ރިޝްވަތުގެ ކުށް ތަފްސީލުކޮށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި

ރައްޔިތުން މަޖިލީހުގެ ޗެމްބަރު އެތެރެ --- ފޮޓޯ/ ރައްޔިތުން މަޖިލިސް

ރިޝްވަތާއި ކޮރަޕްޝަން އަދި ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށް ތަފްސީލުކޮށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަހެޅި މަޖިލީހަށް ބަލައިގެންފި އެވެ.

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 26 މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. މަޖިލީހަށް މިއަދު ހާޒިރުވީ 27 މެމްބަރުންނެވެ.

އެ ބިލަކީ ގާނޫނޫލްއުގޫބާތަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުތަކާ އެއްކޮށް ވަކިވަކިން އިސްލާހުތަކެއް ގެންނަވަން ހުށަހެޅުއްވި ބިލެއް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ. ނިހާން ވިދާޅުވީ ރިޝްވަތުގެ ކުށް އުވާލަން އުޅޭ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މީގެ ކުރިން ވެސް ގާނޫނުލްއުގޫބާތުގެ ރިޝްވަތުގެ ކުށް ހިމަނާފައިވެ އެވެ. އެއީ 510 ވަނަ ބާބުގަ އެވެ. ނަމަވެސް އަބްދުއްރަހީމް ހުށަހަހެޅުއްވި އިސްލާހުގައި ވަނީ 550 ވަނަ ބާބެއް އިތުރުކޮށް އެބާބުގެ ދަށުން ކޮރަޕްޝަނާއި ރިޝްވަތުގެ ކުށް ހިމަނާ ގޮތަށެވެ. ފަސްސަތޭކަ ދިހަ ވަނަ މާއްދާއަށް ބަދަލުގެނެސް އިސްލާހު ހުށަހަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ބާބަށް ގެންނަ އިސްލާހުގައިވާ ގޮތުން އެއީ ކޯޓު ހުރުމަތް ކެނޑުމުގެ ބާބެވެ.

އެ ދެ އިސްލާހު ވަކިން ހުށަހެޅުއްވީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރި އެވެ. އަދި އެއް އިސްލާހު ހުށަހެޅުމަށް ފަހު އަނެއް އިސްލާހު މަޑުޖައްސާލީ ކީއްވެތޯ ވެސް ނޫސްވެރިން ސުވާލު ކުރި އެވެ. ނިހާން ވިދާޅުވީ އެއީ ރިޝްވަތާއި ކޮރަޕްޝަނުގެ ބާބަށް ގެނެވުނު އިސްލާހުތައް މަޖިލީހަށް ހުށަހެޅި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ކިޔުން ނީއްވާ މަޑުޖައްސާލީ ޕީޕީއެމް ޕީޖީ ގުރޫޕުން އެ ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދިޔުމުން ކަމަށެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. ނިހާން ވިދާޅުވީ އިސްލާހުތައް ނިމިގެން އަންނާނީ ދެ ހުށަހެޅުން އެކުއެކުކީގައި ކަމަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށް ރިޝްވަތު ދިނުމާއި ދައުލަތުގެ މުވައްޒަފަކު ރިޝްވަތުގައި ހިފުމަކީ ވެސް ކުށެކެވެ. އަދި ބީލަމާ ގުޅޭ ގޮތުން ރިޝްވަތު ދިނުމާއި ރިޝަވަތު ހިފުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުންވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮރަޕްޝަނުގެ ކުއްތަކަށް ވެސް ވަނީ ވަކިން ބާބެއް އިސްލާހުގައި ހިމަނާފައިވެ އެވެ. އެގޮތުން ރަސްމީ ގަޑީގައި އަމިއްލަކަން ކަން ކުރުވުމާއި ކޮރަޕްޝަނުގެ އަމަލުން ހޯދާފައިވާ ފައިސާއަށް ބަދަލުގެނައުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް