އީރާނުގެ ތެޔޮ ނުގަތުމަށް އެމެރިކާ އެދުނު އެދުމަކަށް ޗައިނާ ދެކޮޅު ހަދައިފި

އީރާނުގެ ރައީސް ރޫހާނީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން

ބެއިޖިންގް (އޮގަސްޓް 3): އީރާނުގެ ތެޔޮ ނުގަތުމަށް ޗައިނާގެ ކިބައިން އެމެރިކާ އެދުނު އެދުމަކަށް ޗައިނާ ދެކޮޅު ހަދައިފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އީރާނުން ތެޔޮގަތުން ހުއްޓާލުމަށް އެމެރިކާ އެދުނު އެދުމަކަށް ނޫނެކޭ ބުނެފައިވާނެ ކަމަށާ އެމެރިކާއާއި އެހެންގައުމުތަކާ ދެމެދުގައިވާ މައްސަލަތަކުގެ ތެރެއަށް ޗައިނާ ނުވެއްދުމަށްވެސް އެމެރިކާގެ ކިބައިން އެދިފައިވާނެ ކަމުގައެވެ.

އީރާނުން އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމަކީ ޗައިނާއެވެ. އަދި ޗައިނާއިން ދެވަނައަށް އެންމެ ގިނައިން ތެލާއި ތެލުގެ ބާވަތްތައް އިންޕޯޓް ކުރަނީ އީރާނުންނެވެ. އެމެރިކާ އީރާނާދެކޮޅަށް އަޅަމުންދާ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ޗައިނާ މިހާރުވަނީ އީރާނުގެ ތެލަށް ޔުވާނުން އަގުދީ އަދި އީރާނާއި ޗައިނާއާ ދެމެދު ހިނގާ އެތަށް ބިލިޔަން ޑޮލަރެއްގެ ވިޔަފާރީގެ މުއާމަލާތްތައް ޔުވާނުން ކުރުމަށްނިންމައި އެކަން ތަންފީޒުކުރަންވެސް ފަށާފައެވެ. ނަމަވެސް ޔުވާންގެ މައްޗަށް ބިނާކޮށް އެދެގައުމުގެ މާލީ އިންސްޓިޓިއުޓްތައް ފުރިހަމަވުމަށް އަދި މުއްދަތެއް ނަގާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާވަނީ އެމެރިކާއާއި އިސްރާއީލު އެދޭފަދަ ނިއުކްލިޔަރ އައު އެއްބަސްވުމަށް އީރާން ނުގޮސްފިނަމަ އީރާނުގެ ތެލުގެ ވިޔަފާރި ހުއްޓުވައި އިގްތިސާދީގޮތުން އީރާން އިނދަ ޖައްސާލާނެ ކަމުގެ އިންޒާރު ދީފައެވެ. މިގޮތުން އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ދެގައުމު ކަމަށްވާ އިންޑިޔާއާއި ޗައިނާއަށްވެސް އެމެރިކާވަނީ އީރާނުގެ ތެޔޮ ނުގަތުމަށް ގޮވާލާފައެވެ. ނަމަވެސް ޗައިނާގެ ކުރިން އިންޑިޔާވެސް ވަނީ މިކަމަށް ދެކޮޅު ހަދާފައެވެ.

އިންޑިޔާއާއި ޗައިނާއަކީ ދުނިޔޭގެ ބޮޑު ދެބާރުގެ އިތުރުން އެއީ އޭޝިޔާގެ އެންމެ ބޮޑު ދެބާރުކަމަށްވެފައި އެއީ އެމެރިކާފަދައިން އެމެރިކާއާ އިދިކޮޅު ގައުމީ މަސްލަހަތު ތަކެއްވާ ދެގައުމެވެ.

ގަލްފުގެ އަރަބި ގައުމުތަކުގެ ތެލަކީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ތެޔޮ ކަމަށްވެފައި ގަލްފުގެ ތެލަށް އެމެރިކާ ބޭނުންގޮތެއް ހެދޭނެތީ އެމެރިކާގެ ކޮންޓްރޯލް ނޯންނަ އީރާންގެ ތެލަކީ ޖިއޮ ޕޮލިޓިކަލް ގޮތުން އިންޑިޔާއާއި ޗައިނާއަށް ވަރަށް މުހިއްމު ތެލުގެ ރެސޯސް އެކެވެ.

އެހެންކަމުން އިންޑިޔާއާއި ޗައިނާގެ މަސްލަހަތު މިކަމުގައި އެމެރިކާއާ ފުށުއަރާތީ އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުމަކީ ޑޮލަރުގެ ބިރު ދައްކައިގެންވެސް އެމެރިކާއަށް ކުރެވޭވަރުގެ ކަމެއްނޫންކަމަށް ތަޖްރިބާކާރުން ދެކެއެވެ. އިންޑިޔާއާއި ޗައިނާގެ އިތުރުން ތުރުކީންވެސްވަނީ އީރާނުން ތެޔޮގަތުން ހުއްޓާނުލާނެ ކަން އެމެރިކާއަށް އަންގާފައެވެ.

އެމެރިކާއަށް ރައްދު ދެމުން އީރާންވަނީ އީރާނުގެ ތެލުގެ އެކްޕޯޓް ހުއްޓުވައިފިނަމަ ގަލްފުގެ ސަރަހައްދުން ތެޔޮއެކްސްޕޯޓްކުރާ މައި ކަނޑުއޮޅި ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ގަލްފުގެ ދުނިޔޭގެ ބާޒާރުތަކަށްދާ ތެލުގެ 60 އިންސައްތަ ހުރަސްކުރަނީ ހުރްމުޒް ކަނޑުއޮޅިންނެވެ.

އަދި ހުރްމުޒް ކަނޑުއޮޅި ބަންދުކުރެވިދާނެކަން އެމެރިކާއަށް ދެއްކުމުގެ ގޮތުން އީރާނުން ގަލްފާއި ހުރުމުޒު ކަނޑުއޮޅީގައި ފުޅާދާއިރާއެއްގައި އަސްކަރީ ތަމްރީންތަކެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެމެރިކާ ވަނީ ބުނެފައެވެ. އެމެރިކާގެ އަސްކަރީ މަސްއޫލުވެރިން ވިދާޅުވީ ގަލްފާއި ހުރުމުޒް ކަނޑުއޮޅީގައި އީރާނުގެ އަސްކަރީ ހަރަކާތްތައް ވަރަށްބޮޑަށް އިތުރުވެ 100 އަށްވުރެ ގިނަ އީރާނުގެ ކަނޑުގެ އަސްކަރީ އުޅަނދުތަކާއި އެތަށް ހާސް ސިފައިންނެއް އެސަރަހައްދަށް ޖަމާކޮށްފައިވާ ކަމުގައެވެ.

އީރާނާ ސުލްހައިގެ ވާހަކަ ދެއްކުމަށްޓަކައި އީރާނުގެ ވެރިންނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ދައުވަތު ގަބޫލުކުރުމަށް އީރާނުގެ ވެރިންވަނީ ދެކޮޅު ހައްދަވާފައެވެ. ޓްރަމްޕްގެ ދައުވަތު ގަބޫލުކުރެއްވުމުގެ ބަދަލުގައި އީރާނުގެ ރައީސް ހަސަން ރޫހާނީވަނީ އެމެރިކާ އަމިއްލައަށް ވަކިވި އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް އަލުން ރުޖޫޢަ ވުމަށް ރައީސް ޓްރަމްޕަށް ގޮވާލައްވާފައެވެ.

އެމެރިކާއާ ވާހަކަ ދައްކާނީ އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުގެ އޮނިގަނޑުގެ ތެރޭންކަމަށާ އެނޫން ގޮތަކަށް އެމެރިކާއާ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްކަމަށް ވެސް ރޫހާނީ ވަނީ ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް