މާލީ ބަޔާން ހުށަހަޅާއިރު މަކަރު ހަދާނަމަ އެއް އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތް ހަދަނީ

ޖުލައި 31، 2018: ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލީ ބަޔާން ހުށަހަޅާއިރު މަކަރު ހަދާފައިވާ ނަމަ އެއް އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.

މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުއްﷲ ގާނޫނުލްއުގޫބާތަށް ވަނީ ރިޝްވަތާއި ކޮރަޕްޝަނާ ގުޅުން ހުރި މާއްދާތަކެއް އިތުރުކޮށް އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ.

ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭން ގާނޫނުލް އުގޫބާތުގެ 573 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހަޅާފައިވާ މާއްދާގައި ބުނެފައިވަނީ މާލީ ބަޔާން ހުށަހަޅަން ގާނޫނު ލާޒިމްކޮށްފައިވާ ފަރާތްތަކުން މާލީ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތެއް ނުހިމަނައި، އަދި ހިމަނަން ޖެހޭ މައުލޫމާތެއް ރަނގަޅު ނޫން ގޮތުގައި ހިމެނުމަކީވެސް ކުށެއް ކަމަށެވެ.

އެފަދަ ކަމެއް ކުރުމަކީ ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އެއި ކަނޑައެޅުމުގެ އެންމެ މަތީ މިންގަނޑުން އެއް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

ކޮރަޕްޝަނާއި ރިޝްވަތުގެ ވަކި ވަކި މައްސަލަތަކަށް އަދަބު ކަނޑައަޅައި އެކުލަވާލާފައިވާ އެ ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުން ކަމަށް ބަޔާންކޮށްފައިވާއިރު އޭގެތެރޭގައި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، މަޖިލިސް މެމްބަރުންނާއި، ކޯޓުތަކުގެ ފަނޑިޔާރުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސްވެސް ހިމެނޭނެ އެވެ.

ބިލުގައިވާގޮތުން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމަކީ ކުށެކެވެ. އެގޮތުން ފައިސާ ބޭނުން ކުރުން ހުއްދަކޮށްފައިވާ ބޭނުން ފިޔަވައި އެހެން ބޭނުމެއްގައި ފައިސާ ބޭނުން ކުރުމާއި، ހަރަދު ކުރެވެން އޮތް ކަމަކަށް ނޫން އެހެން ކަމަކަށް ފައިސާ ހަރަދުކުރުމާއި ފައިސާ ޖަމާ ކުރަން ޖެހޭ ތަނަށް ފައިސާ ޖަމާ ކުރަން ޖެހޭ ގަޑިއަށް ޖަމާ ނުކުރުމަކީވެސް ކުށެކެވެ. އެކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ އަށް އަހަރު ދުވަހަށް ޖަލަށް ލުމެވެ.

ދައުލަތުގެ ރަސްމީ ގަޑީގައި އަމިއްލަ ކަންކަން ކުރުވުމަކީވެސް ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލުއުގޫބާތަށް ހުށަހެޅި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ދައުލަތުގެ މުވައްޒަފަކު އެހެން މުވައްޒަފެއް ލައްވައި ރަސްމީ ގަޑީގައި އަމިއްލަ ވިޔަފާރިއެއް ކުރުވުމާއި އާމްދަނީ ހޯދުމަށް އެއްވެސް ކަމެއް ކުރުވުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ބިލުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

comment ކޮމެންޓް