ށ. ގާކޮށިބީގައި ހިންގާ ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓުގައި ބެހެއްޓި އިންސާނުންގެ ސިފަ ރަމްޒުވާ ގޮތަށް ހަދާފައި ހުރި ބުދުތައް ބަހައްޓަން ސަރުކާރުން ހުއްދަ ނުދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތަކާ ބެހޭގޮތުން މިިނިސްޓަރު ޒަމީރު "ސަން" އަށް ވިދާޅުވީ ރިސޯޓުތަކުގައި ކަނޑު އަޑީގެ މިއުޒިއަމް ފަދަ ތަންތަން ހެދުމަށް ސަރުކާރުން ވަކި ހުއްދައެއް ނަގަން ނުޖެހޭ ކަމަށެވެ. ނަމަވެސް ސިއްރު ފެންފުށީގައި ހެދި ގެލަރީ ހެދުމަށް އެ ރިސޯޓުން ބޭނުންވެގެން އެކަން ކުރުމަށް އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައި ގެލަރީ ހެދުމުގެ ހުއްދަ ދިން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އީއައިއޭ ހެދި ނަމަވެސް އޭރު ސިއްރު ފެންފުށީގައި ބަހައްޓަން އުޅުނީ އިންސާނުންގެ ސިފަ ރަމްޒުވާ ފަދަ ބުދުތަކެއް ކަން ސަރުކާރަށް އަންގާފައި ނުުވާ ކަމަށެވެ.
"މީގެ ހައެއްކަ މަސް ކުރިން އެތަނުގައި އަޅުކަން ކުރާ ފަދަ ބުދުތަކެއް ބަހައްޓަން އުޅޭކަން މީޑިއާ އިން އަޅުގަނޑުމެންނަށް އެނގިގެން އެމީހުންނާ ވާހަކަ ދެއްކިން. އިސްލާމީ ވެލިއުތަކާއި ރާއްޖޭގެ ގާނޫނާ ޚިލާފު ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދިން،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތަކަކީ ރާއްޖެއަށް އެތެރެ ކުރި ބުދުތަކެއް ނޫން ކަމަށެވެ. އަދި އެ ބުދުތައް ހަދާފައި ވަނީ އެ ރިސޯޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވަނީ އަންގާފަ އެ ތަކެތި 24 ގަޑިއިރު ތެރޭގައި ނަގައި އެ ބުދުތައް ނަގައި ނިމެންދެން ގެލަރީ ބޭނުން ނުކުރަން،" ޒަމީރު ވިދާޅުވި އެވެ.
ސިއްރު ފެންފުށީގައި ބެހެއްޓި ބުދުތައް ނަގަން އިއްޔެ ސަރުކާރުން ވަނީ ޓުއަރިޒަމް މިނިސްޓްރީ އަށް އަންގާފައެވެ. އަދި މިއަދުގެ ނިޔަލަށް އެ މަސައްކަތް ނިންމުމަށް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.
ސިއްރު ފެންފުށީގައި ހުޅުވި "އިންޓަ ޓައިޑަލް އާޓް މިއުޒިއަމް" އަކީ ދުނިޔޭގައި ވެސް ހުޅުވި އެފަދަ ފުރަތަމަ މިއުޒިއަމެވެ. "ކޮރަލޭރިއަމް"ގެ ނަން ދީފައިވާ އެ މިއުޒިއަމްގައި ޖުމްލަ އިންސާނުން ރަމްޒުވާ 14 "ބުދެއް" ބަހައްޓާފައި ހުރެ އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ސްކަލްޕްޓާ ޖޭސަން ޑިކެއިރިސް ޓެއިލާ ތައްޔާރު ކުރި އެ ގެލަރީ އަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން މީހުންގެ ސަމާލުކަން ލިބޭ ގޮތަކަށް ފަރުމާކޮށްފައިވާ ތަނެކެވެ.