދި ޗައިނާގެ ރައީސް ޝީ ޗިންޕިން.

އެމެރިކާއަށް އެތެރެކޮށް ވިއްކާ ޗައިނާގެ ބައެއް ސާމާނުން ނަގަން ފެށި ޓެކްސް ބޮޑު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ބޮޑެތި މީޑިއާތަކުން ބުނާ ގޮތުގައި ޗައިނާގެ އެތެރެކުރާ މުދަލުން ނަގާ ޓެކްސް 25 ޕަސެންޓަށް ބޮޑުކުރަން އެމެރިކާ އިން ވަނީ ނިންމައިފަ އެވެ. އަދި އެކަން މާދަމާ އިއުލާނު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެ އެވެ.

ޗައިނާގެ ވިޔަފާރީގެ ސިޔާސަތުތަކާ ދެކޮޅަށް، މިހާރު ވެސް އެމެރިކާ އިން ގެންދަނީ އެ ގައުމަށް ޗައިނާ އިން އެތެރެކުރާ 34 ބިލިޔަން ޑޮލަރުގެ މުދަލުން 10 ޕަސެންޓުގެ ޓެކްސް ނަގަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެމެރިކާ އިން މާދަމާ އިއުލާނުކުރާ ބަދަލާ އެކު ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ 200 ބިލިޔަން ޑޮލަރުގެ މުދަލުން ޓެކްސް ނަގާނެ އެވެ.

ޓެކްސް ނަގާ ލިސްޓު އިތުރު ކުރާނެކަން މީގެ ކުރިން އެމެރިކާ އިން އިއުލާނު ކުރި އެވެ. ނަމަވެސް ޓެކްސް ނަގާ ޕަސެންޓް ބޮޑު ކުރާނެކަން ހާމަ ކޮށްފައެއް ނުވެ އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ޓެކްސް ޕަސެންޓް ދެ ގުނަ އަށް ވުރެ ބޮޑު ކުރަން އެމެރިކާ އިން ނިންމި އިރު، އެއީ ތަޖުރިބާކާރުން ކުރިން ލަފާކޮށްފައި އޮތް ވަރަށް ވުރެ ވެސް ބޮޑު އަދަދެއް ކަމަށެވެ. އަދި އެ އަދަދަކީ ޗައިނާ އިން ވެސް ހީކުރާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް މިޑިއާތަކުން ބުނެ އެވެ.

އެމެރިކާ އިން މާދަމާ މި ބަދަލު އިއުލާނުކޮށްފި ނަމަ، އެ ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެ ކަމަށް ތަޖުރިބަކާރުން ބުނެ އެވެ. އަދި މީގެ ކުރިން އެމެރިކާ އިން އެޅި ފިޔަވަޅަކަށް އެއާ އެއްވަރުގެ ފިޔަވަޅެއް ޗައިނާ އިން އަޅާފައިވާތީ، ޗައިނާ އަށް އެތެރެކުރާ އެމެރިކާގެ އުފެއްދުންތަކުން ގަނާ ޓެކްސް ބޮޑު ކުރާނެ ކަމަށް ވެސް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ބޮޑު ދެ ބާރުން ފަށާފައިވާ "އިގްތިސާދީ ހަނގުރާމައިގެ" ސަބަބުން ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހުމުގެ ބިރު ހީވެފައިވާ ކަމަށް މާދީ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. އަދި ދެ ގައުމުން ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރުމަށް ގިނަ ގައުމުތަކުން ވެސް އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް