ނޮވެމްބަރު މަހު މީރާއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: މިދިޔަ މަހު އާމްދަނީގެ ގޮތުގައި މީރާއަށް ލިބުނީ 2.2 ބިލިއަން ރުފިޔާ --

މިދިޔަ ނޮވެމްބަރު މަހު 2.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް، ދައުލަތުގެ ޓެކްސް އިދާރާ މީރާއިން މިއަދު ހާމަކޮށްފިއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ އިދާރާއަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.89 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިފަހަރު ލިބުނު އާމްދަނީ 16.6 ޕަސެންޓު އިތުރެވެ.

އެކަން ހާމަކޮށް މީރާއިން ބުނީ، މިދިޔަ މަހު ލިބުނު އާމްދަނީ، އަންދާޒާކުރި ވަރަށް ވުރެ 6.7 ޕަސެންޓު އިތުރު ކަމަށެވެ.

މިއަހަރުގެ ނޮވެމްބަރު މަހު އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނީ، ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. މިއަހަރުން ފެށިގެން ގްރީން ޓެކްސް ބޮޑުކުރުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓު ފީއާއި ޓެކްސް ބޮޑުކުރުމުގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހު ޒިޔާރަތްކުރި ފަތުރުވެރިން އިތުރުވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުންޏެވެ.

މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހަށްވުރެ މިއަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީގެ ތެރެއިން ގްރީން ޓެކުހާއި އެއާޕޯޓުން ފުރަންދާ މީހުންގެ އަތުން ނަގާ ފީ ދެ ގުނަ އިތުރުވެފައިވެއެވެ.

މީގެ އިތުރުން އެއާޕޯޓަށް ނަގާ ފީ އާއި ދިގު މުއްދަތަކަށް ދަނޑުވެރިކަމަށް ދޫކުރާ ރަށްތަކުން ނަގާ ކުލިވެސް ދެ ގުނަ އިތުރުވެފައިވާކަން އެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭ ހިމެނެނީ:

  • ޓީޖީއެސްޓީ ހިމެނޭހެން ޖީއެސްޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ
  • ގްރީން ޓެކުހުގެ ގޮތުގައި 191 މިލިއަން ރުފިޔާ
  • އިންކަމް ޓެކުހުގެ ގޮތުގައި 131.7 މިލިއަން ރުފިޔާ
  • ފުރާ މީހުން އަތުން ނަގާ ޓެކުހުގެ ގޮތުގައި 164.99 މިލިއަން ރުފިޔާ
  • ޖޫރިމަނާގެ ގޮތުގައި 8.98 މިލިއަން ރުފިޔާ
  • ޕްލާސްޓިކް ކޮތަޅުތަކުން ނަގާ ފީގެ ގޮތުގައި 522،465 ރުފިޔާ
  • މުދަލު ޒަކާތުގެ ގޮތުގައި 4.25 މިލިއަން ރުފިޔާ
comment ކޮމެންޓް