ކާމިޔާބު ބަތަލާ ނިއުމާ މުހައްމަދު ކެމެރާ ކުރިމަތިން ފެންނާނެ އެންމެ ފަހު ފިލްމު "ނިވައިރޯޅި"ގެ ފައިނަލް ޓްރެއިލާ އާއި ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ނިއުމާ ބުނެފިއެވެ.
"ސަން"އާ ވާހަކަ ދައްކަމުން ނިއުމާ ބުނީ، މި މަހުގެ ދިހަ ވަނަ ދުވަހު ޕޯސްޓަރާއި ފައިނަލް ޓްރެއިލާ ދައްކާލަން ހާއްސަ ހަފްލާއެއް ބާއްވަން ތައްޔާރީތަކެއް ވަމުން އަންނަ ކަމަށެވެ.
" މި ތައްޔާތުވަނީ ދިހަ ވަނަ ދުވަހު ބެލުންތެރިންނަށް ޓްރެއިލާ ދައްކާލަން، ހަމަ އެދުވަހު ފިލްމުގެ ޕޯސްޓަރ ވެސް ދައްކާލަން، ބޮޑު އިވެންޓެއްގެ ތެރެއިން މިކަންކަން ދާނީ" ގިނަ ވީޑިއޯ ލަވަތަކުން ވެސް ފެނިގެން ގޮސްފައިވާ ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" ގެ މަންޒަރެއް: ފޮޓޯ ފޭސްބުކް
ނިއުމާ ބުނީ، އެ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ހަފްލާގެ ތެރެއިން ފިލްމުގެ ތީމް ލަވަ ކިޔަނީ ކޮން ފަންނާނެއް ކަމެއްވެސް އެނގޭނެ ކަމަށެވެ. މިހާތަނަށް އެ ލަވަ ކިޔަނީ ކާކު ކަން އޮތީ ސިއްރެއްގެ ގޮތުގައެވެ.
އިތުރަށް ވާހަކަ ދައްކަމުން ނިއުމާ ބުނީ، މިހާރު ފިލްމުގެ ޝޫޓިން ނިމުމަކާ ހަމަޔަށް އައިސްފައިވާ ކަމަށެވެ. އަދި އެޑިޓިންވެސް ފެށިގެން ކުރިޔަށް ދާ ކަމަށް އޭނާ ބުންޏެވެ.
ދިވެހި ފިލްމީ ދާއިރާގެ ކާމިޔާބު ތަރިން ތަކެއް ފެނިގެންދާނެ އެ ފިލްމަކީ މާލެ އާއި ރ. އިނގުރައިދޫގައި ޝޫޓް ކުރާ ފިލްމެކެވެ. އެ ފިލްމުގެ ލީޑު ރޯލުން ނިއުމާ ފެނިގެންދާނެ އިރު މަރިޔަމް ޝަކީލާ އާއި ޔޫސުފް ޝަފީއު(ޔޫއްޕެ) އާއި އަހްމަދު އަޒްމީލް އަދި ޒީނަތު ފަދަ ކުޅަދާނަ ތަރިން ތަކެއް ފެންނާނެ އެވެ.

ނިއުމާ ބޮޑު ސްކްރީނުން ފެންނާނެ އެންމެ ފަހު ފިލްމު "ނިވައިރޯޅި" އަކީ ބެލުންތެރިން އާޝޯހުކޮށްލާނެ ވަރުގެ މޮޅު ފިލްމަކަށް ހެދުމަށް އެ ފިލްމުގެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.