އެމްޓީސީސީގެ "ހުނަވަރު ޕްރޮގްރާމް" އިފްތިތާހްކޮށްފި

ރަސްމިއްޔާތުގެ ބައިވެރިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސައްކަތުގެ މާހައުލަށް ޒުވާނުން އަހުލުވެރިކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓްސް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހިންގާ "ހުނަވަރު ޕްރޮގްރާމް" މިއަދު ފަށައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޕްރޮގްރާމް އިފްތިތާހްކޮށް ދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރެވެ.

ހުނަވަރު ޕްރޮގްރާމް އިފްތިތީހުކޮށްދެއްވުމަށް ފަހު ނަޒީރު ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ މުސްތަގްބަލް ކަމަށާއި ޒުވާނުންގެ ކިބައިގައި ބޭނުންވާ ހުނަރު އަށަގަންނަވަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި ރާއްޖޭގައި މިދަނީ ދުވަހަކު ނުދެކޭވަރު ބިޔަ މަޝްރޫއުތަކެއް ހިންގަމުން ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ.

"މިފަދަ މަޝްރޫއުތަކަށް ޒުވާނުން ބޭނުންވޭ. ތަފާތު މަޝްރޫއުތަކެއް ހިންގަމުން އަންނައިރު ވަކިވަކި ތަންތަނަށް ހުނަރުވެރި ޒުވާނުން ބޭނުންވޭ،" ނަޒީރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަޒީރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް ނިންމާ ކޮންމެ ދަރިވަރަކަށް ވަޒީފާގެ ފުރުސަތުތައް ހަމަޖެހޭނެ ކަމަށެވެ.

ސްކޫލުތަކުގައި ފެށި ދަސްވާރު ޕްރޮގްރާމްގެ ދަށުންވެސް ގިނަ ކުދިންތަކެއް މިހާރު ވެސް ވަޒީފާގެ މާހައުލަށް ނުކުމެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، މި ސަރުކާރަކީ ޒުވާނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސަރުކާރެއް ކަމަށެވެ.

"ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެމްޓީސީސީ ވަރަށް ބޮޑަށް ކުރިއަރައިފި. މި ކުންފުނީގެ އަމާޒަކީ އަހަރަކު 200 ޒުވާނުން ތަމްރީންކުރުން،" ޒިޔަތު ވިދާޅުވިއެވެ.

comment ކޮމެންޓް