ޓޫރިޒަމް ދާއިރާގައި އުޅޭ ދިވެހީންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ސްކީމެއް ތައާރަފު ކުރާނަން: ރައީސް

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ޚާއްސަ ސްކީމެއް ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ސްޕޯޓްސް އެރީނާ ފުޓްސެލް ދަނޑުތައް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 100 މިލިއަން ރުފިޔާގެ ރައުސުލްމާލަކާއެކު އުފައްދާ މި ސްކީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ދޭ "ރިވޯޑެއް" ކަމަށެވެ.

"އަޅުގަނޑުމެން މި ހިޔާލު ކުރަނީ ޓޫރިޒަމް އިންޑަސްޓްރީ އަށް ޚާއްސަ ކުރަން އެމްޕްލޯއިމެންޓް ބެނެފިޓް ސްކީމެއް. މި ސްކީމުގެ ބޭނުމަކަށް ވާނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަކީ ދިވެހި ސަރުކާރު، ދިވެހި ދައުލަތް އަދި އިގްތިސާދު އެމީހުން ބަލައިގަންނަކަން އެނގޭ ބަޔަކަށް އެމީހުން ހެދުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފައިނޭންޝިއަލީ ބަލާއިރު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޒުވާނުންނަކީ "އެމްޕަވާޑް" ބައެއް ކަމަށެވެ. މާލީ ގޮތުން ދަތިތައް ދިމާނުވި ނަމަވެސް އެމީހުންނަށް ދިމާވާ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަން ހައްލު ކުރުމަށް ތައާރަފުކުރާ އެމްޕްލޯއިމެންޓް ބެނެފިޓް ސްކީމްގައި ހިމެނޭނީ މިހާރުން މިހާރަށް އެމީހުންނަށް ބޭނުންވާ ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ.

"ފަށަން އުފައްދާ ރައުސްމާލަކަށް އަޅުގަނޑުމެންލާނަން 100 މިލިއަން ރުފިޔާ. އެއީ ކުޑައަދަދެއް ނޫން. އެއީ ވަރަށް ބޮޑު އަދަދެއް. އަދި އެއަދަދަށް އެކަށީގެންވާ ތަރުހީބެއް ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ ފަރާތުން ލިބޭ ކަމަށް ވާނަމަ އަޅުގަނޑުމެން ރެޑީ އެ އަދަދު އިރާދަ ކުރެއްވިއްޔާ ބައި ބިލިއަނާ ހަމައަށް، 500 މިލިއަން ރުފިޔާ އަށް އެ އަދަދު ގެންދަން،" ރައީސް ވިދާޅުވީ މި ސްކީމް ގައި ބައިވެރިވުމަކީ މުވައްޒަފުންގެ އިހުތިޔާރުގައި އޮތް ކަމެއް ކަމަށެވެ.

މި ސްކީމުގައި ބައިވެރިވާ ޒުވާނުންނަށް ފައިދާތަކެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކީމުގައި ބައިވެރިވާ ޒުވާނުންގެ މުސާރައިން ކުޑަ ޕަސެންޓެއް ލައި، ސްކީމުގެ މަންފާ ހޯދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސްކީމުގައި ބައިވެރިވާ މީހުން މަސައްކަތްކުރާ ކުންފުނި ނުވަތަ ރިސޯޓުތަކުންވެސް ހަމަ އެ އަދަދަށް ސްކީމަށް ފައިސާ ލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސްކީމުން ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދުމަށް ބޭނުންވާ "ސީޑްމަނީ" ނެގޭނެ ކަމަށާއި މި ސްކީމުގެ ފައިސާ ބޭނުންކުރަނީ ބޯހިޔާވަހިކަން ހޯދުމަށްކަން ފާހަގަކުރެވިއްޖެ ނަމަ، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ވަކި ޕަސެންޓެއް ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި ޒުވާނުންނަށް ޚާއްސަ ކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ބެނެފިޓަކީ އެމީހުންނަށް ލިބިގެންދާނެ މިތަނުން ފްލެޓު ގަތުމަށް ބޭނުންވާނެ ސީޑް މަނީ. އިންޓްރެސްޓު ހުރެއްޖެ ކަމަށް ވަންޏާ މުސާރައިން ކޮންމެވެސްބައެއް ލާންވީ. ލާކަމަށް ވަންޏާ ކޮންމެ މީހަކު ފްލެޓެއް ހޯދުމުގެ ޖާގަ ލިބުނީ މާލެ ސަރަހައްދުން،" ރައީސް ވިދާޅުވީ ސްކީމުގެ ބައިވެރިން ބޭނުވެއްޖެ ނަމަ ރަށުގައި ގެ ހަދަން ބޭނުންވާ ފައިސާވެސް ނެގޭނެ ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އާއިލާ އަށް ބޭނުންވާ ކަންތައް ކުރުމަށްވެސް ސްކީމުން ފައިސާ ނެގޭނެ ކަމަށެވެ. އެގޮތުން ބޭސްފަރުވާ އަށާއި ދަރިންނަށް ތައުލީމުދޭން މި ސްކީމުގެ ބޭނުން ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ތިންވަނަ އަށް ބޭނުން ކުރެވޭ ކަމެއްގެ ގޮތުގައި މި ފާހަގަކޮށްލަނީ އަނެއްކާވެސް ވަރަށް މުހިއްމު ކަމެއް، އެއީ އޮޕޮޗިއުނިޓީ އެއް. އެއީ އިންވެސްޓުމެންޓު ފައިސާ އިތުރު ފައިސާ އަށް ހެދުމަށް ހުޅުވާލާ ފުރުސަތެއް. އެމީހުންގެ އިޚުތިޔާރުގައި އޮތްކަމެއް މީގެން ފައިސާ ނަގައި ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކުގައި އިންވެސްޓުކުރުން،" މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ ދިރާގާއި އެސްޓީއޯ ފަދަ ކުންފުނިތަކުގެ ހިއްސާ ގަތުމަށް މި ސްކީމުން ފައިސާ ނެގޭނެ ކަމަށެވެ.

"ހަމަ އެގޮތަށް އެމީހުން ބޭނުންވަނީ ޕްރައިވެޓް ސެކްޓާ ގައި އެ ފައިސާ ބޭނުން ކުރަން ކަމަށް ވަންޏާ ހަމަ ޕްރައިވެޓް ސެކްޓާ ގައި އެ ފައިސާ އިންވެސްޓު ކުރަން ދޫކުރާނަން،" އިންޓަގްރޭޓެެޓް ޓޫރިޒަމް އަށްވެސް މި ސްކީމުން ފައިސާ ދޫކުރަން ނިންމާފައިވާކަމަަށް ރައީސް މިރޭ ވިދާޅުވިއެވެ. މި ދާއިރާ އަށް އިންވެސްޓު ކުރާ މީހުންނަށް ސަރުކާރުން ސެކިއުރިޓީ އެއް ދިނުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ޕެސިވް އިންވެސްޓަރެއްގެ ގޮތުގައި ސަރުކާރުން ހަރަކާތްތެރިވާނެކަން ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި 18،000 ދިވެހި ޒުވާނުން މަސައްކަތް ކުރަމުންދާ ކަމަށާއި މިއީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރް މީހުންގެ ނިސްބަތަށް ބަލާއިރު ބައިކުޅަ ބައެއް ކަމަށެވެ.

"ފަންސާސް ފަސް ޕަސެންޓުގައި އުޅޭއިރު އަޅުގަނޑުމެން މިހާރުވެސް މިގެންގުޅެނީ 18،000 ކުދިން. އެހެންވީމާ އޭގެ މާނައަކީ މިހާރުވެސް ކެޕޭސިޓީ އެބައޮތޭ އިތުރު 45 ޕަސެންޓު ކުދިންނަށް. ޓޫރިޒަމް އިންޑަސްޓްރީ މިއަދު ޓޯޓަލީ ދިވެހި ވެއްޖެއްޔާ އެތާ އުޅެންޖެހޭނެ 36،000 ދިވެހި ކުދިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދު ފުޅާވެގެން އަންނައިރު ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބިދޭސިން މަދުކޮށް ދިވެހިން އެ ދާއިރާ އަށް ނިކުންނަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ޓޫރިޒަމް ދާއިރާ އަށް ބިނާވާއިރު ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ޒުވާނުން މި ދާއިރާ އަށް ޝައުގުވެރި ކުރުވައި ތަމްރީނު ކުރަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވެގެން އަޅުގަނޑުބޭނުންވޭ ދިވެހި ޒުވާނުންނަށް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ޒުވާނުންނަށް ޚާއްސަކޮށް ހިތްވަރުދޭން. އެއީ މިހާބޮޑު މަސައްކަތެއް ކުރިމަތީގައި އޮތީ. އެ ދާއިރާ އަށް މުޅިންވެސް އަހުލުވެރިވާން ޖެހޭނީ ދިވެހި ޒުވާނުން. ތަމްރީނުގެ ފުރުސަތުތައް ހުޅުވިގެންދާނެ. އެއާއެކު މި ހުރިހާތަނެއް މޭން ކުރާ މެޖޯރިޓީ އަކީ ދިވެހިންނަށް ވާން ޖެހޭ،" ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް